މިދިޔަ އަހަރު 11.7 މިލިއަން ރުފިޔާގެ ބާ ނޫޓާއި ކޮއިން ނައްތާލި

ކުރީގެ 500 ރުފިޔާގެ ނޫޓުތަކެއް --- ސަން ފައިލް ފޮޓޯ

ނިމިދިޔަ 2018 ވަނަ އަހަރުގެ ތެރޭގައި 11.78 މިލިއަން ރުފިޔާގެ އަގު ކުރެވޭ، އުވާލާފައިވާ ކުރީގެ ފައިސާ ނޫޓާއި ފައިސާ ފޮތި ނައްތާލާފައިވާ ކަމަށް މަރުކަޒީ ބޭންކުން ހާމަކޮށްފިއެވެ.

ރާއްޖޭގައި މިހާރު ބޭނުންކުރާ ރަން ދިހަފަހެއް ސީރީޒްގެ ޕޮލިމާ ކަރުދާސް ނޫޓުތައް ބޭނުންކުރަން ފެށުމާ އެކު، މީގެ ކުރިން ރާއްޖޭގައި ބޭނުންކުރި ދެ ރުފިޔާ، 10 ރުފިޔާ، 20 ރުފިޔާ، 50 ރުފިޔާ އަދި 100 ރުފިޔާގެ އިތުރުން 500 ރުފިޔާގެ ކަރުދާސް ނޫޓުތައް ވަނީ އުވާލައިފައެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން އިއްޔެ ނެރުނު އެ އިދާރާގެ 2018 ވަނަ އަހަރުގެ އަހަރީ ރިޕޯޓުގައި ވާ ގޮތުން، މިދިޔަ އަހަރުގެ ތެރޭގައި ނައްތާލާފައިވަނީ 1983 ވަނަ އަހަރުގެ ކަރުދާސް ނޫޓު ސީރީޒްގެ ނޫޓުތަކަކާއި ކުރީގެ 2 ރުފިޔާގެ ކޮއިންސް (ފައިސާ ފޮތި)ތަކެކެވެ.

އެމްއެމްއޭއިން ބުނި ގޮތުގައި، ކޮންމެ އަހަރަކުވެސް އެމްއެމްއޭއިން ނައްތާލާ ފައިސާއަކީ އިގްތިސާދުގައި ދައުރުވާ ފައިސަގެ ތެރެއިން އެމްއެމްއޭއަށް ލިބޭ ނޫޓުތަކުގެ ތެރެއިން، ދައުރުކުރުމަށް އެކަށީގެންވާ ވަރަށް ވުރެ ބާވެފައިވާ ނޫޓެވެ.

އެމްއެމްއޭއިން ބުނި ގޮތުގައި ކަރުދާސް ފައިސާ ނޫޓުގެ ތެރެއިން މިދިޔަ އަހަރުގެ ތެރޭގައި 466،068 ނޫޓު ނައްތާލެވުނު ކަމަށެވެ. އެ ނޫޓުތަކުގެ އަގަކީ 9،862،195 ރުފިޔާއެވެ.

މިހާރު ބޭނުންކުރާ ދެ ރުފިޔާގެ ކޮއިންތަކެއް --- ސަން ފޮޓޯ/ ޔާމިން ސައީދު

މީގެ އިތުރުން 2017 ވަނަ އަހަރުގެ ޖުލައި މަހުގެ 12 ވަނަ ދުވަހު އެމްއެމްއޭއިން 2 ރުފިޔާގެ ލުއި ފައިސާފޮއްޗެއް ތައާރަފުކުރުމާ ގުޅިގެން، އެ އިދާރާއިން ދިޔައީ ދައުރުވާ ފައިސާގެ ތެރެއިން ކުރީގެ ދެ ރުފިޔާގެ ކޮއިންތައް ނަގަމުންނެވެ.

މަރުކަޒީ ބޭންކުގެ އަހަރީ ރިޕޯޓުގައި ބުނީ މިދިޔަ އަހަރު، ދެ ރުފިޔާގެ 960،000 ކޮއިން އެ އިދާރާއަށް ލިބުނެވެ. އެއީ 1،920،000 ރުފިޔާއެވެ.

އެ ހުރިހާ ކޮއިންއެއް، ކޮއިން އުފައްދާ އިނގިރޭސިވިލާތުގެ ރޯޔަލް މިންޓު ކުންފުންޏަށް މިދިޔަ އަހަރުގެ މެއި މަހުގެ ތެރޭގައި ފޮނުވި ކަމަށާއި، އަދި އެ ކޮއިންތައް މިދިޔަ އަހަރުގެ ޑިސެމްބަރު ހަތަރުވަނަ ދުވަހުގެ ނިޔަލަށް ނައްތާލާފައިވާ ކަމަށް އެމްއެމްއޭއިން ބުންޏެވެ.

އެމްއެމްއޭއިން ބާ ނޫޓު ނައްތާލުމުގެ މަސައްކަތްކުރަނީ އެމްއެމްއޭއިން ގެންގުޅޭ ނޫޓު ނައްތާޅުމާ ބެހޭ ސިޔާސަތުގައި ކަނޑައަޅާފައިވާ ވަކި އަދަދަކަށް ނޫޓު ހަމަވުމުންނެވެ. އަދި ބާ ނޫޓު ނައްތާލުމުގެ މަސައްކަތް ކުރާނީ އެމްއެމްއޭއިން ކަނޑައަޅާ މުވައްޒަފުންގެ އިތުރުން، އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ މުވައްޒަފެއްގެ ހާޒިރުގައެވެ.

comment ކޮމެންޓް