ޣައްޒާއަށް ދެމުންދާ ހަމަލާތައް ސަރުކާރުން ކުށްވެރިކުުރުމަށް ޕީޕީއެމްއިން ގޮވާލައިފި

ޕީޕީއެމްގެ ޖަލްސާއެއްގައި ރައީސް ޔާމީން ވާހަކަފުޅު ދައްކަވަނީ --- ސަން ފައިލް ފޮޓޯ

ބަރަކާތްތެރި ރަމަޟާން މަސް ފެށެން ގާތްވެފައި ވަނިކޮށް، ފަލަސްތީނުގެ މުސްލިމުންނަށް އިސްރާއީލުން އަނިޔާވެރި ހަމަލާތަކެއް ދެމުންގެންދާތީ، އެކަން ދިވެހި ސަރުކާރުން ކުށްވެރިކުރުމަށް އިދިކޮޅު، ޕްރޮގްރެސް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އިން ގޮވާލައިފިއެވެ.

ޕީޕީއެމްއިން މިއަދު ނެރުނު ބަޔާނެއްގައި ވަނީ ޣައްޒާއަށް ދެމުންދާ ހަމަލާތައް ވަރަށް ބޮޑަށް ކުށްވެރިކޮށްފައެވެ. އަދި އެ ހަމަލާތައް ވަގުތުން ހުއްޓާލުމަށް އެ ޕާޓީން ވަނީ ގޮވާލައިފައެވެ.

ކުރީގެ ސަރުކާރުތަކުން އިސްރާއިލްގެ އުދުވާނުތައް ކުއްވެރިކޮށްފައިވާ ފަދައިން މި ސަރުކާރުންވެސް ވަގުތުން އެކަން ކުށްވެރިކުރުމަށް ޕީޕީއެމްއިން ވަނީ ގޮވާލައިފައެވެ.

އަނިޔާވެރި އިސްރާއީލުން، ފަލަސްތީނުގެ ލޮބުވެތި ރައްޔިތުންނަށް ކުރިމަތިކުރުވަމުންގެންދާ ލާއިންސާނީ އަނިޔާވެރިކަމާމެދު، ދިވެހި ސަރުކާރުން މިހާރު ގެންގުޅޭ ފިނޑި، ނާތަހުޒީބު ސިޔާސަތުތައް ކުށްވެރިކޮށް، ޕީޕީއެމްއިން ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔައިފައެވެ.

"އަދި ފަލަސްތީނުގެ މުސްލިމް އަޚުންނާއި އުޚްތުންނަށް އިސްރާއީލުން ދެމުން ގެންދާ ހަމަލާތައް ކުށްވެރިކުރުމަށް އަދުގެ ސަރުކާރަށް ގޮވާލަމެވެ. އަދި ފަލަސްތީނުގެ ދިފާއުގައި ބަސްބުނުމަށް ފަސްނުޖެހުމަށް ގޮވާލަމެވެ،" ޕީޕީއެމްގެ ބަޔާނުގައި ވެއެވެ.

comment ކޮމެންޓް