އެމްބަސީގައި ހުރި ވެނެޒުއޭލާގެ އިދިކޮޅު ލީޑަރު ހައްޔަރު ކުރުމަށް ހުއްދަ ނުދޭނަން: ސްޕެއިން

ވެނެޒުއޭލާގެ އިދިކޮޅު ލީޑަރެއް ކަމަށްވާ ލިއޮޕޮލްޑޯ ލޯޕޭޒް ހައްޔަރު ކުރުމަށް ސްޕެއިން އެމްބަސީއަށް ވަނުމުގެ ހުއްދަ ވެނެޒުއޭލާއަށް ނުދޭނެ ކަމަށް ސްޕެއިންއިން ބުނޭ -- ފޮޓޯ: އޭޕީ

ކަރާކަސް (މެއި 3): ވެނެޒުއޭލާގައި ހުންނަ ސްޕެއިންގެ އެމްބަސީގައި ހުންނެވި އިދިކޮޅު ލީޑަރު ލިއޮޕޮލްޑޯ ލޯޕޭޒް ހައްޔަރު ކުރުމަށް އެމްބަސީއަށް ވަނުމުގެ ހުއްދަ ނުދޭނެ ކަމަށް ސްޕެއިން އިން ބުނެފި އެވެ.

މިދިޔަ އަންގާރަ ދުވަހު ލޯޕޭޒް ސްޕެއިންގެ އެމްބަސީން ރައްކާތެރިކަން ހޯއްދެވީ ވެނެޒުއޭލާގެ އިދިކޮޅު ލީޑަރު ހުއަން ގުއައިޑޯއާ އެކު، އެގައުމުގެ ރައީސް ނިކޮލަސް މަޑޫރޯއާ ދެކޮޅަށް ބަޣާވާތް ކުރަން ގޮވާލެއްވުމަށް ފަހުގަ އެވެ.

ސްޕެނިޝް ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައިވާ ގޮތުން އެމްބަސީ ދޫކޮށް ދިޔުމަށް އެގައުމުން ލޯޕޭޒްއަށް އެއްވެސް ހާލަތެއްގައި މަޖުބޫރެއް ނުކުރާނެ އެވެ. އަދި ލޯޕޭޒް އާއި އޭނާގެ އާއިލާއިން އެމްބަސީން ރައްކާތެރިކަން ހޯދި ނަމަވެސް ސިޔާސީ ހިމާޔަތަށް އެދިފައި ނުވެ އެވެ.

އަންގާރަ ދުވަހުގެ ކުރިން ގޭ ބަންދުގައި ހުންނެވި ލޯޕޭޒް ވިދާޅުވި ގޮތުގައި އޭނާ މިނިވަން ކުރީ ސަލާމަތީ ފައުޖުތަކުންނެވެ. އަދި އޭނާ ވަނީ އޭގެ ކުރިން އަސްކަރިއްޔާގެ އިސް އޮފިޝަލުންނާ ބައްދަލު ކުރައްވައިފަ އެވެ.

ވެނެޒުއޭލާ އިން މިހާރު ވަނީ ލޯޕޭޒް ހައްޔަރު ކުރުމަށް އަމުރު ނެރެފަ އެވެ. ދެހާސްސާދަ ވަނަ އަހަރު އޭނާ ހައްޔަރު ކުރީ އެއަހަރު ސަރުކާރާ ދެކޮޅަށް ކުރި މުޒާހަރާތަކުގައި ހަމަނުޖެހުމަށް ހިތްވަރުދިން ކަމަށް ބުނެ އެވެ. އޭނާ ގޭ ބަންދަށް ބަދަލު ކުރީ 2017 ވަނަ އަހަރެވެ.

މިދިޔަ އަހަރު ވެނެޒުއޭލާގައި ބޭއްވި ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވުމަށް ފަހު މަޑޫރޯ ގެންދަވަނީ އެގައުމުގައި ދެވަނަ ދައުރަކަށް ވެރިކަން ކުރައްވަމުންނެވެ. ނަމަވެސް އިދިކޮޅު ލީޑަރު ގުއައިޑޯ ވަނީ އިންތިހާބުގެ ނަތީޖާ އޮޅުވާލި ކަމަށް ތުހުމަތު ކުރައްވާފަ އެވެ. އަދި ގައުމުގެ އަސްލު ރައީސަކީ އޭނާ ކަމަށް ވިދާޅުވެފަ އެވެ. އޭގެ ފަހުން ގުއައިޑޯ އަކީ ރައީސްކަމަށް ބަލައިގަތް ގައުމުތަކުގެ ތެރޭގައި އެމެރިކާ އާއި ބްރެޒިލްވެސް ހިމެނެ އެވެ.

comment ކޮމެންޓް