މިނިވަން ނޫސްވެރިކަމާ ނުލައި ގައުމަކަށް ދިރުމެއް ނާންނާނެ: ފައިސަލް

ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ހަފްލާގައި ނައިބު ރައީސް ފައިސަލް ނަސީމް ވާހަކަފުޅު ދައްކަވަނީ --- ފޮޓޯ/ ރައީސް އޮފީސް

މިނިވަން ނޫސްވެރިކަމާ ނުލައި ގައުމަކަށް ދިރުމެއް ނާންނާނެ ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.

ފައިސަލް މިހެން ވިދާޅުވީ، ނޫސްވެރިކަމުގެ މިނިވަކަމުގެ ދުވަސް ފާހަގަ ކުރުމަށް މީޑިއާ ކައުންސިލުން މިރޭ ނޭޝަނަލް އާޓް ގެލަރީގައި ބޭއްވި ހަފްލާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

"ގައުމެއް ޑިމޮކްރެސީއަށް ވާސިލުވުމަށްޓަކައި އެންމެ މުހިންމު އެއް އަސާސަކީ ނޫސްވެރިކަން. ހަގީގަތަކީ މިނިވަން ނޫސްވެރިކަމާ ނުލައި ގައުމަކަށް ދިރުމެއް ނާންނާނެ. ގައުމަކަށް ހަމަޖެހުމެއްވެސް ނާންނާނެ،"

ފައިސަލް ވިދާޅުވީ، މާޒީގައި ރާއްޖޭގައި ވަކި ވަކި މީޑިއާތަކަށް އަމާޒުކޮށް ހަމަލާދީ، ނޫސްވެރިންނަށް އަނިޔާ ދީގެން ނޫސްވެރިކަން ނައްތާލަން މަސައްކަތް ކުރި ކަމަށެވެ. ނަމަވެސް ނޫސްވެރިން އެއްވެސް ޖެހިލުމެއް ނެތި ގައުމީ ޒިންމާ އަދާ ކުރި ކަމަށް ވިދާޅުވިއެވެ.

ފައިސަލް އިލްތިމާސްކުރެއްވީ ނޫސްވެރިން ޒިންމާދާރުކަމާ އެކު މަސައްކަތް ކުރެއްވުމަށެވެ.

"ދިވެހިރާއްޖޭގެ އެންމެހާ ނޫސްވެރިންނަށް ވެސް ދަންނަވާލަން އޮތީ، މަަސައްކަތް ކުރުމުގައި، މައުލޫމާތު ފެތުރުމުގައި ވީހާވެސް ތެދުވެރިކަމާ އެކު ސައްހަ މައުލޫމާތު ފެތުރުމުގައި ތިބޭފުޅުން އެ ގޮތުގައި ތިއްބަވާށޭ،"

އަދި ލިބިފައިވާ ޒިންމާއެއް ނުވަތަ ބާރެއްގެ ބޭނުން ނަހަމަގޮތުގައި ބޭނުންކޮށްފި ނަމަ އެކަމެއްގެ ނިމުން އަންނަނީ ރަނގަޅަށް ނޫން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރާއްޖޭގައި ދިމާވެފައިވާ އިޖުތިމާއީ މައްސަލަތައް ހައްލު ކުރުމުގައިވެސް ނޫސްވެރިންގެ އެހީތެރިކަން ބޭނުންވާ ކަމަށް ފައިސަލް ވިދާޅުވިއެވެ. އެގޮތުން، މަގުމަތީގެ ރައްކާތެރިކަމާ ބެހޭ ކަންކަމުގައި ހޭލުންތެރިކަން ފެތުރުމަށް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.

"މިއަދު އަޅުގަނޑުމެންގެ ރާއްޖޭގައިވެސް އިޖުތިމާއީ ގިނަ ގުނަ މައްސަލަތަކެއް އެބަ ހުރި،" ފައިސަލް ވިދާޅުވިއެވެ.

"އެގޮތުން އަޅުގަނޑުމެން އެބަ ޖެހޭ ވިސްނާލަން އަޅުގަނޑުމެންގެ މަގުމަތީގެ ރައްކާތެރިކަން، ހިނގާ މީހުންނަށާއި ދުއްވާ މީހުން އިތުރަށް ސަމާލު ކުރުމަށްޓަކައި ހޭލުންތެރި ކުރުމުގެ ޕްރޮގްރާމުތައް ހިންގަން ޖެހޭ. ތިބޭފުޅުން އެ މަސައްކަތް އިތުރަށް ކޮށްދެއްވައިފި ކަމަށް ވަންޏާ މިކަމަށް ހައްލެއް ލިބިގެންދާނެ،"

ނޫސްވެރިންނަށް މިނިވަކަން ދިނުމުގެ ގޮތުން މިއަދުގެ ސަރުކާރުގައި އެންމެ މުހިންމު ކަމެއްގެ ގޮތުގައި ކުރީ އަބުރުގެ ގާނޫނު އުވާލުން ކަމަށް ވެސް ނައިބު ރައީސް ވިދާޅުވިއެވެ. އަދި އެކަމަށްޓަކައި އެމަނިކުފާނު ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ޝުކުރު އަދާ ކުރައްވައިފައެވެ.

މިއަދުގެ ޖަލްސާގައި މީޑިއާ ކައުންސިލުގެ ރައީސް ހިދާޔަތުﷲ ވަނީ މީޑިއާ ކައުންސިލަށް ދިމާވެފައިވާ މާލީ ދަތިތަކުގެ ވާހަކަ ދައްކަވައިފައެވެ. އެކަމާ ގުޅިގެން ފައިސަލް ވިދާޅުވީ، މީޑިއާ ކައުންސިލަށް އެހީތެރިވުމުގައި ސަރުކާރުން ދެމިތިބޭނެ ކަމަށެވެ.

"މީޑިއާ ކައުންސިލުގެ މަސްއޫލިއްޔަތުތައް އަދާ ކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދިޔުމުގައި މި ސަރުކާރުން ކޮށްދޭން ޖެހޭ ކަންތައްތައް ކުރުމުގައި އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ދެމި ތިބޭނަން،"

comment ކޮމެންޓް