"ބާސެލޯނާގެ ހުރިހާ ވެސް އުންމީދަކީ މެސީ"

ބާސެލޯނާގެ ކެޕްޓަން ލިއޮނެލް މެސީއާއި އެ ޓީމުގެ މިޑްފީލްޑަރު އީވާން ރަކިޓިޗް--- ފޮޓޯ/ ލިއަމް ބާން

ބާސެލޯނާގެ ކެޕްޓަން ލިއޮނެލް މެސީއަކީ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ ކަމަށާއި މިރޭ ކުޅޭ ސެމީ ފައިނަލުގައި ހުރިހާ ވެސް އުންމީދަކީ އޭނާކަމަށް އެ ޓީމުގެ މިޑްފީލްޑަރު އީވާން ރަކިޓިޗް ބުނެފި އެވެ.

ވޭތުވެ ދިޔަ ހަފްތާގައި ލެވަންޓޭ ބަލިކޮށް މެސީ ކެޕްޓަންކަމުގެ ދަށުގައި ބާސެލޯނާ ސްޕެނިޝް ލީގުގެ ތަށި އުފުލާލި އިރު އެ ތަށްޓަކީ މެސީ ބާސެލޯނާއާ އެކު ހޯދި 10 ވަނަ ލީގު ތަށްޓެވެ. މެސީގެ އެންމެ ބޮޑު އެއް ޗެލެންޖަކަށް މިރޭ ލިވަޕޫލްއާއި ދެ ކޮޅަށް ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގައި ބާސެލޯނާ ކުޅޭ މެޗު ވެގެންދާއިރު އޭނާ މިވަގުތު ހުރީ ރަނގަޅު ފޯމެއްގަ އެވެ.

އިނިރޭސި ޓީމުތަށް ކޮޅަށް ގިނަ ގޯލުތަކެއް މީގެ ކުރިން ވެސް ޖަހާފައިވާ މެސީއަށް މިހާތަނަށް ލިވަޕޫލް ކޮޅަށް ގޯލެއް ޖެހިފައެއް ނުވެ އެވެ. އަދި ސީޒަން ފެށުމުގެ ކުރިން ވެސް އޭނަގެ އެންމެ ބޮޑު އަމާޒެއްގެ ގޮތުގައި އޭނާ ކަނޑައެޅި ޗެމްޕިއަންސް ލީގު ހޯދުމަށް މިރޭގެ މެޗަކީ ވަރަށް ވެސް މުހިއްމު މެޗެކެވެ.

މީގެ ކުރިން ހަތަރު ފަހަރެއްގެ މަތިން މެސީ ވަނީ ޗެމްޕިއަންސް ލީގު ހޯދައިފަ އެވެ. އަދި މިރޭ ކުޅޭ މެޗުން ވެސް އޭނަގެ ތަފާތު ފެންނާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ބާސެލޯނާގެ މިޑްފީލްޑަރު އީވާން ރަކިޓިޗް ވަނީ ބުނެފަ އެވެ.

"އަހަރަމެން މިތިބީ އަހަރަމެންގެ ކެޕްޓަންގެ ފަހަތުގައި. ބާސެލޯނާއިން ފަހުގެ ތާރީހުގައި ވަނީ ތަފާތު މޮޅު ކުޅުމެއް ދައްކާފައި. އެކަމުގެ ސަބަބުން މެޗަކަށް ފަހު މެޗެއްގެ ޕްރެޝަރު ދަނީ ބޮޑުވަމުން. ނަމަވެސް ބާސެލޯނާގައި މެސީ ހުރިހާ ހިނދަކު އުންމީދު އެބައޮތް،" އިއްޔެ ދިން ނޫސް ޕްރެސްއެއްގައި ރަކިޓިޗް ބުންޏެވެ.

އޭނާ ބުނީ މެސީ ބާސެލޯނާއާ އެކު ހޯދި ކާމިޔާބީތަކަކީ މީގެ ކުރިން އެއްވެސް ކުޅުންތެރިއަކަށް ހޯދިފައި ނުވާ ފަދަ ބޮޑެތި ކާމިޔާބީތަކެއް ކަމަށެވެ. އަދި އޭނައަށް ލިބޭ ކޮންމެ ކާމިޔާބީއަކަށް އިންތިހާއަށް އުފާ ކުރާ ކަމަށެވެ.

"މެސީ މީގެ ކުރިން ހަތަރު ފަހަރަކު ޗެމްޕިއަންސް ލީގު ހޯދި. އޭނާ ހުރުމުން ޓީމަށް ލިބެނީ ބުނެދެން ނޭންގޭ ފަދަ ހިއްވަރަކާއި ޖޯޝެއް. މިރޭގެ މެޗުން އޭނަގެ ތަފާތު ފެނިގެންދާނެ،"

"އަހަރެންނަށް ވަރަށް ރަނގަޅަށް އިނގޭ ކްލޮޕް. އޭނާ އަކީ މިވަގުތު ހުރި އެންމެ މޮޅު އެއް ކޯޗު. މިރޭގެ މެޗު ކުޅޭނީ އޭނައަށް އިހުތިރާމު ކުރުމަށް ފަހު."

comment ކޮމެންޓް