"ސަލާހުގެ ބޮލަށް އަނިޔާވި ނަމަވެސް މިހާރު އޭނަގެ ހާލު ރަނގަޅު"

ލިވަޕޫލްގެ ފޯވާޑް މުހައްމަދު ސަލާހުއަށް އަނިޔާވެފައި --- ފޮޓޯ/ސްޓީފެން ކްރީކް

ރޭ އިނގިރޭސި ޕްރިމިއާ ލީގުގައި ނިއުކާސަލް ޔުނައިޓެޑުގެ މައްޗަށް ލިވަޕޫލުން ކުރި ހޯދި މެޗުގައި އެ ޓީމުގެ ފޯވާޑް މުހައްމަދު ސަލާހުގެ ބޮލަށް ލިބުނު އަނިޔާގެ ސަބަބުން އޭނާ ބަދަލު ކުރަން ޖެހުނު ނަމަވެސް އޭނަ ގެ ހާލު މިވަގުތު ރަނގަޅު ކަމަށް ލިވަޕޫލްގެ ކޯޗު ޔާގަން ކްލޮޕް ބުނެފި އެވެ.

ނިއު ކާސަލްގެ އަމިއްލަ ދަނޑުގައި ރޭ ކުޅުނު އެ މެޗުން ލިވަޕޫލް ކުރި ހޯދީ 2-3 ގެ ހަނި ނަތީޖާއަކުންނެވެ. އެ ނަތީޖާއާ އެކު ލިވަޕޫލްއިން ވަގުތީ ގޮތުން ތާވަލުގެ އެއްވަނައިގައި އޮތް ނަމަވެސް މިރޭ ސިޓީ ކުޅޭ މެޗުން އެ ޓީމު މޮޅުވެއްޖެ ނަމަ ލިވަޕޫލް އަނބުރާ ދެވަނައަށް ވެއްޓޭނެ އެވެ.

ރޭގެ މެޗުގައި ފުރަތަމައިން ގޯލު ޖަހައި ލީޑު ނެގީ ލިވަޕޫލުންނެވެ. އެ ޓީމުގެ ޑިފެންޑަރު ވެން ޑައިކުގެ ގޯލާ އެކު ނިއުކާސަލްގެ ކުޅުން ރަނގަޅުކޮށް ރައްދުގައި ގޯލެއް ޖަހައި ނަތީޖާ ހަމަހަމަ ކުރިއެވެ. ނަމަވެސް ފުރަތަމަ ހާފު ނިމުމުގެ ކުރިން ލިވަޕޫލްގެ މުހައްމަދު ސަލާހު ވަނީ އިތުރު ގޯލެއް ޖަހައި އަނެއްކާވެސް ލިވަޕޫލްއަށް ލީޑު އަނބުރާ ހޯދައިދީފަ އެވެ.

ދެވަނަ ހާފު ފެށިގެން ނިއުކާސަލް ދިޔައީ ލިވަޕޫލްގެ ގޯލަށް ނުރައްކާ ކޮށް ގިނަ ހަމަލާތައް އުފައްދަމުންނެވެ. އެގޮތުގައި މާ ގިނަ އިރު ނުވަނީސް ނިއުކާސަލްގެ ސަލޮމޮން ރަންޑަން ވަނީ ގޯލެއް ޖަހައި ދެވަނަ ފަހަރަށް ނަތީޖާ ހަމަހަމަ ކޮށްފަ އެެވެ. މެޗު ނިމެން ކުޑަ ވަގުތު ކޮޅަކަށް ވެފައި ވަނިކޮށް ލިވަޕޫލް މެޗުން މޮޅު ކޮށްދިނީ ޒުވާން ފޯވާޑް ޑިވިކް އޮރިޖީ ޖަހައިދިން ގޯލަކުންނެވެ.

އިނގިރޭސި ލީގުގައި ބާކީ އެއް މެޗު ލިވަޕޫލުން ކުޅެން އޮތް ނަމަވެސް އެ ޓީމުގެ އެންމެ މުހިއްމު މެޗަކަށް ވާނީ އަންނަ އަންގާރަ ދުވަހުގެ ރޭ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގައި ބާސެލޯނާއާ ދެކޮޅަށް ބައްދަލު ކުރާ މެޗެވެ. އެ މެޗަށް ލިވަޕޫލުން ތައްޔާރުވަމުން އަންނަ އިރު ރޭގެ މެޗުގައި އަނިޔާވި ސަލާހުއަށް ނުކުޅެވުމަކީ އެ ޓީމަށް ލިބޭނެ ފޫ ނުބެއްދޭނެ ވަރުގެ ގެެއްލުމެކެވެ.

ނަމަވެސް ސަލާހު އެ މެޗުން ފެނިދާނެ ކަމަށާއި އޭނާގެ ހާލު މިވަގުތު ރަނގަޅު ކަމަށް ލިވަޕޫލްގެ ކޯޗު ޔާގަން ކްލޮޕް ވަނީ ބުނެފަ އެވެ.

"އަނިޔާވުމުން އެތެރެއަށް ގޮސް އޭނާ މެޗު ނިމެންދެން ބެލި. މިހާތަނަށް ޑޮކްޓަރުން ބެލި ބެލުމަށް ވެސް މައްސަލައެއް ފާހަގަވެފައެއް ނެތް. އެކަމު އިތުރު ޓެސްޓްތައް ހަދަމުން މިދަނީ،" ޔާގަން ކްލޮޕް ދިން އިންޓަވިއުއެއްގައި ބުންޏެވެ.

"ކުރިއަށް ހުރީ ވަރަށް އުނދަގޫ މެޗުތަކެއް. ކުޑަ ދުވަސް ކޮޅެއްގެ ތެރޭގައި ގިނަ މެޗުތަކެއް ކުޅެން ޖެހުމުން ވަރަށް އުނދަގޫ. ނަމަވެސް ކުޅުންތެރިން ދައްކަމުން އަންނަ ހަތްވަރަކީ މި ޓީމު ކުރިއަށް އޮތް ތަނުގައި ކާމިޔާބު ހޯދާނެ ކަމުގެ ހެއްކެއް."

comment ކޮމެންޓް