"ޑޮލްފިން ސްޓާ އޮޕަރޭޝަން" އާއެކު ސަލާމަތީ ބާރުތައް ސާކް ސަމިޓަށް އެލާޓް!

ސ. ހިތަދޫން: ހުސައިން ހަސަން

އިނގިރޭސީ އައްޑު އަތޮޅު ގަމުގައި އަސްކަރީ މަރުކަޒު ހަދައިގެން ތިބި ދުވަސްވަރަކީ އައްޑު އަތޮޅުގައި ސަލާމާތީ ގޮތުން އެންމެމަތީ ފެންވަރުގެ ފިޔަވަޅު އަޅައި މުޅި އައްޑު ބަންދުކޮށްލާފައިވާ ޒަމާނެކެވެ. ހުރިހާ ކަނޑުތަކެއްގެ އަޑީގައި ދަލާއި ބާރުގަދަ ޑައިނެމެޓިކް ހަތިޔާރު ބޭނުންކޮށް މާމެންދޫގައި ހުންނައް ނިޒާމަކުން މުޅި އައްޑޫގެ ކަނޑުތައް ގޮއްވައިލެވޭ ގޮތަށް "ދުޝްމަނުންތޯ ނުވަތަ އެކުވެރިތޯ؟" ސުވާލު ކުރެވޭ ނިޒާމެއް ގާއިމުކޮށްފައިވާއިރު ވައިގެ މަގުންނާއި ކަނޑުމަގުން އައްޑު އަތޮޅު ބަލަހައްޓަމުން ދިޔައީ އޭރު ދުނިޔޭގައި ބޭނުން ކުރެވުނު ސަލާމަތީ އެންމެ މަތީ ފިޔަވަޅުތައް އަޅައިގެނެވެ. އޭގެ ފަހުން ސަލާމާތީ ގޮތުން އައްޑޫގައި އެންމެ ވަރުގަދަ ފިޔަވަޅުތައް ފައްކާކޮށްފައި ވަނީ އަންނަ މަހު 10 އިން 11 އަށް އައްޑޫ ސިޓީއާއި ފުއައްމުލަކުގައި ބާއްވާ ސާކް ސަމިޓަށެވެ. ރާއްޖޭގެ ގައުމީ ދިފާއީ ބާރާއި ފުލުހުންނާއި ކަސްޓަމްސް އާއި އިމިގްރޭޝަންގެ އެކުލެވޭ ގޮތަށް ވަނީ ޖޮއިންޓް އިންޓަ އެޖެންސީ ޓާކްސް ފޯސް (ޖައިޓަފް)އެއް އުފައްދާފަ އެވެ. ޓާކްސް ފޯސް ފޯމްކޮށްފައި ވަނީ ސައުތު އޭޝިއާގެ ގައުމުތަކުގެ އަސްކަރިއްޔާގެ ވަސީލަތަކާއެކު ސާކް ސަމިޓްގެ ސަލާމަތީ ކަންކަން ޝައްކެއް ނެތް މިންވަރަށް އެންމެނަށް ޔަގީން ކުރެވޭ ގޮތަށް ކަމަށް ސަލާމަތީ ބާރުތަކުން ވަނީ ބުނެފަ އެވެ.

ތިރީގައި މިވަނީ ތާރީހުގެ ތެރެއަށް ވަދެގެންދާ 17 ސާކް ސަމިޓާ ގުޅިގެން އުފައްދާފައިވާ ސަލާމަތީ ޓާކްސް ފޯހުން އައްޑުއާއި ފުއައްމުލަކުގައި ހިންގާ އޮޕަރޭޝަންތަކާ ޓްރޭނިންއާ ގުޅިގެން ގައުމީ ދިފާއިން ބާރުން އައްޑޫ ސިޓީގައި ނޫސްވެރިނާ ހިއްސާ ކުރި ބައެއް ވާހަކަ އެވެ.

ސަލާމަތީ ބާރު އެކުލެވޭ ޓާކްސް ފޯހުގެ ބާރުވެރިކަން

ސަތާރަވަނަ ސާކް ސަމިޓާ ދިމާކޮށް ސިފައިން ފަށާފައިވާ "ޑޯލްފިން ސްޓާ އޮޕަރޭޝަން"ގެ ބާރު އައްޑޫއާއި ފުވައްމުލަކުން ފެށިގެން މުޅި ސައުތު އޭޝިއާއަށް ފެތުރައިލާނެ އެވެ. އެ ޔަގީންކަން ގައުމީ ދިފާއީން ބާރުން ދެއެވެ. އަދި ރާއްޖޭގެ ދެކުނުން ފެށިގެން މުޅި ރާއްޖެ އެކުލެވޭ ގޮތަށް ވަޔާ ކަނޑުމަގުން ފިޔަވަޅު އަޅައި ސަލާމަތަށް ނުރައްކާވެދާނެ ހުރިހާ ކަމެއް ހުއްޓުވައި ބަލަހައްޓާނެ އެވެ. ރާއްޖޭގެ ގައުމީ ދިފާއީ ބާރާއި އިންޑިއާގެ އެއާފޯހާއި އިންޑީއަން ނޭވީންގެ މަނަވަރުތައް ރާއްޖޭގެ އިގްތިސާދީ ސަރަހައްދަށް ފާރަވެރިގެން ތިބޭނެ އެވެ.
އިނގިރޭސީން އަސްކަރީ މަރުކަޒެއް ގާއިމު ކުރި ސ. ގަމުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ސާކް ސަމިޓުގެ ސަލާމަތާއި ރައްކާތެރިކަމާ ބެހޭ ހުރިހާ ކަމެއްގެ އިސް ކޮމާންޑަރު ކާނަލް މުހައްމަދު ޒިޔާދު ވިދާޅުވީ ސަމިޓާ ގުޅުންހުރި ސަލާމާތީ ހަރަކާތްތައް ހިންގާ ސަރައްހަދުތަކުގައި އޮންނާނީ ހައި ސެކިއުރިޓީ ކަމަށެވެ. އެ ގޮތުން ގަން އިންޓާނޭޝަނަލް އެއާޕޯޓާއި ސަމިޓް ބާއްވާ ހިތަދޫ ކޮންވެންޝަން ސެންޓަރާއި ގައުމުތަކުގެ ވެރިން ތިއްބަވާ ޝަންގްރިއްލާ ރިސޯޓްގައި ޓާކްސް ފޯސްގެ ފުރިހަމާ ބާރާއި، އަމުރު ހިންގާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ޒިޔާދު ވިދާޅުވި ގޮތުގައި އައްޑުއާއި ފުވައްމުލަކަށް ކަނޑުމަގުން ވަދެވެން ހުރި ހުރިހާ ދިމާއެއްގައި ވެސް ސިފައިން ހަރަކާތްތެރިވާނެ އެވެ. އެ ސަރަހައްދަށް އެތެރެ ކުރާ ހުރިހާ އެއްޗެއް ބަލައި ފާސް ކުރާނެ އެވެ.

"ކުރިއަށް އޮތް ހަތަރު ފަސް ދުވަހެއްގެ ތެރޭގައި މިތާނގައި ސީ ކޮންޓްރޯލް އެސްޓަބިލިޝްކޮށް، މި ސަރަހައްދުގެ ހުރިހާ ވެސަލްތަކާއި އެއްޗެހި އަޅުގަނޑުމެން މޮނީޓާކޮށް، ހުރިހާ މޫވްމަންޓެއް، ކަނޑުމަތިން އަންނަ ހުރިހާ ފަރާތްތަކެއް ފުލް ކޮންޓްރޯލްގެ ދަށުން އަޅުގަނޑުމެންނާ ކޯޓިނޭޓްކޮށްގެން މޫވްމަންޓް ގެންދެވޭ ގޮތަށް އަޅުގަނޑުމެން އޮގަނައިޒް ކުރާނަން،" ޒިޔާދު އިއްޔެ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ހައި ރިސްކް ބޭފުޅުން ޝަންގްރިލްލާ އާއި ގަމަށް ދަތުރު ކުރައްވާއިރު އައްޑޫ ސިޓީގެ ކަނޑުގެ ސަރަހައްދުން ބައެއް ބަންދުކޮށް، އެހެން އެއްވެސް ކަނޑު އުޅަދަކަށް ދަތުރު ނުކުރެވޭނެ ކަމަށެވެ.
"ހައި ރިސްކު ބޭފުޅުން ނުވަތަ މިނިސްޓަރުން ދަތުރުތައް ޝަންގްރިންލާއިން ގަން އެއާޕޯޓަށް ކުރާއިރު މުޅި ޒޯން އަޅުގަނޑުމެން އޮންނާނީ ބްލޮކްކޮށްފަ، އެއީ ވަކި ގަޑިތަކެއްގަ،" ޒިޔާދު ވިދާޅުވި އެވެ.

ސާކް ސަމިޓްގެ ސަލާމަތީ ކަންކަން ވަރުގަދަ ކުރަންޖެހެނީ ކީއްވެ؟

އަށް ގައުމުގެ މައްޗަށް އެކުލެވޭ ސާކްގެ ގައުމުތަކުގެ ބައެއް ވެރިންނަކީ "ރިސްކް" ބޮޑު ބައެކެވެ. އެ މީހުންގެ އައްޑަނައަކަށް ތިބޭ ބޮޑީގާޑުންގެ ގޮތުގައި ގިނަ އަދަދެއްގެ ސިފައިންގެ އައްޑޫގައި އަދިވެސް ޓްރޭނިން ހަދަމުން އެބަދެ އެވެ. އެންމެ ބޮޑު ނުރައްކާވާނެ ވެރިންކަމަށްވާ އަފްޣާނިސްތާނުގެ ރައީސް ހާމިދު ކަރުޒާއީ އާއި ޕާކިސްތާނުގެ ބޮޑުވަޒީރު ޔޫސުފް ރަޒާގް ގިލާނީއާއި ސްރީލަންކާގެ ރައީސް މަހިންދަ ރާޖަޕަކްސާ ފަދަ ބޭފުޅުންނަށް އެންމެ މަތީ ހިމާޔަތް ދިނުމުގައި ސަލާމާތީ ބާރުތައް އޮތީ ލޯ ހުޅުވައި ފާރަވެގެނެވެ.

"ރާއްޖެ ވަޑައިގަންނަވާ އަށް ގައުމެއްގެ، އަދިވެސް ބައެއް ގައުމުތަކުގެ އިސް ބޭފުޅުންނަކީ އެކި ލެވެލްގައި އެ ބޭފުޅުންގެ ތުރެޓްތައް އަޅުގަނޑުމެންނަށް އައިޑެންޓިފައި ކުރެވިފައިވާ ބޭފުޅުން. އެ ބޭފުޅަކަށް ރިސްކް އޮތް ވަރަކަށް ބަލާފައި އަޅުގަނޑުމެން އެ ބޭފުޅުންނަށް ކްލޯޒް ޕްރޮޓެކްޝަން ދޭނަން،" ކާނަލް ޒިޔާދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ސެކިއުރިޓީ ހިދުމަތުގައި ފުންނާބު އުސް ދުނިޔޭގެ އެކި ގައުމުތަކާ މައުލޫމާތު ބަދަލުކޮށް އެހީތެރިކަން ހޯދަމުންދާ ކަމަށާއި ސާކްގެ ހުރިހާ ގައުމަކާ އެ ބޭފުޅުންގެ ރައްކާތެރި ކަމަށްޓަކާ ކޯޑިނޭޓް ކުރަމުންދާ ކަމަށެވެ.

"ރާއްޖެ ވަޑައިގަންނަވާ ހަތް ގައުމެއްގެ، އަދިވެސް ބައެއް ގައުމުތަކުގެ އިސް ބޭފުޅުންނަކީ އެކި ލެވެލްގައި އެ ބޭފުޅުންގެ ތުރެޓްތައް އަޅުގަނޑުމެންނަށް އައިޑެންޓިފައި ކުރެވިފައިވާ ބޭފުޅުން. އެ ބޭފުޅަކަށް ރިސްކެއް އޮތް ވަރަކަށް ބަލާފަ އަޅުގަނޑުމެން އެ ބޭފުޅުންގެ ކްލޯޒް ޕްރޮޓެކްޝަން ދޭނަން... ދުނިޔޭގެ ނިސްބަތުން ސައުތު އޭޝިއާގެ ބައެއް ވެރިންނަކީ ވަރަށް ހައި ރިސްކް ބޭފުޅުން. އެހެންނަމަވެސް އަޅުގަނޑުމެންނަށް ވަރަށް ޔަގީންކަމާއެކު ދަންނަވަން ކެރޭ ދިވެހި ދައުލަތުގެ ސަލާމަތި ބާރުތަކުގައި މިފަދަ ހައި ރިސްކް ބޭފުޅުން ބެލުމުގެ ގާބިލްކަށް އެބަހުރި،"

ސެކިއުރިޓީގައި ބޭނުން ކުރާނެ ވަސީލަތް

ސާކް ސަމިޓަކީ ސައުތު އޭޝިއާގައި ބާއްވާ އެންމެ ބޮޑު ސަމިޓަށް ވެފައި އެހެން އަހަރުތަކާ ހިލާފަށް މިފަހަރު ސާކް ސަމިޓްތަކަށް ވަޑައިގަންނަވާ ބޭފުޅުންނަށް ވުރެ، ގިނަ ބޭފުޅުނަށް ސަލާމަތް ތެރިކަން ދެވޭނީ ގާބިލް ވަސީލަތްތަކެއް ހުރެގެންނެވެ. ކާނަލް ޒިޔާދު ވިދާޅުވީ އައްޑޫއާއި ފުވައްމުލަކުގެ މަންޒަރުތައް ވަގުތުން ބަލާލެވޭނެ ސެކިއުރިޓީ ނިޒާމެއް ތައްޔާރު ކުރަމުންދާ ކަމަށާއި ސަމިޓްގެ ވެރިން ތިއްބަވާ ސަރަހައްދުތަކުގައި ކެމެރާތަ ހަރުކޮށް ވަގުތުން މަންޒަރު ބަލާލެވޭނެ ކަމަށެވެ. އަދި ސަލާމަތަށްޓަކާ ލަންކާއިން ކުއްތާ ގެނައުމަށް ވަނީ ނިންމާފަ އެވެ. އަދި ރާއްޖޭގެ ވައިގެ ސަރަހައްދު ބެލެހެއްޓުމަށް ހެލިކޮޕްޓަރާއި މަނަވަރު ރާއްޖެ އަންނާނެ އެވެ.

"ސްރީލަންކާއިން ހޯދަނީ ހަމައެކަނި ސްނިޕާ ޓޯގްސްގެ އެހީތެރިކަން. އައްޑޫއަކީ ބޮޑު ސަރަހައްދެންކަމުން އަޅުގަނޑުމެން ފިޒިކަލީ ޗެކްކޮށްފަ އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށްޓަކާ ވަޑައިގަންނަވާ ހުރިހާތަނެއް ވެސް އެ ގެންގުޅޭނެ. ސްނިފާ ޑޯގްސްއަކީ ތަންތައް ޗެކް ކުރުމުގައި ވަރަށް އިތުބާރު އޮތް ވަރަށް ފަސޭހައިން ކުޑަ ވަގުތުކޮޅެއްގެ ތެރޭ ޗެކް ކުރެވޭނެ ވަސީލަތެއް. ރިސްކު އެކުލެވޭ ހުރިހާ ދިމާލެއްގަ ވެސް ޓެކްނިކަލް އިކިއުޕްމަންޓާ އެއްކޮށް ސްނިޕާ ޑޯގްސް ގެންގުޅޭނެ،"

ސާކް ސަމިޓް ބާއްވާ ހިތަދޫ ކޮންވެންޝަން ސެންޓަރަށް މި މަހުގެ 25 އިން ފެށިގެން ވަދެވޭނީ ހާއްސަ ހުއްދައެއް ލިބިގެންވާ ބޭފުޅުންނަށެވެ. ނަމަވެސް އަމަލީގޮތުން ސިފައިންގެ ތައްޔާރީ ހާލަތައް އަންނާނީ އަންމަ މަހުގެ އެއްވަނަ ދުވަހު އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް