ޕާސްޕޯޓް ހެދުމަށް އޮންލައިންކޮށް ފައިސާ ދެއްކޭނެ ގޮތް ހަދައިފި

ޕާސްޕޯޓުގެ ސާންޕަލްތަކެއް ދައްކާލަނީ: މިހާރު ޕާސްޕޯޓް ހެދުމަށް އޮންލައިންކޮށް ފައިސާ ދެއްކޭނެ --

އީމެއިލް މެދުވެރިކޮށް ޕާސްޕޯޓަށް އެދި ހުށަހަޅާ ފަރާތްތަކަށް އޮންލައިންކޮށް ފައިސާ ދެއްކޭނެ ގޮތް މޯލްޑިވްސް އިމިގްރޭޝަނުން ހަމަޖައްސައިފިއެވެ.

މީގެ އިތުރުން ކުރިން 48 ގަޑިއިރުން ދެމުން އައި އީމެއިލް މެދުވެރިކޮށް ޕާސްޕޯޓް ހެއްދުމުގެ ޚިދުމަތް، މިއަދުން ފެށިގެން 24 ގަޑި އިރުތެރޭ ފޯރު ކޮށްދެވޭނެ ގޮތަށް ވަނީ ހަމަޖައްސާފައެވެ.

މީގެ ކުރިން އިމިގްރޭޝަނުން ޕާސްޕޯޓަށް ހެދުމަށް އެދި ހުށަހަޅާއިރު، ފައިސާ ދައްކަން ޖެހެނީ އެ އިދާރާއަށް ވަޑައިގެންނެވެ.

އިމިގްރޭޝަނުން މިއަދު ނެރުނު ބަޔާނެއްގައި ވަނީ އެ އިދާރާއިން ރައްޔިތުންނަށް ފޯރުކޮށްދެމުން އަންނަ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށް ލުއި ފަސޭހަ ކޮށްދިނުމުގެ ގޮތުން، އީމެއިލް މެދުވެރިކޮށް ޕާސްޕޯޓުގެ ހިދުމަތަށް އެދެވޭނެ ގޮތް ހަމަޖައްސާފައިވާ ކަމަށެވެ.

އެގޮތުން ފައިސާ ދެއްކުމަށް އިމިގްރޭޝަނަށް ހާޒިރުވުމުގެ ބަދަލުގައި އީމެއިލް މެދުވެރިކޮށް ފޮނުވާ "ލިންކް" އަކުން ޕާސްޕޯޓަށާއި "ރެވެނިއު ސްޓޭމްޕް" އަށް ފައިސާ ދެއްކޭނެ ކަމަށް އިމިގްރޭޝަނުން ނެރުނު ބަޔާނުގައި ވެއެވެ.

ޕާސްޕޯޓް ހެދުމަށް ހުށަހެޅުމާއި ފައިސާ ދެއްކޭނެ ގޮތް އޮންލައިންކޮށް ހަމަޖެހިގެން ދިޔުމާއެކު، ދެން އިމިގްރޭޝަނަށް ވަޑައިގަންނަވަން ޖެހޭނީ ހަމައެކަނި ޕާސްޕޯޓް ހަވާލުވުމަށެވެ.

އިމިގްރޭޝަނުން ބުނި ގޮތުގައި، މިއަހަރުގެ ތެރޭގައި އޮންލައިން ޕޯޓަލް މެދުވެރިކޮށް ޕާސްޕޯޓުގެ ޚިދުމަތަށް އެދެވޭނެ އިންތިޒާމް ހަމަޖެހިގެން ދާނެ ކަމަށެވެ.

comment ކޮމެންޓް