ޓެރަރިސްޓުން އުޅޭތޯ ލަންކާގެ ހުރިހާ ގެއެއް ފާސްކުރަނީ

ބޮމުގެ ހަމަލާ އަމާޒުވި ފައްޅިއަކަށް ސިރިސޭނާ ޒިޔާރަތްކުރެއްވުން --

ޓެރަރިސްޓުން އުޅޭތޯ ސްރީލަންކާގެ ހުރިހާ ގެއެއް ބަލާ ފާސްކުރާނެ ކަމަށް އެގައުމުގެ ރައީސް މައިތިރިޕާލާ ސިރިސޭނާ ވިދާޅުވެއްޖެއެވެ.

އާދިއްތަ ދުވަހު އެގައުމުގައި ދިން ހަމަލާތަކާ ގުޅޭގޮތުން އެގައުމުގެ ރައީސް މިއަދު ވިދާޅުވީ ލަންކާގެ ސަލާމަތީ ބާރުތައް ފެއިލްވެފައިވާ ކަމަށެވެ. އެގޮތުން ހަމަލާގެ މައުލޫމާތު އިންޓެލިޖެންސަށް ލިބިފައިވީނަމަވެސް އެކަމާ ފިޔަވަޅެއްނާޅާ އޮތުމުން އެކަމަށް ސިރިސޭނާ ވަނީ ފާޑުވިދާޅުވެފައެވެ.

ލަންކާގެ ޑިފެންސް މިނިސްޓަރުކަންވެސް އަދާކުރައްވާ ސިރިސޭނާއަށް އެންމެބޮޑު ފާޑުކިޔުމެއް އަމާޒުވަނީ ހަމަލާ ދިނުމުގެ 10 ދުވަސް ކުރިން އެ ހަމަލާގެ ވާހަކަ ސަލާމަތީ ބާރުތަކަށް އެނގިފައިވާ ކަމަށާއި އެ ހަމަލާ އާއި ގުޅުން ހުރި މީހުންގެ ނަމާއި އެޑްރެސް އަދި ފޯނު ނަންބަރަށް ދާންދެން ސިފައިންގެ މެމޯއެއްގައި ލިޔެފައިވީނަމަވެސް، އެ މައުލޫމާތު ލިބިވަޑައިގެންފައި ނުވާކަމަށް ވިދާޅުވާތީއެވެ. ލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ ވެސް ވަނީ ބޮމުގެ މައުލޫމާތު އެމަނިކުފާނަށްވެސް ލިބިވަޑައިގެންފައި ނުވާ ކަމަށެވެ.

"ގައުމުގައި ހުރި ހުރިހާ ގެޔެއް ބަލާފާސްކުރާނެ، ގޭގޭގައި ދިރިއުޅޭ މީހުންގެ ލިސްޓެއް އެކުލަވާލެވޭނެ. ނުދަންނަ ގޮތްނޭނގޭ ބަޔަކު ނޫޅޭކަން ޔަގީން ކުރެވޭނެ،" ސިިރސޭނާ ވިދާޅުވިއެވެ.

އެ ހަމަލާތަކުގެ ޒިންމާ އައިއެސްއިން އުފުލާފައިވާއިރު، އައިއެސްއާ ގުޅުންހުރި 130 މީހުން ލަންކާގައި އެބަތިބި ކަމަށާއި އެމީހުން ހޯދުމުގެ މަސައްކަތް ކުރާނެކަމަށް ވެސް ސިރިސޭނަ ވަނީ ވިދާޅުވެފައެވެ.

"130 އާއި 140 އާ ދެމެދު ގެ މީހުން އުޅޭނެ ކަމަށް ލަފާކުރެވެނީ. އޭގެ ތެރެއިން 70 މީހުން ވަނީ ހައްޔަރުކޮށްފައި. ބާކީ ތިބި މީހުންވެސް ހައްޔަރުކުރެވޭނެ،" ނޫސްވެރިންނާ ބައްދަލުކުރައްވާ ސިރިސޭނާ މިއަދު ވިދާޅުވިއެވެ.

ކްރިސްޓިއަނުން ފާހަގަކުރާ އީސްޓާ އާއި ދިމާކޮށް ހަތަރު ފައްޅިއަކާއި ހަތަރު ހޮޓަލެއްގައި ދިން ބޮމުގެ ހަމަލާތަކުގައި މަރުވި މީހުންގެ އަދަދަކީ 253 ކަމަށް ލަންކާގެ ކަމާބެހޭ ފަރާތްތަކުން ވަނީ ބުނެފައެވެ. އެ ހާދިސާތަކުގައި 500 އަށްވުރެ ގިނަ މީހުން ޒަހަމްވިއެވެ.

މި ހަމަލާ އަންނާނެކަން އެނގިތިބެ، އެކަން ހުއްޓުވުމުގެ ޒިންމާ އުފުލަންޖެހޭ ފަރާތްތަކުން އެ ޒިންމާ އުފުލާފައި ނުވާތީ، އެ ފަރާތްތަކާމެދުވެސް ފިޔަވަޅު އަޅުއްވާނެ ކަމަށް ސިރިސޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް