ޑރ އަލީ ނަސީރު، ސަފީރުކަމުގެ މަސްއޫލިއްޔަތުތައް ނިންމާލައިފި

ޑރ. އަލީ ނަސީރު، އދ. ގެ ސެކްރެޓަރީ ޖެނަރަލް އެންޓޯނިއޯ ގުޓަރެސްއާ އިއްޔެ ބައްދަލު ކުރައްވަނީ ----

ރާއްޖެއިން އދ.އަށް ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބުކަމާއި އެމެރިކާގައި ހުންނަވާ ދިވެހި ސަފީރުކަމާއި ކެނެޑާއަށް ކަނޑައަޅާފައި ހުންނަވާ ނޮން ރެޒިޑެންޓް ސަފީރުގެ މަގާމުގައި ހުންނެވި ޑރ. އަލީ ނަސީރު މުހައްމަދު، އޭނާގެ މަގާމުތަކުގެ މަސްއޫލިއްޔަތުތައް މިއަދު ފުރިހަމަކުރައްވައި، ނިންމަވާލައިފިއެވެ.

ޑރ. އަލީ ނަސީރު އެ މަގާމުތަކަށް އައްޔަނު ކޮށްފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2017 ވަނަ އަހަރުގެ ޖުލައި ނުވަވަނަ ދުވަހުއެވެ.

ތަޖުރިބާކާރު ޑިޕްލޮމެޓް ޑރ. އަލީ ނަސީރު މުހައްމަދު މިއަދު ކުރެއްވި ޓްވީޓެއްގއި މިކަން ފާހަގަކުރައްވައި، ވިދާޅުވީ އދ. އަށް ކަނޑައަޅާފައި ހުންނަ ދާއިމީ މަންދޫބުގެ މަގާމުގައި ޑިޕްލޮމެޓިކް އެންމެ މަތީ ހަރުފަތުގައި ރާއްޖެ ތަމްސީލުކުރުމަކީ ލިބުނު ޝަރަފެއް ކަމަށެވެ. އަދި އޭނާ ވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދަށް ޝުކުރު އަދާކުރައްވާފައެވެ.

އދ. އަށް ކަނޑައަޅާފައި ހުންނަ ދާއިމީ މަންދޫބުގެ މަގާމު ނިންމާލުމުގެ ކުރިން ޑރ. އަލީ ނަސީރު އިއްޔެ ވަނީ އދ. ގެ ސެކްރެޓަރީ ޖެނަރަލް އެންޓޯނިއޯ ގުޓަރެސްގެ އަރިހަށް ވަދާއީ ޒިޔާރަތް ކުރައްވާފައެވެ.

މަރުކަޒީ ބޭންކްގެ ކުރީގެ ގަވަރުނަރު ޑރ. އަޒީމާ އާދަމްގެ ފިރިކަލުން ޑރ. އަލީ ނަސީރު، ޑިސެމްބަރު 2013 އިން ފެށިގެން އެ މަގާމުތަކަށް އައްޔަނު ކުރުމާއި ހަމައަށް ހުންނެވީ ދިވެހި ޚާރިޖިއްޔާގެ ފޮރިން ސެކްރެޓަރީގެ މަގާމުގައެވެ.

އދ. އަށް ކަނޑައަޅާ ދާއިމީ މަންދޫބުކަމާއި، އެމެރިކާ ސަފީރުކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އައްޔަނުކުރައްވާފައިވަނީ، ނިއު ޔޯކްގައި ހުންނަވާ ރާއްޖޭގެ ދާއިމީ މަންދޫބުގެ ނައިބުކަން ކުރެއްވި ތިލްމީޒާ ހުސައިނެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ތިލްމީޒާ ވަނީ، އުތުރު ޕްރޮވިންސްގެ ސްޓޭޓް މިނިސްޓަރުކަންވެސް ކުރައްވާފައެވެ.

ތުޅާދޫ ދާއިރާގެ އިންތިހާބީ މެމްބަރު އަދި ގާނޫނީ ވަކީލު ހިސާން ހުސައިންގެ ކޮއްކޮ ތިލްމީޒާއަށް ސަފީރުކަމުގެ ފަތްކޮޅު، ރައީސް ސޯލިހު އެރުއްވީ މިދިޔަ އޭޕްރިލް މަހުގެ 18 ވަނަ ދުވަހުއެވެ.

comment ކޮމެންޓް