ދެމަސްދުވަސް ތެރޭ ފުނަދޫ އެއާޕޯޓަށް ޓެސްޓް ފްލައިޓު ޖައްސަނީ

ފުނަދޫ އެއާޕޯޓުގެ ޓާމިނަލް މަސައްކަތް ކުރިއަށް ދަނީ -- ފޮޓޯ: ފޭސްބުކް

ކުރިއަށް އޮތް ދެމަހެއްގެ ތެރޭގައި، ށ. ފުނަދޫ އެއާޕޯޓަށް ޓެސްޓް ފްލައިޓު ޖެއްސޭވަރުވާނެ ކަމަށް ޓްރާންސްޕޯޓު މިނިސްޓްރީ އިން ބުނެފި އެވެ.

ޓްރާންސްޕޯޓު މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރު އަހުމަދު ޒުހައިރު "ސަން" އަށް ވިދާޅުވީ ފުނަދޫ އެއާޕޯޓުގައި މިހާރު ކުރިއަށްދަނީ ޓަަމިނަލް އާއި ފަޔާ ބިލްޑިންގެ މަސައްކަތް ކަމަށެވެ.

"އެ މަސައްކަތް ދެ މަސް ތެރޭ ނިންމާލެވޭނެ ކަމަށް ކޮންޓްރެކްޓަރު ވިދާޅުވީ. އެހެންވިމާ އެމަސައްކަތް ނިމުމުން ޓެސްޓް ފްލައިޓު ޖައްސާނެ. ދެމަސް ވަރު ނަގާނެ ކަމަށް ބެލެވެނީ،" ޒުހައިރު ވިދާޅުވި އެވެ.

ފުނަދޫ އެއާޕޯޓުގެ ރަންވެގެ މަސައްކަތް ކުރީ އެމްޓީސީސީ އިންނެވެ. އެއާޕޯޓުގައި ގާއިމްކޮށްފައިވަނީ 1200 މީޓަރު ދިގު، 30 މީޓަރު ފުޅާ ރަންވޭއެކެވެ. ޓެކްސީވޭގައި 90 މީޓަރު ހުރެ އެވެ. އޭޕްރަންގެ ފުޅާމިނުގައި 50 މީޓަރު އަދި ދިގު މިނުގައި 150 މީޓަރު ހުރެ އެވެ.

ސަރުކާރު ބަޖެޓުން ހަރަދުކޮށްގެން އެމްޓީސީސީ އިން ފުނަދޫގައި ކުރިއަށް ގެންދިޔަ އެމަޝްރޫއުގެ ދަށުން އެއާޕޯޓް އެޅުމަށް ބިން ހިއްކާފައި ވަނީ ވެސް އެމްޓީސީސީ އިންނެވެ.

މިދިޔަ އަހަރުގެ ރިޔާސީ އިންތިހާބާ ދިމާކޮށް ހދ. ކުޅުދުއްފުށީގައި ތަރައްގީ ކުރަމުންދާ އެއާޕޯޓަށް ވަނީ ޓެސްޓް ފްލައިޓު ޖައްސައިފަ އެވެ. ޓެސްޓު ފްލައިޓުގައި އެރަށަށް ވަޑައިގެން އެއާޕޯޓު ހުޅުއްވައިދެއްވީ އޭރުގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމެވެ. އޭރު އެއާޕޯޓުގައި އޮތީ ރަންވޭ އެކަންޏެވެ. ކުޅުދުއްފުށީ އެއާޕޯޓުގެ ޓާމިނަލް އެޅުމުގެ މަސައްކަތް މިހާރު ކުރަމުން އެބަދެ އެވެ.

comment ކޮމެންޓް