ބިދޭސީންގެ ނުފޫޒާއި ބޮޑު އަގު: އެންމެ ބޮޑު ބަހުސް!

ލޯކަލް މާރުކޭޓް ގޮޅިއެއްގައި ހުރި ބާވަތްތަކެއް، މީހަކު ބަލައިލަނީ -- ސަން ފޮޓޯ/ އަހްމަދު އަވްޝަން އިލްޔާސް

ރަމަޟާން މަހާ އެކު ކޮންމެ އަހަރަކު ވެސް ކާބޯ ތަކެތީގެ އަގުތައް ބާޒާރުގައި އުފުލެނީ ބަޑިއެއް ޖަހާހާ ބާރު މިނުގަ އެވެ. އާންމުކޮށް އަގު އުފުލިގެން ދަނީ ވެސް ޒަރޫރީ ކާބޯ ތަކެތީގެ އަގުތަކެވެ. އާންމުންނަށް ޖެހިފައި އޮންނަ ހާލަކީ، އެކަމާ ޝަކުވާ ކޮށްލަކޮށްލާ ތިބުމެވެ. އެ ކަމަށް ވަރިހަމަ ވެގެން ތިބުން ނޫން ގޮތެއް އާންމުންނަކަށް ނޯވެ އެވެ.

ތަކެތީގެ އަގުބޮޑުވުމުން ގިނަ ބަޔަކު އިނގިލި ދިއްކުރަނީ ވިޔަފާރިވެރިންނަށެވެ. އާންމުންގެ ތުހުމަތަކީ ކަމަކުން ކަމަކާ ނުލާ ރޯދަމަސް ބަހަނާއަކަށް ހަދައިގެން ވިޔަފާރިވެރިން މުދާ އަގުބޮޑު ކުރަނީ ކަމަށެވެ.

"އެނގޭ ވިއްޔަ ރޯދަ މަހު ކާން މީހުން އެއްޗިހި ގަންނާނެކަން. އާންމު މަސް މަހަށް ވުރެ ރޯދަ މަހު ގިނައިން އެއްޗިހި ވިކޭނެކަން. އެހެންވެ ބޮޑު ފައިދާ ނަގަން ވެގެން އަގުބޮޑު ކުރަނީ." ބާޒާރުގައި ވިޔަފާރި ކުރަން ހުރި މީހަކު ޝަކުވާ ކުރި އެވެ.

އެކަމަކު މާރުކޭޓުގައި ގޮޅި ހިންގާ މީހުންނާއި ވިޔަފާރިވެރިން އެކަމަކާ އެއްބަހެއް ނުވެ އެވެ. ވިޔަފާރިވެރިން ބުނާ ގޮތުން އެމީހުންނަށް ރޯދަމަހާ ދިމާކޮށް ސަޕްލަޔަރުން އަތުން ތަކެތި ގަންނަން ލިބޭލެއް އަގު ހަމަ ބޮޑުވަނީ އެވެ. އޭގައި ވެސް ވިޔަފާރިވެރިން ކުރާ ބޮޑު ތުހުމަތެއް ވެސް އެބަ އޮތެވެ.

މާރުކޭޓު ގޮޅިއެއް ހިންގާ އުތުރުގެ އަތޮޅަކަށް ނިސްބަތްވާ، އަލީ ހަސަން "ސަން" އާ ވާހަކަ ދައްކަމުން ބުނީ ކޮންމެ މީހަކުވެސް ދައްކަނީ އަގުބޮޑުވާ ވާހަކަ ކަމަށާއި އަގުބޮޑުވާ އަސްލު ސަބަބު އެކަކު ވެސް ހޯދަން ބޭނުން ނުވާ ކަމަށެވެ.

ލޯކަލް މާރުކޭޓުގެ ގޮޅިއަކުން މީހަކު މިރުސް ގަންނަނީ --- ސަން ފޮޓޯ/ އަހްމަދު އަވްޝަން އިލްޔާސް

"ފަސްހާސް ފަސްސަތޭކަ އިންޑިއަން ރުޕީސްއަށް އިންޑިއާގައި ފިޔާ ޓަނެއް އެބަލިބޭ. އެކަމަކު މިތަނުން ކިހިނެއްވަނީ. ހުރިހާ އެއްޗެއް ހަމަ އަގުބޮޑުވާނެ. އެމީހުން ބޯޓަށް އަރުވާ ވަރަކަށް އޭތި އިންނާނީ. ޑިމާންޑް ބޮޑަސް ކުޑަޔަސް ސަޕްލައި އެމީހުން ކޮންޓްރޯލް ކުރަނީ،" އަލީ ބުންޏެވެ.

އަލީ ބުނި ގޮތުން ކަރާގެ އަގު 40 ރުފިޔާއަށް އަރައިގެން ދަނީ ދިވެހިންނަށް ބޭނުންވާ ވަރަށް އިންޑިއާ އިން ބޯޓަށް ސަޕްލައި ނާރުވާތީ އެވެ. ދިވެހި ވިޔަފާރިވެރިން އޯޑަރު ޖަހަން ބޭނުން ވިޔަސް ބާޒާރު މަތީގައި ނުފޫޒު ގަދަ އިންޑިއާގެ ދެތިން ވިޔަފާރި ވެރިޔަކާ ހުރެ އިންޑިއާއިން އޯޑަރު ނުނަގާ ކަމަށް އަލީ ބުންޏެވެ. އެ މީހުން ގަސްތުގައި ސަޕްލައި ހިފަހައްޓަނީ ކަމަށް އެ ވިޔަފާރި ވެރިޔާ ތުހުމަތު ކުރެ އެވެ.

ރާއްޖޭން ބޭރުން މުދާ އެތެރެކުރުމުގެ ހުއްދަ ދިވެހި ކުންފުންޏަށް އޮތް ނަމަވެސް އެމީހުންގެ މައްޗަށް އޮންނަނީ އިންޑިއާ މީހުންގެ ނުވަތަ އެ މުދާ އެތެރެކުރާ ގައުމެއްގެ ދެތިން ވިޔަފާރިވެރިއެއްގެ ނުފޫޒު ކަމަށް އޭނާ ބުންޏެވެ.

އަލީގެ ގޮޅިއަށް އިންޑިއާ ސަޕްލަޔަރެއް އަތުން ކަރާ ގަތީ، 20 ރުފިޔާއަށް ކިލޯ އެކެވެ. އެ ކަރާ އަލީގެ ގޮޅިން އާންމުންނަށް ވިއްކަނީ 15 ރުފިޔާ ފައިދާއަށް ލާފައި 35 ރުފިޔާއަށް ކަރާ ކިލޯ އެކެވެ. އޭނާ ބުނި ގޮތުން 15 ރުފިޔާ ނުލާ ކަރާ ކިލޯއެއް ނުވިއްކޭނެ އެވެ. ސަބަބަކީ މާރުކޭޓު ގޮޅިއަށް ކުލި ދައްކަން ޖެހުމާއި ގޮޅީގައި ހުންނަ ބިދޭސީ މީހާއަށް މުސާރަ ދޭން ޖެހޭ އިރު އެކަން އެގޮތަށް ނުކުރެވެނީ އެވެ.

ލޯކަލް މާރުކޭޓް ގޮޅިއެއްގައި ވިޔަފާރިކުރަނީ -- ސަން ފޮޓޯ/ އަހްމަދު އަވްޝަން އިލްޔާސް

"މިތާގައި [މާރުކޭޓު ގޮޅީގައި] ހުންނަ މީހާގެ މުސާރައަކީ 9500 ރުފިޔާ. ބޭރު މީހެއް ބަހައްޓަން ޖެހެނީ. ދިވެހި މީހެއް ބަހައްޓައިފިއްޔާ ދެދުހުން އެއް ދުވަހު ފިލަނީ. ދިވެހިން ރަނގަޅު މީހުން މަސައްކަތަށް ނުލިބޭ. ދިވެހިން ހަމަ ކަޑަ ކަމުން،" އަލީ ބުންޏެވެ.

އަލީ ބުނި ގޮތުން ރާއްޖެއަށް ތަރުކާރީ އާއި މޭވާ އެތެރެ ކުރާ ފަސް ހަ ފިހާރައެއްގެ ވެރިންނަކީ ދިވެހިން ކަމަށް ވިޔަސް އެތަނަށް އެއްޗިހި ގެނައުމާއި ތަން ހިންގުމުގައި އުޅެނީ އިންޑިއާ މީހުންނެވެ.

ރާއްޖޭގެ ތަކެތި އަގުބޮޑުވުމުގައި ބޭރު މީހުންގެ ނުފޫޒު އޮންނަ ވާހަކައަކީ މީގެ ކުރިން ވެސް ބައެއް އެހެން ވިޔަފާރިވެރިން ވެސް ދެއްކި ވާހަކަ އެކެވެ. ނަމަވެސް އެއްވެސް އިރެއްގައި މިކަމަށް ހައްލެއް ނުގެނެވެ އެވެ.

ކުރީ ސަރުކާރުގެ ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު "ސަން"އަށް ވިދާޅުވީ ރޯދަޔާ ދިމާކޮށް ތަކެތި އަގުބޮޑުވަނީ ޑިމާންޑާ އެއްވަރަށް ސަޕްލައި އިތުރު ނުކުރެވޭތީ ކަމަށެވެ. ރޯދަ މަހު މީހުން ތަކެތި ގަންނަ އަދަދު އިތުރުވެފައިވާ އިރު ބޭނުންވާ އަދަދަށް ރާއްޖޭން ބޭރުން ތަކެތި އެތެރެ ނުކުރެވުމަކީ އަގުތަށް ބޮޑުވެގެންދާ މައިގަނޑު ސަބަބުގެ ގޮތުގައި މުނައްވަރު ފާހަގަ ކުރެވި އެވެ.

އާންމުކޮށް ދިވެހިން ކެއުމުގައި ބޭނުންކުރާ ފިޔާ ބިސް އަލުވި އެސްޓީއޯ އިން އަގު ހެޔޮކޮށްގެން ވިއްކުމުން އެތަކެތީގެ އަގު އެއްވަރެއްގައި ހުންނަކަން ފާހަގަކޮށް މުނައްވަރު ވިދާޅުވީ އެހެންވެސް ތަކެތި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ބޮޑު ދައުރެއް އަދާކޮށްގެން ނޫން ގޮތަކަށް އަގު ކޮންޓްރޯލް ނުކުރެވޭނެ ކަމަށެވެ.

ކުރީ ސަރުކާރުގެ ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު ---- ސަން ފޮޓޯ: ފަޔާޒު މޫސާ

"މިހާރު ސަރުކާރުން ވަރަށް މުހިންމު ކަމެއް ކުރައްވަން ނިންމަވާފައި އެވަނީ. ވަގުތީ މާރުކޭޓުތަކެއް އަޅައިގެން އަގުތައް ކޮންޓްރޯލް ކުރަން. ކުރީ ސަރުކާރުން ވެސް ސަރުކާރުން ތަކެތި ސަޕްލައި ކޮށްދީގެން އަގުތައް ކޮންޓްރޯން ކުރަން ޖެހުނީ." މުނައްވަރު ވިދާޅުވި އެވެ.

އޭގެ އިތުރުން ރާއްޖެއަށް އާންމުކޮށް ތަރުކާރީ އަދި މޭވާ އެތެރެ ކުރަނީ ރިސޯޓްތަކަށް ސަޕްލައި ކުރަން ކަމުން މާރުކޭޓަށް ދެވޭ މިންވަރު މަދުވަނީ ކަމަށް މުނައްވަރު ވިދާޅުވި އެވެ. އަދި ދިވެހި ލޯކަލް މާރު ކޭޓަށް ވިއްކުމަށް ވުރެ ދަނޑުވެރިންނަށް ވެސް ފައިދާ ބޮޑުވަނީ ރިސޯޓުތަކަށް ކޭޓަ ކޮށްދީގެން ކަމުން ދިވެހި އުފެއްދުމުގެ ސަޕްލައި ވެސް އާންމު ބާޒާރަށް ދައްވަނީ ކަމަށް ވިދާޅުވި އެވެ.

އޭގެ އިތުރުން ރޯދަ މަހު ތަކެތީގެ އަގުތަކަށް މި އަންނަ ބަދަލުތައް ކޮންޓްރޯލް ކުރުމުގައި ސަރުކާރަށް އަދާ ކުރެވޭނެ ދައުރުތައް މުނައްވަރު ފާހަގަ ކުރެއްވި އެވެ. އެގޮތުން ރޯދައަށް ހާއްސަކޮށްގެން ރާއްޖެ ގެންނަ ކާބޯތަކެއްޗާ ގުޅުން ހުރި އެއްޗިހި އަވަހަށް ކްލިއާ ކޮށްދިނުމަކީ މުހިންމު ކަމެއް ކަމަށް ވިދާޅުވި އެވެ.

ކޮންމެއަކަސް ރޯދަމަހާ ދިމާކޮށް ތަކެތީގެ އަގުބޮޑުވުން ދިވެހިންނަށް މިވަނީ ތަކުލީފަކަށްވެފަ އެވެ. އޭގެ އަޑީގައި ތިބީ ބިދޭސީންތޯ ދިވެހިންތޯ ދެނެގަނެ، ހައްލު ހޯދަން ޖެހެ އެވެ. މިއަހަރު ވެސް ރޯދަ މަހު އަގުތައް މި ދަނީ ހަމަ އެހާމެ ބާރު މިނުގައި މައްޗަށެވެ.

comment ކޮމެންޓް