ރާއްޖެއަށް ޑްރަގް ހިފައިގެން އައި އީރާނުގެ ބޯޓެއް އަތުލައިގެންފި

ރާއްޖެއަށް ޑްރަގު ހިފައިގެން އައި އީރާނުގެ ބޯޓު

ރާއްޖެއަށް ޑްރަގު ހިފައިގެން އައި އީރާނުގެ ބޯޓެއް ކޯސްޓު ގާޑުން އަތުލައިގެންފިއެވެ.

ފުލުހުން މިރޭ ކުރި ޓްވީޓެއްގައި ވަނީ އެ ބޯޓު އަތުލައިގެންފައި ވަނީ މޯލްޑިވްސް ޕޮލިސް ސާވިސް އާއި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް ގުޅިގެން ހިންގި ޖޮއިންޓް އޮޕަރޭޝަނެއްގައި ބ. އަތޮޅުގެ ހުޅަނގުން 126 ނޯޓިކަލް މޭލު ބޭރުން ކަމަށެވެ.

ފުލުހުން ބުނީ އެ ބޯޓަކީ އެ ސަރަހައްދުގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތި ޓްރެފިކް ކުރާ ބޯޓެއް ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.

މާލެ ސަރަހައްދަށް ގެނެސް އެ ބޯޓު ބަލައި ފާސްކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި މިހާތަނަށް ގިނަ އަދަދެއްގެ މަސްތުވާތަކެތި އެ ބޯޓުން ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެ މައްސަލައާ ގުޅިގެން ހަތް މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ދާދިފަހުން ވަނީ ގދ. އަތޮޅުގެ ފަޅު ރަށެއް ކަމަށްވާ ހުޅުވާރުލުގައި ވަޅުލާފައި ވަނިކޮށް 150 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައެވެ. އެއީ ކަނޑުމަގުން ރާއްޖެ އެތެރެ ކުރުމަށްފަހު ލޯންޗެއްގައި އެރަށަށް ގެންގޮސް ވަޅުލާފައިވާ މަސްތުވާތަކެތި ކަމަށް ފުލުހުން ބުންޏެވެ. އެ މައްސަލައާ ގުޅިގެން ފުލުހުން ވަނީ ހަތަރު މީހަކު ހައްޔަރުކޮށްފައެވެ.

comment ކޮމެންޓް