ޕީއެންސީގެ ކޮންގްރެސް ޖަލްސާއަށް ރައީސް ޔާމީން ވަޑައެއް ނުގެންނެވި

ޖެނުއަރީ 27، 2019: ކުރީގެ ރައީސް ޔާމީން އިސްވެ ހުންނަވައިގެން އުފައްދަވާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އުފެއްދުމަށް ދަރުބާރުގޭގައި ބޭއްވި ޖަލްސާގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އިދިކޮޅު ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ މަތީ މަޖިލިސް ނުވަތަ ކޮންގްރެސް ނިންމުމުގެ ރަސްމިއްޔާތަށް އެ ޕާޓީގެ ކޯލިޝަންގައި ހިމެނޭ މައި ޕާޓީ، ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ވަޑައެއް ނުގެންނެވި އެވެ.

އިއްޔެ އިން ފެށިގެން ބިލަބޮންގް ހައި އިންޓަނޭޝަނަލް ސުކޫލުގައި ދެދަންފަޅިއަކަށް ބަހާލައިގެން ކުރިއަށް ދިޔަ ޕީއެންސީގެ ކޮންގްރެސްގެ ނިންމުމުގެ ރަސްމިއްޔާތުގައި ރައީސް ޔާމީން ބައިވެރިވެވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ. ޖަލްސާއަށް އިޝްތިހާރު ކުރި އިރުވެސް ކޮށްފައިވަނީ ރައީސް ޔާމީން ބައިވެރިވެ ވަޑައިގަންނަވާ ޖަލްސާއެއްގެ ގޮތުގަ އެވެ.

ނަމަވެސް މިރޭ ބޭއްވި ނިންމުމުގެ ރަސްމިއްޔާތު ހުށަހަޅައި ދެއްވި އެޕާޓީގެ ނައިބު ރައީސް މުހައްމަދު ހުސައިން ޝަރީފް (މުންދު) ވަނީ ރަސްމިއްޔާތުގެ ވަކި ހިސާބަކުން ރައީސް ޔާމީން ރަސްމިއްޔާތުގައި ބައިވެރިވެވަޑައި ނުގަންނަވާނެ ކަމަށް އިއުލާން ކުރައްވާފަ އެވެ.

މުންދު ވިދާޅުވީ، ރައީސް ޔާމީން ރަސްމިއްޔާތުގައި ބައިވެރިވެވަޑައި ނުގަންނަވަން ނިންމެވީ، މިހާރު އެމަނިކުފާނުގެ މައްޗަަށް ކޮށްފައިވާ ދައުވާއާ ގުޅިގެން ކޯޓުގައި ހިނގަމުންދާ ޝަރީއަތާ ގުޅިގެން މިރޭގެ ޖަލްސާގައި ބައިވެރިވުމަކީ އެންމެ ރަގަނޅު ގޮތް ކަމަށް ނުފެންނާތީ ކަމަށެވެ.

"ރައީސް ޔާމީން ބޭނުންފުޅުވޭ[ރަސްމިއްޔާތުގައި ބައިވެރިވަޑައިގަންނަވަން]، ނަމަވެސް މިރޭގެ ބައްދަލުވުމުގައި ރައީސް ޔާމީން ބައިވެރިވެވަޑައިގަތުމަކީ، އެއީ އެހާ ރަނގަޅު ކަމެއް ކަމަށް އަޅުގަނޑުމެންނަށްވެސް ނުފެންނާތީ މިރޭ މިތަނުން ތިބޭފުޅުންނާ ބައްދަލު ނުކުރައްވާނެ،" ރަސްމިއްޔާތަށް ވަޑައިގެން ތިއްބެވި ރައީސް ޔާމީނަށް ތާއީދު ކުރައްވާ ފަރާތްތަކާ މުހާތަބު ކުރައްވާ މުންދު ވިދާޅުވިއެވެ.

ޕީއެންސީ ކޮންގްރެސް ނިންމުމުގެ ރަސްމިއްޔާތުގައި މުންދު ވާހަކަ ދައްކަވަނީ: އެނާ ވިދާޅުވީ، ރައީސް ޔާމިން ޖަލްސާގައި ބައިވެރިވަޑައިނުގެންވީ ހާލަތު ހުރި ގޮތުން ކަމަށް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މުންދު ވިދާޅުވީ، ވަރަށް އަވަށް ޕީޕީއެމް އާއި ޕީއެންސީ އިންތިޒާމު ކޮށްގެން ރައީސް ޔާމީން ބައިވެރިވެވަޑައިގަންނަވާ "ފޯރި ގަދަ" ޖަލްސާއެއް އިންތިޒާމް ކުރެވިގެންދާނެ ކަމަށެވެ.

ރައީސް ޔާމީން މިރޭ ޕީއެންސީގެ ކޮންގްރެސް ނިންމުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފައި ނުވާ އިރު، ޕީޕީއެމްއާއި ޕީއެންސީއާ ދެމެދު ގުޅުން ގޯސްވެފައިވާ ކަމުގެ އަޑުތަކެއް މިދިޔަ ހަފްތާތެރޭ ދެކެވުނެވެ. ނަމަވެސް ދެ ޕާޓީންވެސް އެ ވާހަކަތައް ދޮގު ކުރެއެވެ.

އޭޕްރީލް 28، 2019: ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ފުރަތަމަ ކޮންގްރެސް ނިންމާލުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިރޭގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާ މެމްބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ، ދެޕާޓީ އަކީ ވަކިނުކުރެވޭނެ ދެ ޕާޓީ ކަމަށާއި ވާދަވެރި ފަރާތްތަކަށް ދެޕާޓީ ވަކި ނުކުރެވޭނެ ކަމަށެވެ.

"ވާދަވެރި ފަރާތްތަކުން ދެޕާޓީ ވަކިކުރުމަށްޓަކައި ނުވަތަ މަސްލަހަތު ގެއްލުވާލަން ރާވާ އެއްވެސް ދަންތުރައެއްގައި އަޅުގަނޑުމެން ނުޖެހޭނެ. އެއަށްވުރެ އަޅުގަނޑުމެންގެ ސިޔާސީ ހަން ބޯ ވާނެ،" އަދުރޭ ވިދާޅުވިއެވެ.

ރައީސް ޔާމީން މިއަދު ވަނީ، ޕީއެންސީގެ އަލަށް އިންތިހާބުވި ދާއިމީ ލީޑާޝީޕާ މިއަދު އެޕާޓީގެ އޮފީހުގައި ބައްދަލުކުރައްވާފައެވެ.

comment ކޮމެންޓް