ޗެލްސީއިން ގަދަ ހަތަރެެއްގެ ޖާގަ ޔަގީން ކުރި އިރު އާސެނަލް މިފަހަރުވެސް ޔޫރަޕާ ލީގަށް

ޗެލްސީގެ ޑިފެންޑަރު ޑޭވިޑް ލުއިޒް ރޭ ވެޓްފޯޑް ކޮޅަށް ގޯލު ޖެހުމަށް ފަހު --- ފޮޓޯ/ޓޮމް ވެބާ

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ފަސޭހަކަމާ އެކު ވެޓްްފޯޑު ބަލިކުރުމަށްފަހު ޗެލްސީ އިން ގަދަ ހަތަރެއްގެ ޖާގައެއް ޔަގީން ކުރި އިރު ބްރައިޓޮން އަލްބިއަން އަތް ދަށުވެ އާސެނަލް އަނެއްކާވެސް ޔޫރަޕާ ލީގަށް ދާން ޖެހިއްޖެ އެވެ.

ޗެލްސީގެ ސްޓެމްފޯޑު ބުރިޖުގައި ރޭ ކުޅުނު އެ މެޗުން ވެޓްފޯޑުގެ މައްޗަށް އެ ޓީމުން ކުރި ހޯދީ 0-3 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. އެ ނަތީޖާއާ އެކު 37 މެޗު ކުޅެގެން 71 ޕޮއިންޓާ އެކު ޗެލްސީ ވަނީ ތާވަލުގެ ތިން ވަނައަށް ޖެހިލަައިފަ އެވެ. އެ ޓީމާ އެންމެ ގާތުން ދެން ވާދަ ކުރާ ޓޮޓެންހަމްއަށް 70 ޕޮއިންޓް ލިބޭ އިރު ފަސް ވަނައިގައި އޮތް އާސެނަލަށް ލިބެނީ 67 ޕޮއިންޓެވެ.

އާސެނަލްގެ ފޯވާޑް އެލްކްސެންޑަރާ ލަކަޒެޓް ރޭ ބްރައިޓޮންއާއި ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ/ޖޭމީ ސްމިތް

އާސެނަލްގެ އެމިރޭޓްސް ގައި ބްރައިޓޮން އެންޑް ހޯވް އަލްބިއަންއާ ދެކޮޅަށް ރޭ ކުޅުނު މެޗު ނިމިގެން ދިޔައީ 1-1 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރު ވެގެންނެވެ. މި ނަތީޖާއާ އެކު އާސެނަލުން ގަދަ ހަތަރަކަށް އަރުމަށް ކުރަމުން އައި އުންމީދު ވަނީ ފުނޑު ފުނޑު ވެފަ އެވެ.

ލީގުގައި ބާކީ އެއް މެޗު ކުޅެން އޮތް އިރު 67 ޕޮއިންޓް ލިބިގެން އާސެނަލް އޮތީ ތާވަލުގެ ފަސް ވަނައިގަ އެވެ. އެ ޓީމު ގެ މަތިން ހަތަރު ވަނައިގައި އޮތް ޓޮޓެންހަމްއަށް 70 ޕޮއިންޓް ލިބިފައި ވާ އިރު ދެން އަންނަ މެޗަކުން ޓޮޓެންހަމް ބަލިވެ، އާސެނަލް މޮޅު ވެއްޖެ ނަމަ އެ ދެ ޓީމު ޕޮއިންޓުގެ ގޮތުން އެއްވަރުވާނެ އެވެ. ނަމަވެސް ފައިދާ ގޯލަށް ބަލާ އިރު ޓޮޓެންހަމްއިން އުޅެނީ އާސެނަލަށް ވުރެން މާ މަތީގަ އެވެ.

އާސެނަލަށް ގިނަ ދުވަސްތަކެއް ވަންދެން ކުޅެދީފައިވާ ދެ ކުޅުންތެރިން ކަމަށްވާ އާރޮން ރަމްސޭއާއި ޑެނީ ވެލްބެކް އެ ކުލަބާއި ރޭ ވަނީ އަލްވަދާއު ކިޔާފަ އެވެ. އަނިޔާގައި ތިބި އެ ދެ ކުޅުންތެރިން ރޭ ކުޅެފައި ނުވި ނަމަވެސް ރޭގެ މެޗު ކުޅުމުގެ ކުރިން އެ ދެ ކުޅުންތެރިންނަށް އެ ކުލަބުން ވަނީ ޝުކުރު އަދާ ކޮށްފަ އެވެ. ރަމްސޭ ވަނީ މީގެ ދެ މަސް ކުރިން ސީޒަން ނިމުމާ އެކު އޭނާ ޔުވެންޓަސްއާއި ގުޅޭނެ ކަން އިއުލާން ކޮށްފަ އެވެ.

ޔޫރަޕާ ލީގުގެ ސެމީ ފައިނަލުގެ ފުރަތަމަ ލެގުގައި ފަސޭހަ ކަމާ އެކު ވެލެންސިއާ ބަލިކޮށް ފައިނަލުގެ ޖާގައެއް ހޯދުމާއި އާސެނަލް ގާތަށް ޖެހިލާފައި ވީ ނަމަވެސް ރޭ ގެ މެޗުގައި ލިބުނު ހިތްދަތި ކަމަކީ އެ ޓީމުގައި ކުޅުންތެރިން މަޑު ކުރަން އުނދަގޫ ވާނެ ކަމެކެވެ. ނަމަވެސް މިއަހަރުގެ ޔޫރަޕާ ލީގުގެ ތަށި އެ ޓީމަށް ލިބިއްޖެ ނަމަ ޗެމްޕިއަންސް ލީގަށް ކޮލިފައި ވާނެ އެވެ.

ޔޫރަޕާ ލީގުގެ ފައިނަލުގެ ދެވަނަ ޖާގައެއް ޔަގީން ކުރާނެ ކަމަށް ބެލެވޭ ޗެލްސީއިން ވަނީ ރޭގެ މެޗުން ލިބުނު މޮޅާ އެކު އަންނަ ސީޒަނުގައި ޗެމްޕިއަންސް ލީގު ކުޅުމުގެ ފުރުސަތު ލިބިފަ އެވެ. ވެޓްފޯޑާއި ދެކޮޅަށް ރޭ އެ ޓީމުން ކުޅުނު މެޗުގައި ޗެލްސީއިން ވަނީ މޮޅު ކުޅުމެއް ދައްކާފަ އެވެ.

ރޭގެ މެޗުގައި ޗެލްސީއިން ޖެހި ގޯލުތައް އެ ޓީމަށް ޖަހައިދިނީ ރޮބެން ލޮފްޓަސް ޗީކްއާއި ޑޭވިޑް ލުއިޒްގެ އިތުރުން ގޮންޒާލޯ ހިގުއައިން އެވެ.

comment ކޮމެންޓް