ބިދޭސީއަކު ގެއްލުނު މައްސަލައެއްގައި ދެ މީހަކު ހައްޔަރުކޮށްފި

ޅައިމަގު ބަނދަރުމަތި: އެރަށަށް ނިސްބަތްވާ ބޯޓެއްގައި މަސައްކަތް ކުރާ ބިދޭސީއަކު ގެއްލިގެން ހޯދަމުންދާ މައްސަލައެއްގައި ދެ ބިދޭސީ އަކު ވަނީ ހައްޔަރުކޮށްފައި --ފައިލް ފޮޓޯ

ށ. ޅައިމަގާއި މާލެއާ ދެމެދު ދަތުރުކުރާ ބޯޓެއްގައި މަސައްކަތް ކުރާ ބިދޭސީއަކު ގެއްލުނު މައްސަލައެއްގައި ބަންގްލަދޭޝް ދެ މީހަކު ހައްޔަރުކޮށްފި އެވެ.

ބޯޓުގައި މަސައްކަތް ކުރާ މީހާ ގެއްލުނުކަމުގެ ރިޕޯޓު ފުލުހުންނަށް ލިބުނީ، ނިމިދިޔަ އޭޕްރިލް މަހު 22 ވަނަ ދުވަހުގެ 12:17 އެހާކަންހާއިރުއެވެ.

ފުލުހުން މިރޭ ބުނީ، ބިދޭސީ މީހާ ގެއްލިގެން ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ، އޭނާ މަސައްކަތްކުރާ ޅައިމަގު "ކުރިމަގު ބޯޓު" މާލެ ފުރަންވެގެން ބެލި އިރު ބިދޭސީ މީހާ ބޯޓުގައި ނެތުމުން ކަމަށެވެ.

ކުރިމަގު ބޯޓުގެ ކެޕްޓަން އަލީ ޝަރީފް މިރޭ "ސަން"އަށް ބުނީ މިދިޔަ އަންގާރަ ދުވަހު މާލެ ފުރުމަށްޓަކައި ދަތުރުކުރުމުގެ ކުރިން ފަޅުވެރިން ހަމަތޯ ބެލި އިރު، އެ ބިދޭސީ މީހާ ނުފެނުނު ކަމަށެވެ.

"އަޅުގަނޑު ފުރަންވެގެން ބޯޓަށް އެރި އިރު އޭނާ ބޯޓުގައި ނެތުމުން ރަށު ކައުންސިލާ ހިއްސާ ކުރުމަށްފަހު ފުރައިގެން އައީ،" ކުރިމަގު ބޯޓުގެ ކައްޕި ބުންޏެވެ.

އެ ބިދޭސީ މީހާ، ކުރިމަގު ބޯޓުގައި މަސައްކަތް ކުރާތާ އަދި ވީ އެންމެ ދެ މަހެއްހާ ދުވަސް ކަމަށް ބޯޓުގެ ކައްޕި ބުންޏެވެ. އަދި އެ ބޯޓުގައި މަސައްކަތްކުރަނީ ޖުމްލަ ފަސް ބިދޭސީއަކު ކަމަށްވެސް ބުންޏެވެ.

ފުލުހުން ބުނީ ކުރިމަގު ބޯޓު މާލެ ލެފުމާއެކު އެ ބޯޓަށް އަރައި، ބޯޓު ޗެކުކޮށް އަދި ކައްޕިއާއި ފަޅުވެރިންނާ ސުވާލުކުރި ކަމަށެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރު ކޮށްފައިވަނީ، ބަންގްލަދޭޝަށް ނިސްބަތްވާ، އުމުރުން 30 އަހަރާއި 36 އަހަރުގެ ދެ މީހެކެވެ.

މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

comment ކޮމެންޓް