ތޮއްޑޫ އިން މާލެއަށް 30 ޓަނުގެ ކަރާ، އަގު ހެވެއް ނުވޭ!

ތޮއްޑޫ ކަރާ މާލެ ގެނައުމަށް ގޯނިތަކަށް އަޅާފައި --- ސަން ފޮޓޯ: އަހުމަދު ޝަރުވާން

ރޯދަ މަހުގެ ފުރަތަމަ ދުވަހު އއ. ތޮއްޑޫ އިން 30 ޓަނުގެ ކަރާ މާލެ ގެނެސްފި އެވެ. އެހެން ނަމަވެސް މާރުކޭޓުގައި ކަރާގެ އަގު އިއްޔެއާ އަޅާ ބަލާއިރު ކުޑައެއް ނޫނެވެ.

ތޮއްޑޫ އިން މާލެއަށް ތަކެތި ސަޕްލައި ކުރާ ވިޔަފާރިވެރިޔަކު 'ސަން' އަށް ބުނީ، އެ ރަށުގެ އެކި ދަނޑުތަކުން ހައްދާފައިވާ ކަރާ ހިފައިގެން ދެ ދޯންޏެއް މިއަދު ފަތިހު މާލެ އައި ކަމަށެވެ.

"ބޮޑު ދޯނީގައި 25 ޓަނު އަދި ކުޑަ ދޯނީގައި ފަސް ޓަނުގެ ކަރާ މިއަދު ފަތިހު ވާނީ މާލެ ގެނައިސްފައި،" އޭނާ ބުންޏެވެ.

ދަތުރުވެރިންގެ މާރުކޭޓުގައި ކަރާ: ކަރާ ކިލޯ އެއް ހުރީ 35 އާއި 40އާ ދެމެދު -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

ތިރީސް ޓަނުގެ ކަރާ މާލެ ގެނައި ނަމަވެސް މާރުކޭޓުގައި ކަރާ ކިލޯ އެއް ހުރީ އިއްޔެ އެކޭ ވެސް އެއް ގޮތަށް، ކިލޯއެއް 40 ރުފިޔާގަ އެވެ. ކަރާ ތިޔާގި ވި ނަމަވެސް އަގު ތިރި ނުވަނީ ޑިމާންޑް ބޮޑު ކަމުން ކަމަށް މާރުކޭޓުގައި ގޮޅިއެއްގައި ގެންގުޅޭ ވިޔަފާރިވެރިއަކު ބުންޏެވެ.

"ކަރާ ލިބުން ދައްޗެއް ނޫން. ރޯދަ މަހުގެ ފުރަތަމަ ދުވަހު މި އަގުގައި ކަރާ ހުއްޓަސް މި ވަރަށް ލިބެންޔާ އަގު ތިރިވެސް ވެދާނެ،" ދަތުރުވެރިންގެ މާރުކޭޓުގެ ގޮޅިއެއްގެ ވިޔަފާރި ވެރިޔަކު ބުންޏެވެ.

އެހެން އަހަރުތަކާއި ހިލާފަށް މި އަހަރަކީ ތޮއްޑޫގެ ދަނޑުބިންތަކަށް ތިޔާގި އަހަރެއް ކަމަށް އެ ރަށުގެ ދަނޑުވެރިން ބުނެ އެވެ. މި އަހަރުގެ ރޯދަ މަސް ނިމެންދެން އެއްވެސް 'ތާށި' ކަމެއްނެތި ކަރާ ލިބޭނެ ކަމުގެ ޔަގީންކަން ތޮއްޑޫ ދަނޑުވެރިންދެ އެވެ.

"މި އަހަރު މޫސުން ވެސް ވަރަށް ރަނގަޅު. މިދިޔަ އަހަރު ވެސް ވީ ގޮތަކީ މާ ޖައްސާ ދުވަސްވަރާ ދިމާކޮށް ވިއްސާރަވީ އެނެއް ކޮޅުން ގިނަ ދަނޑުތައް ފަނި އަޅައި ވަރަށް ބޮޑަށް ހަލާކުވި،" ތޮއްޑޫގެ ދަނޑުވެރިޔަކު ބުންޏެވެ.

ކަނޑޫދޫ މިރުސް: މިރުސް ކިލޯއެއް ހުރީ 950 އާއި 1000 ރުފިޔާއާ ދެމެދުގެ އަގުތަކެއްގައި --- ސަން ފޮޓޯ: އަހްމަދު އަވްޝަން އިލްޔާސް

މާރުކޭޓުގައި ކަރުލުގެ އަގު މަތީގައި ހުރި އިރު މިރުހުގެ އަގު ވެސް ހުރީ އިއްޔެއެކޭ އެއް ގޮތަށް ކިލޯއެއްގެ މިރުސް، 950 ރުފިޔާ އާއި 1000 ރުފިޔާ އާ ދެމެދު އެވެ. ނަމަވެސް ރާއްޖެ އިން ބޭރުން އެތެރެކުރާ ތޮޅި މިރުސް ހުރީ ކިލޯއެއް 550 ރުފިޔާއަށެވެ.

ބާޒާރުގެ އަގުތައް:

ކަރާ: 30-40ރ. ކިލޯ

މިރުސް: 950-1000ރ. ކިލޯ

އަލަނާސި: 45-50ރ. ކިލޯ

ލުނބޯ: 35-40ރ. ކިލޯ

ކިޔުކަންބާ: 35ރ. ކިލޯ

ޕެޝަން ފުރުޓު: 30-80ރ ކިލޯ

ފޭރު: 60-75ރ. ކިލޯ

ބޭރު އަނބު: 70-100ރ. ކިލޯ

3 ކޮޕީ ފަތް: 10 ރުފިޔާ އަށް

ކުޑަ ކުއްޅަ ފިލާ ބޮޑިއެއް: 20 ރުފިޔާ އަސް

ކަންކުން ފަތް ބޮޑި އެއް: 8 ރުފިޔާ އަށް

ކުރުނބާ: ކުޑަ 20، މެދު 25، ބޮޑު 40ރ.

ޗައިނީޒް ކެބެޖު: 75 ރުފިޔާ އަށް

ބާޒާރުގައި އިއްޔެ ތިޔާގިކޮށް ހުރި ރަތް ޖަނބުރޯލި މިއަދު ވަރަށް މަދެވެ. އަދި ދިވެހި ދޮން އަނބު ވެސް މަދުކަން ފާހަގަކޮށްލެވެ އެވެ. ތިން އަނބާއި ފަސް އަނބާއި ދެމެދުގެ ބޮޑިއެއް ލިބެން ހުރީ 100 ރުފިޔާ އަށެވެ.

comment ކޮމެންޓް