ލައިސަންސް ފޯމަށް ޓޯޔާޑުން ސޮއި ހޯދަން ނުޖެހޭގޮތަށް ހަމަޖައްސައިފި

ލައިސަންސް ދޫކުރުމަށް ޓްރާންސްޕޯޓުން މީގެ ކުރިން ކުރިއަށް ގެންދިޔަ އެއްލަކިން ލައިސަންސް ޕްރޮގްރާމްގެ ތެރެއިން. -- ފޮޓޯ: ސޯޝަލް މީިޑިއާ

އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ހޯދުމަށް ހުށަހަޅާ ފަރާތްތަކަށް ލުއިގޮތްތަކެއް ޓްރާންސްޕޯޓު އޮތޯރިޓީ އިން ހަމަޖައްސައިފި އެވެ.

ޓްރާންސްޕޯޓު އޮތޯރިޓީ އިން ބުނީ މީގެ ކުރިން ލައިސަންސް ފޯމު ހުށަހަޅާއިރު ޕޮލިސް ޓޯޔާޑުން ހޯދަން ޖެހޭ އެންޑޯސްމެންޓް ނުހޯދާ މިހާރު ލައިސަންސަށް އެދި ހުށަހެޅޭނެ ކަމަށެވެ.

"ޕޮލިސް އެންޑޯސްމެންޓް މި ލިބެނީ ތިން ދުވަހަށް. ޓްރާންސްޕޯޓުން ދުވާލަކަށް 100 ނަންބަރު ދޫކުރާއިރު ތިން ދުވަސްތެރޭ ފޯމު ހުށަނޭޅޭ ފަހަރުތައް އެބަ އާދޭ. އަނެއްކާ މިޖެހެނީ ޓޯޔާޑުން ކްލިޔަރެންސް ހޯދަން. އެކަން ފަސޭހަކޮށްދިނުމަށް މިހާރު ބަދަލު މިގެނައީ ޓޯޔާޑުން ކްލިޔަރެންސް ނުހޯދާވެސް ލައިސަންސް ފޯމު ހުށަހެޅޭނެ ގޮތަށް،" ޓްރާންޕޯޓުގެ އޮފިޝަލަކު ވިދާޅުވި އެވެ.

މިދިޔަ ހަފްތާގެ އާދިއްތަ ދުވަހުން ފެށިގެން މި ބަދަލު ގެނެސްފައިވާއިރު މިއީ ރައްޔިތުންނަށް ފަސޭހަ ކޮށްދިނުމަށް ފުލުހުންނާއެކު ޓްރާންސްޕޯޓު މިނިސްޓަރު އާއިޝަތު ނަހުލާ ކުރެއްވި މަޝްވަރާތަކަށްފަހު ގެނައި ބަދަލެއް ކަމަށް ވެސް މިނިސްޓްރީ އިން ބުންޏެވެ.

ޓްރާންސްޕޯޓުން އަދި ބުނީ މިހާރު ޓްރެފިކް ޖޫރިމަނާ އޮންނަ މީހުންނަށް ލައިސަންސް ހެއްދުމަށް އޮންނަ ދަތި ފިލުވާލުމަށް ވެސް މަސައްކަތް ކުރަމުންދާ ކަމަށެވެ.

"ގާނޫނަށް ބަދަލު ގެނައުމަށް މަޝްވަރާ ކުރަމުންދަނީ. މިހާރު އޮންނަ ގޮތުން، ޓްރެފިްކ ޖޫރިމަނާ އޮންނަ ނަމަ ލައިސަންސް ދުލެއް ނުކުރޭ. އެ ކަމަށް ބަދަލު ގެނެސް ޓްރެފިކް ޖޫރިމަނާ އޮތަސް ލައިސަންސް ދޫކުރަން ގާނޫނަށް ބަދަލު ގެނައުމަށް މަޝްވަރާ ތައް ދަނީ ކުރެވެމުން. މި ވާގޮތަކީ ޖޫރިމަނާ ކުރިޔަސް، ލައިސަންސް ނެތި އެބަ ދުއްވާ. އަނެއްކާ ޖޫރިމަނާ އެބަ އަރާ. ބައެއް މީހުންގެ ޖޫރިމަނާ އެބަހުރި 70،000 ގައި ވެސް. އެހެންވެ ރައްޔިތުންނަށް ގަވައިދުގެ ތެރެއަށް ވަނުމަށް ފުރުސަތު ދޭން މަޝްވަރާ ކުރަނީ މިހާރު،" ޓްރާންސްޕޯޓްގެ އޮފިޝަލް ވިދާޅުވި އެވެ.

comment ކޮމެންޓް