ގައުމީ ސަލާމަތާ ގުޅޭ ގޮތުން ބާރުތަކުގެ ވެރިން މަޝްވަރާކޮށްފި

ސިފައިންނާއި ފުލުހުންގެ ވެރިން ގުޅިގެން ބޭއްވި ބައްދަލުވުން. -- ފޮޓޯ/ އެމްއެންޑީއެފް

ރާއްޖޭގެ ގައުމީ ސަލާމަތާ ގުޅޭ ގޮތުން ފުލުހުންނާއި ސިފައިންގެ އެންމެ އިސްވެރިން އަދި މިނިސްޓަރުން ހިމެނޭ ގޮތުން މިއަދު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފި އެވެ.

އެ ބައްދަލުވުމުގެ ފޮޓޯތަކާ އެކު ދިވެހި ސިފައިން ކުރި ޓްވީޓެއްގައި ބުނީ، މިއަދުގެ ބައްދަލުވުމުގައި މަޝްވަރާ ކުރީ ގައުމުގެ ސަލާމަތަށް ހުރި ނުރައްކާތަކާއި އެމަޖެންސީ ހާލަތެއްގައި އެޅިދާނެ ފިޔަވަޅުތަކާ ގުޅޭ ގޮތުން ކަމަށެވެ.

އެ ބައްދަލުވުމުގައި ޗީފް އޮފް ޑިފެންސް ފޯސް އާއި ކޮމިޝަނަރު އޮފް ޕޮލިސްގެ އިތުރުން ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އާއި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަދި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ބައިވެރިވެ ވަޑައިގެންނެވި އެވެ.

މީގެ އިތުރުން ކަސްޓަމްސް އާއި އިމިގްރޭޝަންގެ ކޮންޓްރޯލާ ޖެނެރަލް އާއި ސިފައިންގެ ކަމާ ގުޅޭ ވެރިން ބައިވެރިވެ ވަޑައިގެންނެވި އެވެ.

އެ ބައްދަލުވުން އޮތީ، ސިފައިންގެ މައި މަރުކަޒު ބަންޑާރަ ކޮށީގަ އެވެ.

މި މަހުގެ 12 ވަނަ ދުވަހު ލަންކާއަށް ދިން ބޮމުގެ ހަމަލާތަކަށް ފަހު ރާއްޖޭގެ ސަލާމަތީ ކަންކަން ވަނީ އިތުރަށް ވަރުގަދަކޮށްފަ އެވެ.

comment ކޮމެންޓް