އުތުރު ކޮރެޔާގެ މިސައިލް ތަޖްރިބާތައް ކުށްވެރިކުރަން އެމެރިކާ ފަސްޖެހިއްޖެ

އުތުރުކޮރެޔާއިން ގިނަ އަދަދެއްގެ ބަލިސްޓިކް މިސައިލް ތަޖްރިބާކުރުމުން ވެސް އެކަން ކުށްވެރިކުރުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މިފަހަރު ފަސްޖެހިވަޑައިގެންފި އެވެ.

އެމެރިކާއާއި އުތުރު ކޮރެޔާގެ ސުލްޙައިގެ ވާހަކަތައް ނާކާމިޔާބުވެފައިވަނިކޮށް ހޮނިހިރު ދުވަހުގެ ހެނދުނު އުތުރު ކޮރެޔާއިން ގިނަ އަދަދެއްގެ ބަލިސްޓިކް މިސައިލް ތަޖްރިބާކުރުމާ ގުޅިގެން ކުރެއްވި ޓްވީޓެއްގައި ޓްރަމްޕް ވިދާޅުވީ އުތުރުކޮރެޔާގެ ޒައީމް ކިމް ޖޮންގް އުން އަކީ އޭނާގެ ރަހްމަތްތެރި ބޭފުޅެއްކަމަށާ އުތުރުކޮރެޔާގެ ކުރިމަތީގައި އޮތް އިގްތިސާދީ ފުރްސަތުތަކުގެ މަތިން ކިމް ހަނދުމަފުޅު ނައްތާ ނުލައްވާނެ ކަމުގެ އިތުބާރު އެބައޮތް ކަމުގަ އެވެ. އަދި މިސައިލް ތަޖްރިބާތަކާއެކު ވެސް އުތުރުކޮރެޔާގެ ޒައީމަށް ތާއީދު ކުރައްވާ ކަމަށާއި ސުލްހައިގެ ފުރުސަތު އެއްކޮށް ނުގެއްލޭ ކަމަށް ވެސް ޓްރަމްޕް ވިދާޅުވެފައިވެ އެވެ.

ހޮނިހިރު ދުވަހު އުތުރުކޮރެޔާ އިން ތަޖްރިބާކުރީ ވަރަށް ކުރު ރާސްތާގެ މިސައިލް ކަމަށް ދެކުނު ކޮރެޔާއިން ބުނެ އެވެ. ސުލްހައިގެ ވާހަކަތަކަށް ފުރްސަތު ދިނުމުގެ ގޮތުން ތަޖްރިބާ ނުކުރުމަށް އުތުރުކޮރެޔާގެ ޒައީމް ވައުދުވެ ވަޑައިގެންނެވީ ދުރުރާސްތާގެ ބަލިސްޓިކް މިސައިލް ކަމަށާއި ކުރުރާސްތާގެ މިސައިލް މީގެތެރޭގައި ނުހިމެނޭ ކަމަށް މުރާސިލުން ބުނެ އެވެ.

އުތުރުކޮރެޔާގެ މިސައިލްތައް ފޮނުވާލީ ޖަޕާން ކަނޑުގެ ދެކުނަށް ކަމުން މި މިސައިލްތަކުގެ ނުރައްކާ ނެތްކަމަށް ޖަޕާނުންވަނީ ބުނެފަ އެވެ. ވައިޓް ހައުސްގެ ތަރްޖަމާން ސާރާ ސެންޑާސް ވިދާޅުވީ އުތުރު ކޮރެޔާއިން ބަލިސްޓިކް މިސައިލް ތަޖްރިބާކުރިތަން އެމެރިކާގެ ކަމާ ބެހޭ ފަރާތްތަކުން ބަލާފައިވާ ކަމަށާ އިތުރު ކޮމެންޓެއް ނެތްކަމުގަ އެވެ. މިކަމާ ބެޙޭ ގޮތުން އެމެރިކާގެ ދިފާއީ ވުޒާރާ ޕެންޓަގަންއިން ކޮމެންޓެއް ކޮށްފައެއް ނުވެ އެވެ.

އެމެރިކާ އާއި އުތުރުކޮރެޔާއާ ދެމެދު ދެކެވެމުން ދިޔަ ސުލްޙައިގެ ވާހަކަތައް ނާކާމިޔާބުވީ އުތުރުކޮރެޔާގެ ނިއުކްލިޔާ ހަތިޔާރުތައް ނައްތާލައި ނިއުކްލިޔާ ސައިޓްތައް ރޫޅާލުމުން ނޫނީ އެގައުމާ ދެކޮޅަށް އަޅާފައިޥާ ދަތިކުރުމުގެ ފިޔަވަޅުތަކަށް އެއްވެސް ދުލެއް ދިނުމަށް އެމެރިކާ ދެކޮޅު ހެދުމުގެ ސަބަބުންނެވެ. އުތުރުކޮރެޔާ ބޭނުން ވަނީ ނިއުކްލިޔާ ހަތިޔާރުތައް ނައްތާލުގެ މަސައްކަތް ކުރިޔަށް ގެންދާ އިރު ދަތިކުރުމުގެ ފިޔަވަޅުތަކުގެ ބައެއް އުވާލުމަށެވެ.

ނަމަވެސް ނިއުކްލިޔާ ހަތިޔާރުތައް ނައްތާލައި ނިއުކްލިޔާ ސައިޓްތައް އެއްކޮށް ރޫޅާލުމުން ނޫނީ ދަތިކުރުމުގެ ފިޔަވަޅުތަކަށް އެއްވެސް ދުލެއް ދިނުމަށް ދެކޮޅު ހެދުމަކީ ހަރުކަށި ގޮތްތަކެއް ކަމަށާ ސުލްޙައިގެ ނަމުގައި އެމެރިކާގެންގުޅޭ މިހަރުކަށި ކަމަށް ބޯނުލަނބާނެ ކަމަށް އުތުރު ކޮރެޔާގެ ދަށު ފަންތީގެ މަސްއޫލުވެރިންވަނީ ވިދާޅުވެފަ އެވެ.

ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުއިދިނުމަށް ދެކޮޅު ހެދުމަށް އެމެރިކާ ގެންގުޅޭ ހަރުކަށި ސިޔާސަތުގެ ފަހަތުގައިވަނީ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުގައި ހިމެނޭ އާދަޔާ ޚިލާފު ހަރުކަށި ވިސްނުމުގެ ދެބޭފުޅުން ކަމަށްވާ ޚާރިޖީ ވަޒީރު މައިކް ޕޮމްޕެއޯ އާއި ގައުމީ ސަލާމަތާ ބެހޭ މުސްތަޝާރު ޖޯން ބޯލްޓަން ކަމަށް އުތުރުކޮރެޔާ ތުހުމަތު ކުރެ އެވެ.

ބޯލްޓަންއަކީ އިރާގުގައި ފަނާކުރަނިވި ހަތިޔާރު ހުރިކަމަށްބުނެ ދޮގު ރިޕޯޓް ތައްޔާރު ކުރުމަށް ޖޯޖް ޑަބްލިޔު ބުޝްގެ ވެރިކަމުގައި އެމެރިކާގެ ޖާސޫސީ މަރުކަޒީ އިދާރާ (ސީއައިއޭ) އެންގެވި ބޭފުޅެކެވެ. ބޯލްޓަން އެދުވަސްވަރު ހުންނެވީ އދ.ގައި ހުންނަ އެމެރިކާގެ ދާއިމީ މަންދޫބު ކަމުގެ މަގާމުގައެވެ. މައިކް ޕޮމްޕެއޯ އަކީ އޭނާ ގެންގުޅޭ ހަރުކަށި ޕޮޕިއުލިސްޓް ފިކުރުގެ ސަބަބުން ވަރަށް ފަހަކާ ޖެހެންދެން އެމެރިކާގެ ސިޔާސީ މަސްރަހުގައި މުޅިން އެކަހެރިވެފައި ހުންނެވިބޭފުޅެކެވެ. ޓްރަމްޕްގެ ސަރުކާރުގެ ހަލާކަކީ މިދެބޭފުޅުން ކައިރި ކުރުން ކަމަށް އެމެރިކާގެ މުހައްލިލުން ވިދާޅުވެ އެވެ. (ނޫސްއެޖެންސީތައް)

comment ކޮމެންޓް