އަންހެނުން ބާރުވެރި ނުވަނީ ގާނޫނު ނެތިގެންނެއް ނޫން: ޝިދާތާ

ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް -- ފޮޓޯ: ޖެންޑާ މިނިސްޓްރީ

އަންހެނުން ބާރުވެރި ބަޔަކަށް ނުވެގެން އުޅެނީ އެކަމަށްޓަކައި ހަދަންޖެހޭ ގާނޫނުތައް ނެތިގެން ނޫންކަމަށް ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް ވިދާޅުވެއްޖެއެވެ.

ޓްރާންޕޭރެންސީ މޯލްޑިވްސް އާއި ޔޫއެންޑީޕީ ގުޅިގެން ހޮޓެލް ޖެންގައި ކުރިއަށް ގެންދާ "ސިމްޕޯސިއަމް އޮން ވިމެންސް ޕޮލިޓިކަލް ޕާޓިސިޕޭޝަން" ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޝިދާތާ ވިދާޅުވީ ޖެންޑާ އީކުއަލިޓީގެ ގާނޫނު ތަސްދީގު ކުރެވުނުތާ ތިން އަހަރުވާން ކައިރިވެފައިވާއިރު، އަންހެނުން ސިޔާސީ ގޮތުންނާއި އިގްތިސޯދީ ގޮތުން އަދި އިޖުތިމާއީ ގޮތުން ބާރުވެރި ބަޔަކަށް ނުވެގެން އުޅެނީ ގާނޫނު ތަކެއް ނެތިގެންނެއް ނޫން ކަމަށެވެ.

ޖެންޑާ އިކުއަލިޓީގެ ގާނޫނުގައި ވަކި ފަރާތެއް އިސްތިސްނާ ކުރުމެއް ނެތި، ހުރިހާ ފަރާތެއްގެ ޒިންމާ ވަރަށް ސާފުކޮށް ފެންނަން އެބައޮތް ކަމަށާއި ނަމަވެސް ގާނޫނުގައި ބުނާ ކަންތައް ތަންފީޒުވާތަން ފެނިގެން ނުދާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ރާއްޖޭގައި ސިޔާސީ ގޮތުން އަންހެނުންނަށް ލިބިފައިވާ ކުރިއެރުމަށް ބަލާއިރު ފެންނަނީ މާ ހިތްހަމަ ޖެހޭ އުފާވެރި މަންޒަރެއް ނޫން ކަމަށާއި އާބާދީގައި އަންހެނުންނާއި ފިރިހެނުންގެ ނިސްބަތް ދާދި އެއް ހަމައެއްގައި އޮތް އިރު، މުހިންމު ނިންމުންތައް ނިންމާ ފެންވަރުގައި އެ ކަން ފެނިގެން ނުދާ ކަން މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.

"ވަކިން ހާއްސަކޮށް އިންތިހާބީ މަގާމުތަކުގައި އެ ފަރަގު ބޮޑު. ނިމިގެން ދިޔަ 19ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޖުމްލަ 87 ގޮނޑީގެ ތެރެއިން އަންހެނުން އިންތިހާބުވެފައި ވަނީ އެންމެ ހަތަރު ގޮނޑިއަށް. އެ ކަންކަމާ މެދު ވިސްނައި ފިކުރުކޮށް، ކަންކަން އިސްލާހުކުރަން ޖެހޭ،"

މިނިސްޓަރު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ އިތުރުން، ކައުންސިލްތަކުގެ އިންތިހާބުތަކުގައި ވެސް ފެނިގެން ދަނީ ހަމަ އެއް މަންޒަރެއް ކަމަށެވެ. މި ކަމަށް އޮތް ހައްލަކީ އިންތިހާބީ މަގާމުތަކަށް ކޯޓާގެ އުސޫލުން އަންހެނުންނަށް ގޮނޑިތަކެއް ކަނޑައެޅުން ކަމަށާއި، އެއީ އެފަމޭޓިވް އެކްޝަން ނުވަތަ ޕޮސިޓިވް ޑިސްކްރިމިނޭޝަން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އެ ކުރިންވެސް ހާމަ ކޮށްފައިވާނެ ކަމަށާއި ކުރިއަށް އޮތީ ވެސް ވަރަށް މުހިންމު ދުވަސްތަކެއް ކަން ފާހަގަ ކުރައްވައި ޝިދާތާ ވިދާޅުވީ ކައުންސިލްތަކުގެ އިންތިހާބު ބޯމަތިވެފައިވާ އިރު، އެ އިންތިހާބުގައި އަންހެނުންގެ ދައުރު ފުޅާކުރުމަށް މިހާރުން ފެށިގެން ގިނަ މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށެވެ.

comment ކޮމެންޓް