މޮސްކޯ އެއާޕޯޓުގައި ޖައްސަން ދިޔަ ބޯޓެއްގައި ރޯވެ 41 މީހަކު މަރުވެއްޖެ

މޮސްކޯގެ އެއާޕޯޓުގައި ޖެއްސި މަތިންދާބޯޓެއްގައި ރޯވެ، 41 މީހަކު ވަނީ މަރުވެފަ -- ފޮޓޯ: އޭޕީ

މޮސްކޯ (މެއި 6) - ރަޝިއާގެ ވެރިރަށް މޮސްކޯގެ ޝެރެމެޓްޔެވޯ އެއާޕޯޓުގައި ޖައްސަން ދިޔަ މަތިންދާބޯޓެއްގައި ރޯވެ، 41 މީހަކު މަރުވެއްޖެ އެވެ.

އެހާދިސާ ތަހުގީގު ކުރަމުންދާ ކޮމިޓީގެ މެމްބަރެއް ކަމަށްވާ ޔެލީނާ މާކޮވްސްކަޔާ ވިދާޅުވި ގޮތުގައި ހާދިސާ ހިނގި ވަގުތު ބޯޓުގައި 73 ފަސިންޖަރުންނާއި ފަސް ކުރޫއިން ތިއްބެވެ. އަދި މަރުވި މީހުންގެ ތެރޭގައި ދެ ކުޑަކުދިންނާއި ކެބިން ކުރޫއެއް ހިމެނެ އެވެ.

"37 މީހުން ސަލާމަތްވީ، އެއީ 33 ފަސިންޖަރުންނާއި ހަތަރު ކުރޫ މެމްބަރުން،" މާކޮވްސްކަޔާ ވިދާޅުވި އެވެ.

ރޭގެ ވަގުތެއްގައި އެހާދިސާ ހިނގީ ރަޝިއާގެ އެއިރޯފްލޮޓް އެއާލައިނަށް ނިސްބަތްވާ، ސުޕަޖެޓް-100 މަރުކާގެ ބޯޓެއްގަ އެވެ. އަދި ބޯޓުގައި ރޯވީ، ޝެރެމެޓްޔެވޯ އެއާޕޯޓުން ނައްޓާލިތާ ކުޑަ އިރުކޮޅެއް ފަހުން އެމާޖެންސީގައި ޖައްސަން އުޅެނިކޮށެވެ. އަދި އަލިފާން ރޯވީ ބޯޓުގެ އިންޖީނުގައި ކަމަށް އެއެއާލައިނުން ބުންޏެވެ.

ނަމަވެސް އެއާލައިނުން ވަނީ ބޯޓު އަނބުރާ ޖައްސަން ޖެހުނީ ޓެކްނިކަލް ސަބަބުތަކާ ހެދި ކަމަށް ބުނެ، އިތުރު ތަފްސީލު ދޭން ދެކޮޅު ހަދާފަ އެވެ.

ރިޕޯޓުތަކުގައިވާ ގޮތުން ބޯޓުގައި ރޯވީ، ފުރަތަމަ ފަހަރަށް ރަންވޭގައި ޖައްސަން އުޅުމުން ނާކާމިޔާބުވެ، ދެވަނަ ފަހަރަށް ޖައްސަން އުޅެނިކޮށެވެ. ސޯޝަލް މީޑިއާގައި ދައުރުވާ ވީޑިއޯތަކުން ފެންނަ ގޮތުގައި، ދެވަނަ ފަހަރަށް މަސައްކަތްކޮށްގެން ބޯޓް ޖެއްސުމުން އޭގެ އެމާޖެންސީ ދޮރުތައް ހުޅުވި، ބައެއް ފަސިންޖަރުން ސަލާމަތްވެ އެވެ.

އެއިރޯފްލޮޓްއިން ވަނީ އެހާދިސާގައި މީހުން ސަލާމަތް ކުރުމަށް ކުރެވެން އޮތް ހުރިހާ ކަމެއް ބޯޓުގެ ކުރޫއިން ކުރި ކަމަށް ބުނެފަ އެވެ. އަދި އެހާދިސާގައި އަނިޔާވި ފަސް މީހަކަށް ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށް ބުނެފަ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް