"ރެއާލް މެޑްރިޑަށް މީހުން މިހާރު އިހުތިރާމެއް ނުކުރޭ"

ރެއާލް މެޑްރިޑްގެ މިޑްފީލްޑަރު ލޫކަސް ވަޒްކުއެޒް --- ފޮޓޯ/ ސަޗާ ޕިސަނީ

ވޭތުވެ ދިޔަ ތިން ސީޒަނުގައި ރެއާލް މެޑްރިޑް ހޯދި ކާމިޔާބީތައް ހަނދާން ނެތި އެ ކުލަބަށް މީހުން ކުރަމުން އައި އިހުތިރާމު މިހާރު ނުފެންނަ ކަމަށް އެ ޓީމުގެ މިޑްފީލްޑަރު ލޫކަޒް ވަޒްކުއެޒް ބުނެފި އެވެ.

ރޭ ސްޕެނިޝް ލީގުގައި ވިލަރެއާލާއި ދެ ކޮޅަށް ކުޅުނު މެޗުން ރެއާލް މޮޅުވި ނަމަވެސް އެ ޓީމުން މި ސީޒަން ނިންމާލަން ޖެހޭނީ ތާވަލުގެ ތިން ވަނައިގައި ވާދަވެރި ބާސެލޯނާއާއި 15 ޕޮއިންޓް ދަށުންނެވެ. ލީގުގެ ކަޕުގެ އިތުރުން ޗެމްޕިއަންސް ލީގުން ވެސް ކަޓާފައިވާ ރެއާލް މެޑްރިޑް މި ސީޒަން ހުސްއަތާ އެކު ނިންމާލަން ޖެހުނު ނަމަ ވެސް އަންނަ ސީޒަނުގައި އެ ޓީމަށް ކުޅުންތެރިންތަކެެއް ގެނެސް ޓީމު ވަރުގަދަ ކުރާނެ ކަމަށް އެ ޓީމުގެ ކޯޗު ޒައިނުއްދީން ޒިދާން ވަނީ ބުނެފަ އެވެ.

ގިނަ ދުވަސްތަކެއް ވަންދެން ރެއާލް މެޑްރިޑާ އެކު ކުޅެ ބޮޑެތި ކާމިޔާބީތައް ހޯދުމަށްފަހު އެ ޓީމުގެ ރަމްޒުދާރެއްގެ ޝަރަފު ވެސް ލިބިފައިވާ ޒިދާން ވޭތުވެ ދިޔަ ސީޒަން ނިމުމަށްފަހު އެ ކުލަބު ދޫކޮށްލުމަށް ފަހު އިތުރު ދެ ކޯޗެއް ވަނީ ރެއާލަށް ކޯޗުކަން ކޮށްދީފަ އެވެ. ނަމަވެސް ޓީމުގެ ހާލަތު ދަށްވެ ޓީމުގައި ތިބި ކުޅުންތެރިން ވެސް އެހެން ކުލަބުތަކަށް ބަދަލުވާން އުޅޭ ކަމުގެ ވާހަކަތައް ފެތުރެން ފެށުމުން އެ ކުލަބުގެ ރައީސްގެ އެދުމުގެ މަތިން ޒިދާން ވަނީ އެނބުރި ރެއާލްގެ ކޯޗު ކަމާ ހަވާލުވެފަ އެވެ.

ވޭތުވެ ދިޔަ ތިން ސީޒަނުގައި ވެސް ޗެމްޕިއަންސް ލީގު ހޯދުމުގެ އިތުރުން އެއްފަހަރު ސްޕެނިޝް ލީގު ވެސް ރެއާލުން ވަނީ ހޯދާފަ އެވެ. ނަމަވެސް އެ ކަންތައް މީހުން ހަނދާން ނެތި އެ ކުލަބަށް ކުރާ އިހުތިރާމު ނުފެންނަ ކަމަށް އެ ޓީމުގެ މެދުތެރެއަށާއި އަރިމައްޗަށް ކުޅެމުން އަންނަ ލޫކަޒް ވަޒްކުއެޒް ވަނީ ބުނެފަ އެވެ.

"ކުރިއަށް އޮތްތާގައި ވެސް އަހަރެން މި ކުލަބުގައި މަޑު ކުރަން މިހުރީ ތައްޔާރަށް. މިއީ އަހަރެން އަބަދުވެސް އެންމެ ބޭނުންވި ކުލަބު. ކުލަބުން ބޭނުންވާހާ ހިނދަކު އެހެން ކުލަބަކަށް ދާކަށް ނުވިސްނަން. މިހާރު އެއްބަސްވުން އޮތީ 2021 ހަމައަށް،" ރޭގެ މެޗަށް ފަހު ނޫސްވެރިންނާއި ވާހަކަ ދައްކަމުން ވަޒްކުއެޒް ބުންޏެވެ.

"މި ކުލަބުން ހޯދި ކާމިޔާބީތަކަށް ބަލައި ކުޅުންތެރިންނާއި ކުލަބަށް މީހުން ކުރާ އިހުތިރާމް ގެއްލިއްޖެ. އެންމެ ސީޒަނެއްގައި ދެއްކި ކުޅުމަކުން އިހުތިރާމަށް ބަދަލު އައުމަކީ ވަރަށް ދެރަ ކަމެއް."

މީގެ އިތުރުން ރެއާލް މެޑްރިޑަކީ ދުނިޔޭގެ އެންމެ މޮޅު ކުލަބު ކަމަށާއި އެ ކުލަބުގައި މަޑު ކޮށްގެން މިހުރީ އުފަލާ އެކު ކަމަށް އެނާ ވަނީ ބުނެފަ އެވެ.

comment ކޮމެންޓް