ތަކެތީގެ އަގު ދަށް ކުރަން ވަގުތީ މާރުކޭޓުތަކެއް އަޅަނީ

ލޯކަލް މާރުކޭޓް ގޮޅިއަކުން މޭވާ ނެގުމައް ފަހު ވިއްކަނީ -- ސަން ފޮޓޯ/ އަހްމަދު އަވްޝަން އިލްޔާސް

ރޯދަ މަހާ ދިމާކޮށް ކާބޯތަކެތީގެ އަގު މަތިވަމުން ދާތީ، އަގޔ ދަށް ކުރުމުގެ ގޮތުން މާލޭގެ އެކި ސަރަހައްދުތަކުގއި ވަގުތީ މާރުކޭޓުތަކެއް އަޅަން ނިންމައިފި އެވެ.

ރާއްޖެޓީވީގެ ފަލަ ސުރުހީ ޕްރޮގްރާމްގައި ރޭ ވާހަކަފުޅު ދައްކަވަމުން މާލޭ ސިޓީގެ ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފް ވިދާޅުވީ މާލޭގައި ވަގުތީ މާރުކޭޓުތަކެއް އަޅަން މިހާރު ފަށާފައިވާ ކަމަށެވެ. އަދި ގިނަ ސަރަހައްދުތަކެއްގައި ވަގުތީ މާރުކޭޓުތަކެއް ހުޅުވަން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ޝަމާއު ވިދާޅުވީ މާލޭ ވެސްޓްޕާކު ސަރަހައްދުގައި ވަގުތީ މާރުކޭޓެއް އެޅުމުގެ އިތުރުން ވިލިމާލޭގައި ވެސް މާރުކޭޓެއް އެޅުމުގެ މަސައްކަތް ކުރިއަށް ގެންދާ ކަމަށެވެ. އަދި މި ހަފްތާތެރޭ މާލޭ ނޯތު ހާބަރުގައި ވެސް ވަގުތީ މާރުކޭޓެއް ހުޅުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ޝަމާއު އިތުރަށް ވިދާޅުވީ ތަކެތީގެ އަގު ކޮންޓްރޯލްކުރުމަށް ސިޓީ ކައުންސިލަށް ކުރެވެން ހުރި މަސައްކަތްތަކެއް ކުރާނެ ކަމަށެވެ. އަދި އަމިއްލަ ފަރާތްތަކުން ވެސް ހުސްޖާގަތަކުގައި މާރުކޭޓްތައް ހިންގުމަށް ހުޅުވާލާފައިވާނެ ކަމަށް ވެސް ޝަމާއު ވިދާޅުވި އެވެ.

"މި މާރުކޭޓްތައް ހުޅުވުނީމާ، ކުރިއަށް އޮތް ހަފްތާއެއްހާ ދުވަސް ތެރޭގައި ރާއްޖޭގެ އުފެއްދުންތަކުގެ އަގު ކޮންޓްރޯލްކުރެވިގެންދާނެ ކަމަށް ވަރަށް ބޮޑަށް ބެލެވޭ،" ޝަމާއު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ކުރިއަށް އޮތްތަނުގައި ރައްޔިތުންނަށް ހެޔޮ އަގުގައި ކާބޯތަކެތި ލިބޭނެ އެވެ.

"ދަނޑުވެރިމީހާ އުފައްދާ ތަކެތި ގެނެސް ވިއްކުމުން މާރުކޭޓުގައި ވިއްކަނީ ތިންވަނަ ފަރާތެއް މެދުވެރިކޮށް. އެއީ ތަކެތީގެ އަގު ބޮޑުވުމަށް ދިމާވާ އެންމެ ބޮޑު ސަބަބަކީ. އެކަން މި މާރުކޭޓްތަކުން ހައްލުވާނެ،" ޝަމާއު ވިދާޅުވި އެވެ.

ކޮންމެ ރަމަޟާން މަހާ ދިމާކޮށް ރާއްޖޭގެ ބާޒާރުގައި ތަކެތީގެ އަގު ބޮޑުވުމަކީ އާންމުކޮށް ދިމާވާ ކަމެކެވެ. މިއަހަރުވެސް އެ މައްސަލަ އަންނަނީ ކުރިމަތިވަމުން އެވެ.

comment ކޮމެންޓް