ކުލަބް މޯލްޑިވްސް ކަޕް 2019: ހާއްޕެގެ ހެޓްރިކާ އެކު ވެމްކޯ ބަލިކޮށް ބީއެމްއެލް ތަށި އުފުލާލައިފި

ކުލަބް މޯލްޑިވްސް ކަޕު 2019 ގެ ޗެމްޕިއަންކަން ބީއެމްއެލް އިން ހޯދުމަށްފަހު --- ފޮޓޯ/ ފަހުމިނަޓް

އަލީ ހާފިޒް (ހާއްޕެ)ގެ ހެޓްރިކަކާ އެކު ވެމްކޯ ބަލިކުރުމަށްފަހު ކުލަބް މޯލްޑިވްސް ކަޕް 2019 ގެ ޗެމްޕިއަންކަން ބެންކު އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހޯދައިފި އެވެ.

މިރޭ ހުޅުމާލޭ ރެހެންދި ޓާފުގައި ކުޅުނު ފައިނަލު މެޗުން ވެމްކޯގެ މައްޗަށް ބީއެމްއެލްއިން ކުރި ހޯދީ 6-1 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. މިއީ ބީއެމްއެލް އިން މި މުބާރާތުގެ ތަށި އުފުލާލި ދެވަނަ ފަހަރެވެ. މީގެ ކުރިން 2016 ވަނަ އަހަރު އެ ޓީމުން މި މުބާރާތުގެ ތަށި ފުރަތަމަ ފަހަރަށް އުފުލާލީ އެމްއާރުޑީސީ ބަލިކުރުމަށްފަހު އެވެ.

މި މުބާރާތުގެ ތާރީހުގައި ވެސް ފުރަތަމަ ފަހަރަށް ވެމްކޯއިން ފައިނަލުގެ ޖާގައެއް ހޯދީ ސެމީ ފައިނަލުގައި ކުލަބް އިމިގްރޭޝަން ބަލިކުރުމަށްފަހު އެވެ. އުންމީދީ ޓީމަކާ އެކު ވަރުގަދަ އެސްޓީއޯއާއި ސްޓެލްކޯ ވެސް ބަކިކުރުމަށްފަހު ވެމްކޯއިން ފައިނަލުގެ ޖާގައެއް ހޯދި ނަމަވެސް އެ ޓީމުން މިރޭގެ މެޗަށް ނުކުތީ އެ ޓީމުގެ އެންމެ މުހިއްމު އެއް ކުޅުންތެރިޔަކު ސަސްޕެންޝަނުގެ ސަބަބުން ޓީމުގައި ނުހިމަނައެވެ. ސެމީ ފައިނަލުގައި މޮޅު ކުޅުމެއް ދެއްކި ހުސައިން ޣައްސާން ލަބީބް (ހުސީ) މިރޭގެ މެޗުގައި ނުކުޅެވުނީ ކުރީ ދެ މެދުގައި ރީންދޫ ކާޑު ދައްކާފައިވާތީ އެވެ.

މުބާރާތުގެ އެއްވެސް މެޗަކުން ބަލިނުވެ އެވްރެޖްކޮށް ކުޅުނު ހުރިހާ މެޗެއްގައި ވެސް މަދުވެގެން ތިން ގޯލު ޖެހުމަށްފަހު ބީއެމްއެލް އިން ތަށި އުފުލާލި އިރު އެ ޓީމުން ވަނީ މުޅި މުބާރާތުގައި ވެސް ތަފާތު މޮޅު ކުޅުމެއް ދައްކާފަ އެވެ. އެގޮތުންވެސް އެންމެ ފާހަގަ ކޮށްލެވެނީ އަލީ ހާފިޒް (ހާއްޕެ) މި މުބާރާތުގައި ދެއްކި މޮޅު ކުޅުމެވެ.

ހާއްޕެ ވަނީ މިރޭ ކުޅުނު ފައިނަލު މެޗުގައި ވެސް ތިން ގޯލު ޖަހައި ހެޓްރިކް ހަދާފަ އެވެ. އޭނަގެ ހަލުވި އަދި ހުނަރުވެރި ކުޅުމުގެ ޖާދުލުގައި ޖެހި ވެމްކޯގެ ޓީމަށް ބަލަން ތިބެވުން އިރު ހާއްޕެ ވަނީ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދައި ރާއްޖޭގެ ފުޓްސަލް ކިންގުގެ ޝަރަފު ހޯދާފައެވެ. ހާއްޕެ ވަނީ ސެމީ ފައިނަލުގައި އުރީދޫއާ ބައްދަލު ކުރި މެޗުގައި ވެސް ހެޓްރިކެއް ހަދާފައެވެ.

ހާއްޕެގެ އިތުރުން ބީއެމްއެލްއަށް މިރޭގެ މެޗުގައި ގޯލުތައް ޖަހައިދިނީ އިޝާން އިބްރާހީމް (ސައްޓު) އާއި އިބްރާހީމް ސިނާހް (ސިނާ) އެވެ. ސިނާ ވަނީ މިރޭގެ މެޗުގައި ދެ ގޯލު ޖަހާފަ އެވެ. ވެމްކޯއިން ޖެހި ހަމައެކަނި ގޯލު އެ ޓީމަށް ކާމިޔާބު ކޮށްދިނީ އިބްރާހީމް އަސްވަދު (ގަބޭ) އެވެ.

ފައިނަލު މެޗު ނިމުމަށްފަހު ބީއެމްއެލްއިން ވަނީ ވަރަށް ގަދަޔަށް އުފާ ފާޅު ކޮށްފައެވެ. މީގެ އިތުރުން މުބާރާތުގެ ވަނަތަކަށް ދިޔަ ޓީމުތަކާއި ކުޅުންތެރިންނަށް ވަނީ ޓްރޮފީއާ އިނާމުތައް ހަވާލު ކޮށްފަ އެވެ.

މުބާރާތުގެ ފެއާޕްލޭ ކުޅުންތެރިޔާގެ މަގާމް ބީއެމްއެލްގެ ސިނާ ހޯދިއިރު ފެއާޕްލޭ ޓީމަކަށް ހޮވުނީ ކުއާޓާ ފައިނަލުން ކެޓި ޕްރިޒަން ކްލަބެވެ. އެންމެ މޮޅު ކޯޗަކަށް ހޮވުނީ 2016 ވަނަ އަހަރުވެސް ބީއެމްއެލް އަށް ތަށި ހޯދައިދިން ކޯޗު އިސްމާއީލް އަނިލް އެވެ. މީގެ އިތުރުން 25 އަހަރުން ދަށުގެ އެންމެ އުއްމީދީ ކުޅުންތެރިޔާގެ މަގާމް އުރީދޫ ޓީމުގެ މުހައްމަދު ރިޝްފާން ހޯދި އިރު 16 ގޯލާއެކު އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ މަގާމް ލިބުނީ ވެމްކޯގެ އަބްދުﷲ ޝައްފާން ޝާކާ އަށެވެ.

މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަށް ހޮވުނީ ބީއެމްއެލްގެ ސައްޓު އާއި އެޓީމުގެ ހާއްޕެ އަދި ކީޕަރު ޝަފީއުގެ އިތުރުން ކްލަބް ވެމްކޯގެ ޝާކާ އާއި ގަބޭ އެވެ. މުބާރާތުގެ ކިންގް އޮފް ފުޓްސަލް އަށް ހޮވުނީ ބީއެމްއެލް އަށް ޗެމްޕިއަންކަން ހޯދައިދިނުމުގައި ތަފާތު މޮޅު ކުޅުމެއް ދެއްކި ހާއްޕެ އެވެ.

32 ޓީމާއެކު ކުޅުނު ކްލަބް މޯލްޑިވްސް ކަޕް ފުޓްސަލް މުބާރާތް މިރޭ ނިމުނުއިރު 30/18 ވިމެންސް ފުޓްސަލް ފިއެސްޓާ ރޭ ވަނީ ނިމިފައެވެ. އެ މުބާރާތުގެ ޗެމްޕިއަންކަން ހޯދީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އެވެ.

comment ކޮމެންޓް