ނިދިފައި އިން ޑްރައިވަރަކު ދުއްވި ބަހަކުން ޖެހި ޓޫރިސްޓަކު މަރުވެއްޖެ

ހުޅުމާލޭގައި މިއަދު އެކްސިޑެންޓްވި ބަސް: ބަސް ޑްރައިވަރަށް ނިދިގެން މަގުމަތިން ހިނގާފައި ދިޔަ ޔޫކްރެއިންގެ އަންހެނެއް ގައިގައި ޖެހި އެ މީހާ ވަނީ މަރުވެފައި. -- ފޮޓޯ/ ޕޮލިސް

ހުޅުމާލޭގައި މިއަދު ދުއްވި ބަހެއް މަގުމަތިން ހިނގާފައި ދިޔަ ޓޫރިސްޓް އަންހެނެއްގެ ގައިގައި ޖެހި އޭނާ މަރުވެއްޖެ އެވެ.

ފުލުހުން ބުނީ މިއަދު ހެނދުނު 6:37 ހާއިރު ހުޅުމާލެ ފިތުރޯން މަގުން ހިނގާފައި ދިޔަ ޔޫކްރެއިންގެ 31 އަހަރުގެ އަންހެނެއްގެ ގައިގާ އެމްޓީސީސީގެ ބަހެއް ޖެހިފައި ވަނީ، އޭގެ ޑްރައިވަރަަށް ނިދި ޖެހިގެން ކަމަށެވެ. އެ އެކްސިޑެންޓް ހިނގީ ފިތުރޯން މަގުގައި ހުންނަ އެފްއެސްއެމް ފިއުލް ސަޕްލައި ޝެޑް ކައިރީގަ އެވެ. ޑްރައިވަރަށް ނިދިގެން ހިނގި މި އެކްސިޑެންޓްގައި އަންހެން މީހާ މަރުވީ، ބަސް ދަށުވެގެން ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން އަދި ބުނީ، މަރުވި ޔޫކްރެއިންގެ އަންހެން މީހާ އަކީ ހުޅުމާލޭގައި ޗުއްޓީ ހޭދަކުރަމުން ދިޔަ ފަތުރުވެރިއެއް ކަމަށެވެ. އަދި އެކްސިޑެންޓް ހިނގި އިރު ބަހުގައި ދެތިން މީހަކު ތިބި ކަމަށާއި އެއްވެސް މީހަކަށް އަނިޔާއެއް ނުވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ބަސް ދުއްވަން އިން ޑްރައިވަރަކީ ބަސް ދުއްވުމުގެ ލައިސަންސެއް އޮތް ދިވެހި ފިރިހެނެއް ކަމަށް ވެސް ފުލުހުން ބުންޏެވެ. ބަސް ޑްރައިވަރު ހައްޔަރުކޮށް ފުލުހުން މިހާރު ވަނީ ތަހުގީގެއް ފަށައިފަ އެވެ.

comment ކޮމެންޓް