ހުސައިން ވަހީދު މަރާލި ކުއްޖާއަށް އިއްވި މަރުގެ ހުކުމަށް ހައިކޯޓުން ތާއީދުކޮށްފި

މއ. އައިޝާ ހުސައިން ވަހީދު: އޭނާ މަރާލި ދެ ކުޑަކުދީންގެ މަޗަށް ޖުވެނައިލް ކޯޓުން ވަނީ މަރުގެ ހުކުމް އިއްވާފައި -- ސަން ފައިލް ފޮޓޯ

ދެހާސް ތޭރަވަނަ އަހަރުގެ ތެރޭގައި މއ. އައިޝާ ހުސައިން ވަހީދު މަރާލި ކުއްޖާއަށް ޖުވެނައިލް ކޯޓުން އިއްވު މަރުގެ ހުކުމަށް ހައިކޯޓުން ތާއީދުކޮށްފިއެވެ.

ހުސައިން ވަހީދު މަރާލާފައި ވަނީ 2013 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 24 ވަނަ ދުވަހުގެ ރޭ 10:30 އެހާކަންހާއިރު މއ. ކޮފީކޯނާ ކައިރީ ހުއްޓައި އޭނާގެ މެޔަށް ވަޅިން ހަމަލާދީއެވެ.

ޖުވެނައިލް ކޯޓުގެ ހުކުމްގައި ވަނީ ހުސައިން ވަހީދު މަރާލާފައި ވަނީ ބަދަލުހިފުމުގެ ރޫހު އޮވެގެންކަން ޝަރީއަތަށް ހާޒިރުކުރެވުނު މީހުންގެ ބަހުންނާއި ލިޔެކިޔުންތަކުން އެނގެން އޮންނަ ކަމަށެވެ.

ހުސައިން ވަހީދަށް ހަމަލާދިނުމުގައި ބައިވެރިވެ އޭނާ މަރާލާފައިވަނީ އެ ދެކުދިން ބާލިޣުވެ ބުއްދިސަލާމަތުންވާ ހާލު އެއްވެސް ފަރާތެއްގެ މަޖުބޫރުކަމެއް ނެތި މަރާލުމުގެ ގަސްދު އޮވެގެންކަން ޝަރުއީ މިންގަނޑުން ސާބިތުވާ ކަމަށް ވެސް އެ ހުކުމްގައި ވެއެވެ.

އިސްލާމީ ޝަރީއަތުގައި ގަސްދުގައި މީހަކު މަރާލުމުގެ ކުށުގެ އަދަބަކީ މަރުވި މީހާގެ ވާރިސުން އެދޭނަމަ ގާތިލްގެ ކިބައިން މަރަށް މަރުހިފުން ކަމުގައިވާއިރު، ހުސައިން ވަހީދުގެ ވާރިސުންގެ ގޮތުގައި ހިމެނޭ ނުވަ ވާރިސުން ވެސް ބޭނުންވަނީ ގާތިލުންގެ ކިބައިން މަރަށް މަރުހިފުމަށް ކަމަށް ވެސް އެހުކުމްގައި ވެއެވެ.

އެ ހުކުމަށް ތާއީދުކޮށް ހައިކޯޓުން މިއަދު އިއްވި ހުކުމްގައި ވަނީ ހުސައިން ވަހީދަށް އެ ކުއްޖާ ވަޅިން ހަމަލާދިން މަންޒަރު ދުށް ކަމަށް ފަސް މީހަކު ހެކިބަސްދީފައިވާ ކަމަށެވެ. އަދި އެ ހެކީންގެ އަދުލުވެރިކަން ގެއްލޭ އެއްވެސް ކަމެއް ފެންނަން ނެތުމުން އެ މީހުންގެ ހެކިބަސް ބަލައިގަނެވޭނެ ކަމަށް އެ ހުކުމްގައިވެއެވެ،

comment ކޮމެންޓް