މެލޭޝިއާގައި އުއްތަމަ ފަނޑިޔާރުކަމަށް ފުރަތަމަ ފަހަރަށް އަންހެނަކު

މެލޭޝިއާގެ އުއްތަމަ ފަނޑިޔާރުކަމަށް އައްޔަނުކުރި ތަންކޫ މައިމޫން --- ފޮޓޯ

މެލޭޝިއާގެ އުއްތަމަ ފަނޑިޔާރުގެ މަގާމަށް ފުރަތަމަ ފަހަރަށް އަންހެނަކު އައްޔަނުކޮށްފިއެވެ.

މެލޭޝިއާގެ ބޮޑުވަޒީރުގެ އޮފީހުން ބުނި ގޮތުގައި، އެގައުމުގެ އުއްތަމަ ފަނޑިޔާރުކަމަށް އައްޔަނުކޮށްފައިވަނީ ފަނޑިޔާރު ތަންކޫ މައިމޫންއެވެ. ތަންކޫ އެ މަގާމަށް އައްޔަނުކުރެއްވީ އެ މަގާމުގައި ހުންނެވި ރިޗަޑް މަލަންޖުމް ރިޓަޔާ ކުރެއްވުމާ ގުޅިގެންނެވެ.

އެގައުމުގެ ޖުޑިޝަރީއިން ބުނެފައިވާ ގޮތުގައި، އުއްތަމަ ފަނޑިޔާރު ތަންކޫ ޖުޑީޝަރީގައި މަސައްކަތްކުރަން ފެއްޓެވީ 2006 ވަނަ އަހަރުގެ އޮކްޓޫބަރު މަހު، ކުއަލަ ލަމްޕޫރުގެ ހައި ކޯޓުގައި ޖުޑީޝަލް ކޮމިޝަނަރުގެ މަގާމުންނެވެ.

ޖެހިގެން އައި އަހަރުގެ ސެޕްޓެމްބަރު މަހު ހައި ކޯޓުގެ ފަނޑިޔާރުކަމަށް ތަންކޫ އައްޔަނުކުރެވިގެން ދިޔަ އިރު، 2013 ވަނަ އަހަރު އޭނާ ވަނީ މެލޭޝިއާގެ އިސްތިއުނާފު ކޯޓުގައިވެސް މަސައްކަތް ކުރައްވާފައެވެ.

މެލޭޝިއާގެ ފެޑެރަލް ކޯޓުގެ ފަނޑިޔާރުކަމަށް ތަންކޫ ޕްރޮމޯޓުކުރެވިގެން ދިޔައީ 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 26 ވަނަ ދުވަހުއެވެ. ފެޑެރަލް ކޯޓަކީ އެގައުމުގެ ޝަރުއީ ދާއިރާގެ އެންމެ މަތީ ކޯޓެވެ.

އުއްތަމަ ފަނޑިޔާރުކަމަށް އަންހެނަކު އައްޔަނުކުރުމާ ގުޅިގެން، މެލޭޝިއާގެ އިންސާނީ ހައްގުތަކާއި އަންހެނުންގެ ހައްގުތަކަށް ވަކާލާތުކުރާ އެކްޓިވިސްޓުން ވަނީ މަރުހަބާ ކިޔާފައެވެ.
ގުޅޭ ޓެގު
comment ކޮމެންޓް