އިސްރާއީލާއި ޣައްޒާއިން ހަމަލާތައް ހުއްޓާލަން އެއްބަސްވެއްޖެ

ހޮނިހިރު ދުވަހު ދިން ހަމަލާތަކުގައި މަރުވި ފަލަސްތީނުގެ ކުއްޖާގެ ޖަނާޒާއަށް ތައްޔާރުވަނީ. އެހަމަލާތަކުގައި ފަލަސްތީނުން 23 މީހުން މަރުވި -- ފޮޓޯ: އޭޕީ

ގުދުސް (މެއި 6) -- އިސްރާއީލާއި ޣައްޒާއިން ހުކުރު ދުވަހު ދޭން ފެށި ހަމަލާތައް ހުއްޓާލަން އެއްބަސްވެއްޖެ ކަމަށް ފަލަސްތީނުގެ އޮފިޝަލުން ވިދާޅުވެއްޖެ އެވެ.

ޣައްޒާގައި ވެރިކަން ކުރާ ހަމާސްއިން ހިންގާ ޓީވީ ސްޓޭޝަނަކުން ބުނި ގޮތުގައި ދެ ފަރާތުން އެއްބަސްވުމަކަށް އައިސްފައި ވަނީ މިއަދު ފަތިހުގެ ވަގުތެއްގަ އެވެ. އަދި އެއްބަސްވުން ހެދުމުގައި މިސްރުން ވަނީ އދ. އާއި ގަތަރުގެ އެހީއާ އެކު މެދުވެރިއެއްގެ ރޯލު އަދާކޮށްފަ އެވެ.

އެ އެއްބަސްވުމާ ބެހޭ ގޮތުން އިސްރާއީލުން އަދި ވަކި އެއްޗެކޭ ނުބުނެ އެވެ. ނަމަވެސް އެގައުމުގެ އަސްކަރިއްޔާއިން ވަނީ، ހަފްތާ ބަންދު ތެރޭ ދިން ހަމަލާތަކާ ގުޅިގެން އެގައުމުގެ ދެކުނުގައި އެޅި ރައްކާތެރިކަމުގެ ފިޔަވަޅުތައް އުވާލާފަ އެވެ.

އިސްރާއީލް ޑިފެންސް ފޯސެސް (އައިޑީއެފް)އިން ބުނާ ގޮތުގައި ޣައްޒާއިން ވަނީ އެގައުމާ ދިމާލަށް 690 ރޮކެޓު ފޮނުވާފަ އެވެ. އަދި އެގައުމުގެ ޑޯމް މިސައިލް ޑިފެންސް ސިސްޓަމުން ވަނީ އޭގެ ތެރެއިން 240 ރޮކެޓު ހަމަލާތައް ހުއްޓުވާފަ އެވެ.

އައިޑީއެފްއިން އިތުރަށް ބުނި ގޮތުގައި ފާއިތުވި 48 ގަޑި އިރު ތެރޭ އިސްރާއީލުން ވަނީ ހަމާސް އާއި އިސްލާމިކް ޖިހާދު މޫވްމެންޓަށް ނިސްބަތްވާ 350 ސަރަހައްދަކަށް ހަމަލާ ދީފަ އެވެ.

އެހަމަލާތަކުގައި ފަލަސްތީނުގެ 23 މީހުން މަރުވެ، އިސްރާއިލުން ހަތަރު މީހުން ވަނީ މަރުވެފަ އެވެ. ފަލަސްތީނުން މަރުވި މީހުންގެ ތެރޭގައި ދެ މާބަނޑު އަންހެނުންނާއި ކުޑަ ކުއްޖަކު ހިމެނެ އެވެ.

ޣައްޒާގެ ހެލްތް މިނިސްޓްރީން ބުނި ގޮތުގައި އެއް އަހަރުގެ ސީބާ އަބޫ އަރާރު މަރުވީ އިސްރާއީލުން ދިން ވައިގެ ހަމަލާއެއް ކުއްޖާގެ ގެ ކައިރިއަށް އަމާޒުވުމުންނެވެ. ނަމަވެސް އިސްރާއީލް އަސްކަރިއްޔާއިން ވަނީ އެތުހުމަތު ދޮގުކޮށްފަ އެވެ. އަދި ކުޑަކުއްޖާ މަރުވީ ފަލަސްތީނުން ދިން ރޮކެޓު ހަމަލާއެއް ނާކާމިޔާބުވުމުގެ ސަބަބުން ކަމަށް ބުނެފަ އެވެ.

comment ކޮމެންޓް