ކާތަކެތީގެ އަގު ބޮޑުވީ ސަރުކާރުގެ ދޯހަޅި ސިޔާސަތުތަކުގެ ސަބަބުން: ޕީޕީއެމް

ޕީޕީއެމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކުރީގެ ރައީސް ޔާމީން: --- ސަން ފައިލް ފޮޓޯ: ފަޔާޒު މޫސާ

ރަމަޟާން މަހާ ދިމާކޮށް ކާބޯތަކެތީގެ އަގުތައް ބޮޑުވެގެން އުޅެނީ ސަރުކާރުގެ ސިޔާސަތުތައް ދޯހަޅިވެގެން ކަމަަށް އިދިކޮޅު މައި ޕާޓީ، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އިން ބުނެފިއެވެ.

ރަމަޟާން މަހާ ދިމާކޮށް ކާބޯތަކެތީގެ އަގުތައް ބޮޑުވަމުން ދާތީ އެކަމާ ގުޅޭގޮތުން ޕީޕީއެމްއިން މިއަދު ނެރުނު ބަޔާނުގައި ވަނީ އެކަމާމެދު ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކޮށްފައެވެ.

ތަކެތީގެ އަގުތައް ބޮޑުވަމުންދާއިރު، ސަރުކާރުން އެކަމާ ދުރާލާ ފިޔަވަޅުތަކެއް އަޅާފައި ނުވާކަމަށް ޕީޕީއެމް އިން ބުންޏެވެ.

"ގޭބީސީތަކުގައި މައިގަނޑުގޮތެއްގައި ކެއްކުމާއި ކެއުމަށް ބޭނުންކުރާ ބާވަތްތަކުގެ އަގުތައް ބާޒާރުގައި އުފުލިފައިވާ މި ދަނޑިވަޅުގައި، ސަރުކާރުން މިކަމަށް ސަމާލުކަން ދިނުމަށް މި ޕާޓީއިން ގޮވާލަމެވެ. މިފަދައިން ބާޒާރުގައި ކެއްކުމާއި ކެއުމަށް ބޭނުންކުރާ ބާވަތްތަކުގެ އަގުތައް އަތް ނުފޯރާ ފަށަށް އުފުލިފައިވަނީ ސަރުކާރުގެ އިގްތިސާދީ ސިޔާސަތުގެ ދޯހަޅިކަމުގެ ސަބަބުން ކަމަށް މި ޕާޓީއިން ދެކޭކަމަށް ފާހަގަ ކުރަމެވެ،" ޕީޕީއެމްގެ ބަޔާނުގައި ވެއެވެ.

ދައުލަތުގެ ކަމާ ބެހޭ އިދާރާތަކާއި ސަރުކާރުން ބާޒާރުގައި ތަކެތީގެ އަގުތައް ކުޑަކުރެވޭނެ ގޮތްތަކެއް ކަނޑައެޅުމަށްވެސް ޕީޕީއެމްއިން ވަނީ ގޮވާލައިފައެވެ.

ދިވެހި ރައްޔިތުންނާއި ސީދާ ގުޅިފައިވާ މިފަދަ ބޮޑު ކަމެއްގައި ސަރުކާރުން ޒިންމާދާރު ކަމާ އެކު އަމަލުކޮށް ބާޒާރުގައި ތަކެތީގެ އަގުތައް ތިިރިކުރުމަށް އެކަށީގެންވާ ފިޔަވަޅުތަކެއް އެޅުމަށް ސަރުކަރުން މަސައްކަތް ކުރާނެ ކަމަށް އުއްމީދުކުރާކަމަށް ޕީޕީއެމްއިން ބުންޏެވެ.

comment ކޮމެންޓް