ޕާކިސްތާނުގައި 90 މީހުންނަށް އެޗްއައިވީ ޖެއްސި ޑޮކްޓަރު ހައްޔަރުކޮށްފި

ޕާކިސްތާނުން ވަނީ 90 މީހުންނަށް އެޗްއައިވީ ޖެއްސި ޑޮކްޓަރަކު ހައްޔަރުކޮށްފަ --

އިސްލާމްއާބާދު (މެއި 5): ޕާކިސްތާނުގައި 90 މީހުންނަށް އެޗްއައިވީ ޖެއްސި ޑޮކްޓަރެއް ހައްޔަރުކޮށްފި އެވެ.

ޕާކިސްތާނުގެ ލަރުކަނާގައި ހިނގި އެ މައްސަލަ ފެންމަތިވީ އެސިޓީގެ 18 ކުއްޖަކު އެޗްއައިވީއަށް ޕޮޒިޓިވްވުމުންނެވެ. އޭގެ ފަހުން އެޗްއައިވީ ޖެހިފައިވާ އިތުރު 47 ކުދިންނާއި 25 މީހުން ވަނީ ފެނިފަ އެވެ.

"ނުވަދިހައަށް ވުރެ ގިނަ މީހުން ވަނީ އެޗްއައިވީއަށް ޕޮޒިޓިވްވެފައި އޭގެ ތެރޭގައި 65 ކުޑަކުދިން ހިމެނޭ،" ލަރުކަނާގެ ޑިސްޓްރިކްޓު ހެލްތު އޮފިޝަލެއް ކަމަށްވާ އަބްދުއްރަހުމާން ވިދާޅުވި އެވެ.

ހެލްތު އޮފިޝަލުން ބުނާ ގޮތުގައި އެމައްސަލައާ ގުޅިގެން ޑޮކްޓަރަކު ވަނީ ހައްޔަރުކޮށްފަ އެވެ. އަދި އޭނާ ވެސް ވަނީ އެޗްއައިވީއަށް ޕޮޒިޓިވްވެފައި ކަމަށާއި ވައިރަސް ފެތުރުނީ އޭނާ އެއް ސިރިންޖު ބޭނުން ކުރަމުން ދިޔުމުގެ ސަބަބުން ކަމަށް ބުނެފަ އެވެ.

އެ މައްސަލައާ ގުޅިގެން ސިންދު ޕްރޮވިންސުގެ ހެލްތް މިނިސްޓްރީން ވަނީ އިތުރު އެޗްއައިވީ ޓެސްޓުތައް ހަދައި، އެޗްއައިވީއާ ބެހޭ ހޭލުންތެރިކަމުގެ ޕްރޮގްރާމްތައް ބާއްވަން ފަށައިފި އެވެ.

comment ކޮމެންޓް