ރޯދަ މަހު އެންމެ ބުރަކޮށް އުޅެނީ މި މީހުން!

ދިވެހި ރާއްޖޭގެ މަސްވެރިން އަވަދި ނެތި ކުރު ދޮށީގައި މަސް ބާނަނީ --- ފޮޓޯ/ ދިވެހި މަސްވެރިންގެ ޖަމިއްޔާ

މި ފަހުލަވާނުންނަށް ރޯދައެއް އީދެއް ތަފާތެއް ނެތެވެ. ބޮޑު ފަތިހާ ހޭލައިގެން މަސް ބޭނުމަށް އެހެރަގެން ދަނީ އެއްވެސް ހިޔާލެއް ފިކުރެއް ނެތި އެވެ. މަސް ބާނައިގެން ދޯނިތައް ރަށަށް އަންނާނެ ވަގުތަކަށް، ބޮޑެތި ބާލިދީތަކާއި ބަރޯތައް ހިފައިގެން މަސް ގަންނަން ދަމާލައި ދިގު ކިއުތަކާއި މާލޭ މަސް މާރުކޭޓުގެ ހަލަބޮލިކަން ނިކަން ދެކިބަލާށެވެ.

މިއީ ހަމަ ގަދަފަދަ ދިވެހި މަސްވެރީންގެ މަސައްކަތަށް އަހަރުމެން ބަރޯސާވާ ވަރެވެ. ގެއެއްގެ ސުފުރާ މަތީގައި މަހުގެ ބާވަތެއް ނެތްނަމަ އެ ސުފުރާއެއް ފުރިހަމަވީ ކަމަކަށް ނުވެ އެވެ. މަސް ނެތި ދިވެހިންގެ ބަދިގެއަށް އަލިފާނެއް ލެވޭ ކަމަކަށް ނުވެ އެވެ. ދޭހާ އަތްވެއް ވެހޭހާ ވާރެއަކަށް ބެލުމެއް ނެތި މި ހީވާގި މަސްވެރިން މި ފަދަ ރޯދަ މަހުވެސް ކުރަނީ ކިހާ ބުރަ މަސައްކަތެއް ހެއްޔެވެ؟

ދިވެހި ރާއްޖޭގެ މަސްވެރިން އަވަދި ނެތި ކުރު ދޮށީގައި މަސް ބާނަނީ --- ފޮޓޯ/ ދިވެހި މަސްވެރިންގެ ޖަމިއްޔާ

ގެމަނަފުއްޓަށް ނިސްބަތްވާ މަސްވެރިއެއް ކަމަށްވާ، އަބްދުލް މުއްތޮލިބު "ސަން"އަށް ބުނި ގޮތުގައި، ރަމަޟާން މަހު ރޯދައަށް ހުރެވެސް މަސްވެރިކަމުގައި އުޅެނީ ވަރަށް ވެސް އަވަދިނެތި އެވެ. އެންދެމުމަށް ފީނަން ދަނީ ރޯދަ ވީއްލައި، މަޣްރިބު ނަމާދު ކޮށްގެން އެވެ. މުއްތޮލިބު ބުނި ގޮތުގައި އެގޮތަށް އެ މީހުން މަސައްކަތް ރާވާ ސަބަބަކީ، ރޯދައަށް ހުރެ ފީނުމަކީ މާ ބޮޑަށް ބުރަ ކަމަކަށް ވާތީ އެވެ.

އެހެން ވީމާ މަސްވެރިން މިތިބެނީ، ހުސްބަޑާ ހުރެވެސް ކުރަންޖެހޭ ހަލާލު މަސައްކަތް ކުރަން ހަމަ އެއްވެސް ޝަކުވާއެއް ނެތި އެވެ. މަސްބޭނުމުގެ މަސައްކަތް ކިތަންމެ ބުރަވެފައި ގިނަ ވަގުދު ކަނޑުމަތީގައި އަވަދިނެތި އުޅެން ޖެހުނަސް އަޅުކަންތައްތަކުގެ މަތިން މި މަސައްކަތްތެރިން ހަނދާނެއް ނުނެތެ އެވެ. މުއްތޮލިބު ބުނާ ގޮތުގައި ރޯދަމަހު އަޅުކަމަށް އިތުރަށް ވަގުތު ދިނުމުގެ ގޮތުން މަސްވެރިކަމުގެ އާންމު ބައެއް އާދަތަކަށް ބަދަލު ގެނެ އެވެ.

އާންމުކޮށް މާ ދުރުގައި މަސްވެރިކަން ކުރާ ނަމަވެސް ރޯދަމަހު މަސްވެރިން ބަލަނީ އަތޮޅާ ވީހާވެސް ކައިރިން މަސްއައިނެއް އަތުޖެހޭތީ އެވެ. އެން ދަމާ ނިމުނުހާ އަވަހަކަށް 30-45 މޭލު ދުރަށް އޮޑި މިސްރާބު ޖަހާއިރު، މަސްވެރިން އަވަސްވެގަންނަނީ ތަރާވީސް ބުއިމަށާއި ގައިގައި ވަރު ޖައްސާލުމަށެވެ.

ދިވެހި ރާއްޖޭގެ މަސްވެރިން އަވަދި ނެތި ކުރު ދޮށީގައި މަސް ބާނަނީ --- ފޮޓޯ/ ދިވެހި މަސްވެރިންގެ ޖަމިއްޔާ

މޫދުގައި އުޅެ ވަރުބަލި ކަމުގައި ރޯދަ ވީއްލާފައި ބާކީ ހުރި ނަމަ ހުރި އެއްޗެއް ވިއްޔާ ކައި ހުސްކޮށްލުމަކީ މަސްވެރިންގެ އާދައެކެވެ.

"އެން ދަމައިގެން އަންނަ ގަޑީގައި، ޖެހުނު އެއްޗެއް ވިއްޔާ ކައި ހުސްކޮށްލާނެ. ދެން ހާރު ދަމަށް އަނެއްކާ ކައްކާނެ. އާންމު ގޮތެއްގައި ހާރު ދަމަށް ހުންނާނީ ރިހަޔާ، ބަތާ، ރޮށްޓާ، ގަރުދިޔަޔާ އެއްޗެހި. ދެން ބޭނުންވާ ބަޔަކަށް ބަތްޕެން ކަހަލަ އެއްޗެހިވެސް ލިބޭނެ، ރަށުގައި ހުންނަ ގެއިން ލިބޭ ކެއުމެއް ވުރެން ވަކި ދެރައެއް ނުވާނެ މިތާ އެއްޗެއްސެއް،" މުއްތޮލިބު ކަޔައިދިނެވެ.

އެންދަމައިގެން ދޯނި ދަތުރުކުރަމުން ގޮސް އެ މީހުންގެ މަންޒިލަށް އާންމު ގޮތެއްގައި އާދެވޭނީ ފަތިސް ވަގުތު ކަމުން މަސް ބޭނުމުގެ އަމަލީ މަސައްކަތް ފަށަނީ ފަތިސް ނަމާދަށް ފަހު އެވެ.

ހެނދުނު އިރު އަރަންވާ އިރު ތިބެވޭނީ މަސް ބާނާ ސަރަހައްދުގަ އެވެ. ފިޝް ފައިންޑަރުގެ އެހީގައި މަސް އައިން ހޯދައި، އެން ހުސްވަންދެން މަސް ބާނާލަނީ އެވެ.

"އެކަމު ގިނަ ފަހަރަށް ވާ ގޮތަކީ އެމަށް ޖެހޭ އެއްޗެއްގެ ސަބަބުން އައިން ވަރަށް އަވަހަށް ދެރަކޮށްލާ. މިބުނީ މިސާލަކަށް ބޯދި ޖަހައިފިއްޔާ 15 ވަރަކަށް މިނަޓުގެ ތެރޭގައި ބޭނި އެއްޗެއް ބޭނޭނީ. ދެން އަނެއްކާ ވެސް އެހެން އައިނެއް ހޯދަން ޖެހޭނީ." މަސްވެރިޔާ ކިޔައިދިނެވެ.

ދޮށިތައް ބަހައްޓައި މެންދުރު ނަމާދަށް މަސްވެރިކަން މެދުކަނޑާލަ އެވެ. އައިނުގައި ޖެހި ލަސްވާ ފަހަރުތައްވެސް އާދެ އެވެ. ނަމަވެސް ވީހާވެސް އަވަހަކަށް ނަމާދު ކުރުމަށް އެމީހުން އިސްކަން ދެއެވެ.

ގަދަ ކަނޑުގައި ދޯނި ދުއްވާ އިރު ވެސް މަސްވެރިއަކު ނަމާދު ކުރާ މަންޒަރު---

ގަޑިން މެންދުރު 2:00 ހާ އިރު ކުރާ މަސައްކަތެއް ހުއްޓާލާފައި އެންމެން އަވަސްވެގަންނަނީ ރޯދަ ވީއްލާ ވަގުތަށް ކާބޯތަކެތި ތައްޔާރުކުރުމަށެވެ. މި ކަމުގައި އެންމެންވެސް ބައިވެރިވާނެ އެވެ. ގާތްގަނޑަކަށް 20 އަކަށް ފަޅުވެރީންނަށް ކާން ހެދުމަކީ އެންމެ މީހަކަށް ވާނެ ކަމެއް ނޫނެވެ.

"ފަޅުވެރިންގެ މެދުގައި ގްރޫޕުތައް ބަހާފައި އޮވޭ. އެއްބަޔަކު މަސްގަނޑު ހަދާއިރު އަނެއް ބަޔަކު ފުއްގަނޑު ހަދާނެ. ދެން ފަނި ގިރާ ބަޔަކުވެސް އުޅޭނެ. އެކަހަލަ ގޮތަކަށް، ވަރަށް ފޯރީގައި އެންމެންގެ އެހީވެސް ލިބިގެން ކުރިއަށް ދާނީ،" މުއްތޮލިބު ބުންޏެވެ.

މަސް ދޯންޏެއްގައި ރޯދަ ވީއްލުމަށް ވަރުގަދަ ކެއުން ގަނޑެއް ތައްޔާރު ކޮށްފައި --- ފޮޓޯ/ ދިވެހި މަސްވެރިންގެ ޖަމިއްޔާ

އިރު އޮއްސުމުގެ ކުރިން ގުރުއާން ކިޔަވާލުމަށާއި އަރާމުކޮށްލުމަށް ވަގުތުކޮޅެއް ހުސްކުރުމަށްޓަކައި، އެންމެންވެސް ކެއްކުމުގެ މަސައްކަތް ވީހާވެސް އަވަހަކަށް ނިންމާލެވޭތޯ މަސައްކަތްކުރެ އެވެ.

ރާއްޖޭގެ 99 އިންސައްތަ ސަރަހައްދަކީ ކަނޑު ކަމުގައިވާ އިރު، އެ ކަނޑުތަކުން ނަފާ ހޯދައި މަސްވެރިކަމުގައި އުޅޭ ޒުވާނުންގެ އަދަދުވެސް ދަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުން އެވެ.

ރޯދަ މަހަކަށް މި އެންމެންވެސް ދަނީ މަސައްކަތުގައި ނަމޫނާ ދައްކަމުންނެވެ. ރޯދަ މަހުވެސް ހުއްޓާނުލާ ގަދަކަނޑުތަކުގައި އެންމެ ބުރަ މަސައްކަތެއް ކުރާ ބަޔަކީ އަހަރުމެންގެ މަސްވެރިން އެވެ.

comment ކޮމެންޓް