ފިލްމު "ބަވަތި"ގެ ދެވަނަ ޓީޒާ އެއް ދައްކާލައިފި

'ބަވަތި' ޕޯސްޓަރު---

ދިވެހި ފިލްމު އިންޑަސްޓްރީއަށް މުޅިން އާ ފިލްމު ކުންފުންޏެއް ކަމަށްވާ 'އައި ފިލްމްސް'ގެ ފުރަތަމަ ފިލްމު "ބަވަތި"ގެ ދެވަނަ ޓީޒާ އެއް ދައްކާލައިފި އެވެ.

ޓިޒާ އިން ދައްކުވައިދެނީ މާލޭ މީހަކު ރާއްޖެތެރޭ ރަށަކަށް ކުރި ދަތުރެއްގައި އޭނާ ހިތްއެދޭ ކުއްޖަކާ ދިމާވެ އޭނާ ކާމިޔާބުކުރުމަށް ކުރާ މަސައްކަތެވެ.

އަދި އޭނާ އާ ކައިވެނިކުރާ މަންޒަރު ވެސް ޓީޒާއިން ފެނިގެންދިޔަ އެވެ. ރަށުތެރޭ އެ އަންހެން ކުއްޖާއޭ ކިޔައިގެން ދެކެވޭ ވާހަކަތަކަށް ބީރުކަންފަތެއް ދީ އޭނާ އާ ކައިވެނިކޮށް މާލެއަށް އެނބުރި ދަނީ އުފާވެރި ދިރިއުޅުމެއް އުޅޭށެވެ.

ފިލްމުގެ ބަތަލު އަހުމަދު އިފްނާޒް ފިރާގު ބުނީ ފިލްމުގައި އޭނާ ފެނިގެންދާނީ ވަރަށް އާދައިގެ މީހެއްގެ ގޮތުގައި ކަމަށެވެ.

"ފިލްމަކީ ވަރަށް ތަފާތު ފިލްމެއް. ޝޫޓްކުރި އިރު ވަރަށް މަޖާ. ޝޫޓްކޮށް ނިންމާފައި ވެސް އަނެއް ދުވަހުގެ ޝޫޓަށް އިންތިޒާރުކުރަން. ޓީމް ވޯކް ވަރުގަދަ ފިލްމެއް މިއީ،" އިފްނާޒް ބުންޏެވެ.

"ބަވަތި" އެ ނަން ފިލްމަށް ދެވުނީ ފިލްމުގެ ސްޓޯރީ ލައިން އާ ގުޅޭތީ ކަމަށް ޑައިރެކްޓަރު އިލްޔާސް ބުންޏެވެ. މާނައަކީ ދެރަ ކަމެއް ވުމަށް ފަހު ދެންވާ ކަންތައްތަކެވެ.

ފިލްމު ރިލީޒްކުރާނީ އަންނަ ސެޕްޓެމްބަރު މަހުގަ އެވެ.

ފިލްމުގެ އަންހެން ލީޑަކީ ކުރިއަރަމުން އަންނަ ބަތަލާ ނުޒުހަތު ޝުއައިބެވެ. އަދި ފިރިހެން ލީޑުން ފެނިގެންދަނީ ފީޗާ ފިލްމަކުން ފިލްމީ ދާއިރާއަށް މުޅިން އަލަށް ތައާރަފްވާ ބަތަލު އަހުމަދު އިފްނާޒް ފިރާގެވެ. ފިލްމުގެ ކެމެރާމަން އަކީ ކަނޑި އެވެ.

މާލެ އަދި ކާށިދޫގެ ހިތްގައިމު މާހައުލުގައި ފިލްމުގެ މަންޒަރުތައް ނަގާފައިވާ އިރު އެ ފިލްމަކީ ޒުވާން ދެމަފިރިއަކަށް ދިމާވާ ކަންތައްތަކެއް ފެނިގެންދާ ތްރިލާ ފިލްމެކެވެ.

comment ކޮމެންޓް