ތައިލެންޑުގެ ރަސްގެފާނު ބޮޑީގާޑާ ކައިވެނި ބައްލަވައިގެންފި

ރަސްގެފާނު ވަޖިރަލޮންކޯންއާއި ރާނީ ސުތިދާ --

ތައިލެންޑުގެ ރަސްކަމުގެ ތަހުތަށް އިސްވެވަޑައިގަތުމަށް ތިން ދުވަހަށް ވެފައި ވަނިކޮށް އެގައުމުގެ ރަސްގެފާނު މަހާ ވަޖިރަލޮންކޯން ކުއްލި ގޮތަކަށް ކައިވެނި ބައްލަވައިގެންފި އެވެ.

އުމުރުފުޅުން 68 އަހަރުފުޅުގެ ރަސްގެފާނު ވަޖިރަލޮންކޯން އިއްޔެ ކައިވެނި ބައްވަލަވައިގަތީ 2014 ވަނަ އަހަރުން ފެށިގެން އެމަނިކުފާނު ލޯބީގެ ގޮތުން ގުޅިވަޑައިގެން އުޅުއްވި ސުތިދާ ތިދްޖާއީއާ އެވެ.

އިއްޔެ ކުއްލި ގޮތަކަށް ބޭއްވި ކައިވެނި ހަފްލާއަށްފަހު ޝާހީ ގަނޑުވަރުން ނެރުނު ބަޔާނެއްގައި ބުނީ، ތައިލެންޑުގެ ރާނީގެ މަގާމަށް ސުތިދާ އިސްކުރައްވާފައިވާ ކަމަށެވެ.

ތައިލެންޑުގެ ގައުމީ އެއާލައިން، ތައި އެއާވޭސްގެ ފްލައިޓް އެޓެންޑަންޓެއްގެ ގޮތުގައި މަސައްކަތްކުރެއްވި ސުތީދާ، 2013 ވަނަ އަހަރު ގުޅިވަޑައިގަތީ އެގައުމުގެ ޝާހީ ގަނޑުވަރުގެ ރޯޔަލް ގާޑާ އެވެ. އަދި 2014 ވަނަ އަހަރު، އޭރު ވަލީއަހުދުގެ މަގާމުގައި ހުންނެވި ވަޖިރަލޮންކޯން ވަނީ އެމަނިކުފާނުގެ ޝާހީ ބޮޑީގާޑު ޔުނިޓުގެ ޑެޕިއުޓީ ކޮމާންޑަރުގެ މަގާމަށް ސުތިދާ އިސްކުރައްވާފަ އެވެ.

ދެހާސް ސޯޅަވަނަ އަހަރު ތައިލެންޑުގެ އޭރުގެ ރަސްގެފާނު ޕުމިޕޮން އަދުންޔަދޭ އަވަހާރަވުމަށްފަހު ރަސްކަމާ ހަވާލުވެވަޑައިގެން، ވަޖިރަލޮންކޯން ވަނީ ރޯޔަލް ތައި އާމީގެ ޖެނެރަލެއްގެ މަގާމަށް ސުތިދާ އިސްކޮށް، އަދި ރަސްގެފާނުގެ ޕާސަނަލް ގާޑުގެ ޑެޕިއުޓީ ކޮމާންޑަރުގެ މަގާމުވެސް ދެއްވާފަ އެވެ.

މިއީ ރަސްގެފާނު ވަކިރަލޮންކޯން ކައިވެންޏެއް ކުރެއްވި ހަތަރުވަނަ ފަހަރެވެ. ކުރީގެ ތިން ކައިވެނިން އެމަނިކުފާނަށް ހަތް ބޭފުޅަކު ލިބިވަޑައިގެންފައި ވެއެވެ.

ރަސްގެފާނު ވަޖިރަލޮންކޯން ތައިލެންޑުގެ ތަހުތަށް ރަސްމީކޮށް އިސްވެވަޑައިގަތުމުގެ ހަރަކާތްތައް ހޮނިހިރު ދުވަހު ފަށާ އިރު، އެ ހަރަކާތްތައް ތިން ދުވަހުގެ މުއްދަތަކަށް ދިގުދެމިގެން ދާނެ އެވެ.

comment ކޮމެންޓް