ތޮއްޑޫ ކައުންސިލުން ރައީސް ސޯލިހާ ބައްދަލުކޮށް ކަރާ ހަދިޔާކޮށްފި

ތޮއްޑު ކައުންސިލުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ކަރާ ހަދިޔާ ކުރަނީ -- ފޮޓޯ/ ރައީސް އޮފީސް

އއ. ތޮއްޑޫ ކައުންސިލުން މިއަދު ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ ބައްދަލުކޮށް، އެމަނިކުފާނަށް ކަރާ ހަދިޔާކޮށްފިއެވެ.

މިއަދު މެންދުރުފަހު ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމުގައި ތޮއްޑޫ ކައުންސިލުގެ މެންބަރުން ވަނީ އެ ރަށުގައި މިއަހަރުގެ ރަމަޟާން މަހަށް ހެއްދި ކަރާ ރަމްޒުކޮށްދިނުމުގެ ގޮތުން ތިން ކަރާ ރައީސަށް ވެދުމަށް އަރުވާފައެވެ.

އެ ބައްދަލުވުމުގައި ތޮއްޑޫގެ ރައްޔިތުންގެ ކަންބޮޑުވުންތަކުގެ މައުލޫމާތު ކައުންސިލުން ވަނީ ރައީސާ ހިއްސާކޮށްފައެވެ. އެގޮތުން އެ ރަށު ސިއްހީ މަރުކަޒަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި، ރަށުގެ މަގުތަކުގެ ހާލަތު ގޯސްވުމުން ކުރިމަތިވާ ގޮންޖެހުންތަކާއި، ބަނދަރު ހަލާކުވުމުގެ ސަބަބުން ރައްޔިތުންނަށް ކުރިމަތިވަމުންދާ ދަތިތައް ކައުންސިލުން ވަނީ ހިއްސާކޮށްފައެވެ.

އެ ރަށުގައި ބޭންކުގެ ހިދުމަތާއި، ފުލުހުންގެ ހިދުމަތުގެ އިތުރުން ކުނި ނައްތާލެވޭނެ ރަނގަޅު ނިޒާމެއް ގާއިމްކޮށްދެއްވުމަށް ކައުންސިލުން ވަނީ އެދިފައެވެ. ކުރިއަށް އޮތް ރޯދަމަހު ތޮއްޑޫގެ ދަނޑުވެރިން، ވިއްކަން މާލެ ގެންނަ މުދާ ބެހެއްޓޭނެ އަދި ވިޔަފާރިކުރެވޭނެ ހަރުދަނާ އިންތިޒާމްތަކެއް ގާއިމްކޮށްދިނުމަށް ކައުންސިލްގެ ފަރާތުން އެދުނެވެ.

އެ ބައްދަލުވުމުގައި ރައީސް ސޯލިހު ވިދާޅުވީ، ތޮއްޑޫ ކައުންސިލުން އެދުނު ކަންކަމާ ބެހޭގޮތުން ކަމާގުޅޭ މިނިސްޓްރީތަކާއެކު މަޝްވަރާކުރައްވައިގެން އެކަންކަމަށް ހައްލެއް ހޯއްދަވައިދެއްވަން މަސައްކަތްޕުޅު ކޮށްދެއްވާނެ ކަމުގައެވެ.

comment ކޮމެންޓް