ޔޫތު މިނިސްޓްރީގެ 'ހަފްތާ ރެސް' ރޯދަމަހަށް މެދު ކަނޑާލައިފި

ހަފްތާ ބަންދުގައި ރަސްފަންނު ސަރަހައްދުގައި ގެންދާ 'ހަފްތާ ރެސް' އިވެންޓްގެ ތެރެއިން: އެ ޕްރޮގްރާމް ވަނީ ރޯދަ މަހަށް މެދު ކަނޑާލާފައި -- ފައިލް ފޮޓޯ/ ރައީސް އޮފީސް

ހަފްތާ ބަންދަށް ހާއްސަ މާރުކޭޓާއި މުނިފޫހިފިލުވުމުގެ ހަރަކާތްތަކާއި އެކު ޔޫތް މިނިސްޓްރީން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ "ހަފްތާ ރެސް" އިވެންޓް، ރޯދަ މަހަށް މެދު ކަނޑާލުމަށް އެ މިނިސްޓްރީން ނިންމައިފި އެވެ.

ޔޫތް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ 'ހަފްތާ ރެސް' ގެ ހަރަކާތްތައް ކެންސަލް ކޮށްފައިވާ ކަމަށާއި ދެން އެ ޕްރޮގްރާމް ފެށުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ފިތުރު އީދަށް ފަހުގައި ކަމަށެވެ.

ހަފްތާ ނިންމުމުގެ ގޮތުން ވީކްއެންޑް މާކެޓާއި މުނިފޫހިފިލުވުމުގެ ޕްރޮގްރާމަކީ ރައީސް އިބްރާޙިމް މުހައްމަދު ސޯލިހްގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހަގައި ފެއްޓުމަށް ނިންމާފައިވާ ޕްރޮގްރާމެކެވެ.

ހަފްތާ ރެސްގެ ގަވައިދުގައިވާ ގޮތުން، ޓެލެކްޓް ޝޯގައި އިސްކަން ދޭނީ އުމުރުން 16 އަހަރާއި 30 އަހަރާ ދެމެދުގެ މީހުންނަށެވެ. އަދި އަބަދުވެސް އަލަށް ހުށަހަޅާ ފަރާތްތަކަށް އިސްކަންދޭނެ ކަމަށާއި ބޭނުންކުރަންޖެހޭނީ އަމިއްލަ އިންސްޓްރުމެންޓުގައި ކަމަށްވެސް ބުނެފައިވެއެވެ.

މީގެ އިތުރުން ހަފްތާ ރެސް މާކެޓުގެ ސްޓޯލްތަކުގެ 15 ޕަސަންޓު އަންހެނުންނަށް، 10 ޕަސަންޓު ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް، 15 ޕަސަންޓު ދިވެހި އުފެއްދުންތަކަށް އަދި 30 ޕަސަންޓު ޒުވާނުންނަށް ހާއްސަކޮށްފައިވާ ކަމަށް ގަވައިދުގައި ބުނެފައިވެއެވެ. ރައީސުލްޖުމްހޫރިއްޔާ އައްޔަނުކުރައްވާ މަގާމެއް ނުވަތަ އިންތިހާބީ އެއްވެސް މަގާމެއްގައި ހުންނަ މީހަކަށް މާކެޓުގައި ބައިވެރިނުވެވޭނެކަމަށް ގަވައިދުގައި ވެއެވެ.

comment ކޮމެންޓް