އުރީދޫ ކަލާރަން އައްޑޫސިޓީއަށް

އުރީދޫ ކަލާރަން އައްޑޫ ސިޓީގައި ބާއްވަން ނިންމައި އެކަން އިއުލާނު ކުރުން -- ސަން ފޮޓޯ: ފަޔާޒު މޫސާ

ފާއިތުވި ދެ އަހަރު އުރީދޫ އިން ހުޅުމާލޭގައި ބޭއްވި ކަލާރަން މިއަހަރު އައްޑޫސިޓީގައިވެސް ބާއްވަން ނިންމައިފި އެވެ.

އުރީދޫ އާއި ޔޫތު ސްޕޯޓްސް އެންޑް ކޮމިޔުނިޓީ އެމްޕަވާމެންޓް ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އުރީދޫގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ނަޖީބް ހާން ވިދާޅުވީ އުރީދޫ ކަލާ ރަން އައްޑޫ ސިޓީގައި ބާއްވާނީ އަންނަ ޖޫންމަހުގެ 21 ވަނަ ދުވަހު ކަމަށެވެ.

"ކަލާ ރަން ރާއްޖޭގެ އެކި ސަރަހައްދުތަކަށް ގެންދިޔުމަށް ޔޫތު އެންޑް ކޮމިޔުނިޓީ އެމްޕަވާމެންޓް މިނިސްޓްރީ އާއި ގުޅިގެން ކުރާ މަސައްކަތުގެ ދަށުން މި ދުވުން މާލެއިން ބޭރުގައި އެންމެ ފުރަތަމަ މި ބާއްވަނީ އައްޑޫ ސިޓީގައި،" ނަޖީބް ހާން ވިދާޅުވި އެވެ.

މި ދުވުމުގައި އައްޑޫ ސިޓީގެ ރައްޔިތުންގެ އިތުރުން އެހެން ފަރާތްތަކަށްވެސް ބައިވެރި ވެވޭނެ ކަމަށް އުރީދޫ އިން ބުންޏެވެ.

ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު ވިދާޅުވީ ސަރުކާރުން މަސައްކަތް ކުރަނީ ހުރިހާ ކަމެއް މާލޭގައި ކުރުމުގެ ބަދަލުގައި ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައިވެސް ހަރަކާތްތައް ކުރިއަށް ގެންދިޔުމަށް ކަމަށެވެ. އެގޮތުން އުރީދޫ އާއި ގުޅިގެން ކަލާ ރަން ފަދަ ކުލަގަދަ ހަރަކާތެއް އައްޑޫ ސިޓީގައި ބޭއްވުމަކީ ފެށުމެއް ކަމަށް މަހުލޫފް ވިދާޅުވި އެވެ.

ފަސް ކިލޯމީޓަރުގެ މި ދުވުމުގައި ބައިވެރިވުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނެ ކަމަށާއި، ރެޖިސްޓްރޭޝަން ކުރިއަށްދާނީ އޮންލައިންކޮށް ކަމަށް އުރީދޫ އިން ބުންޏެވެ.

މިދިޔަ އަހަރާއި އޭގެ ކުރީ އަހަރު އުރީދޫ އިން ހުޅުމާލޭގައި ބޭއްވި ކަލާ ރަން އަށް ރައްޔިތުންގެ ބޮޑު ތަރުހީބެއް ލިބުނެވެ.

comment ކޮމެންޓް