ޑްރަގާ އެކު މާލޭގެ ގެއަކުން 18 މީހަކު ހައްޔަރުކޮށްފި

އެކިއެކި އޮޕަރޭޝަންތަކުގައި މީހުންގެ އަތުން ފުލުހުން ހޯދާފައި ހުރި މަސްތުވާތަކެތީގެ "ހިކި ބާވަތްތައް" ނައްތާލުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މާފަންނު ގެއެއް ބަލައި ފާސްކޮށް ޑްރަގާ އެކު 18 މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ، ލިބުނު އިންޓެލިޖެންސް މައުލޫމާތަކާ ގުޅިގެން ކޯޓް އަމުރެއްގެ ދަށުން އިއްޔެ މާފަންނު ގެއެއް ބަލައި ފާސްކޮށް އެ ގޭގެ ތެރެއިން ހައްޔަރު ކުރީ މަސްތުވާތަކެތީގެ ވިޔަފާރި ކުރަން ތިބި 18 ދިވެހިން ކަމަށެވެ. އެގޭގެ ތެރެއިން ހައްޔަރު ކުރި އެންމެންނަކީ ވެސް ކުށުގެ ރެކޯޑެއް މީގެ ކުރިން އޮތް ފަރާތްތައް ކަމަށް ވެސް ފުލުހުން ބުންޏެވެ.

ހައްޔަރު ކުރި މީހުންނަކީ، 23 އަހަރާއި 56 އަހަރުގެ މީހުން ކަމަށް ވެސް ފުލުހުން ބުންޏެވެ. އެގެ ބަލައި ފާސްކުރި އިރު، ޑްރަގް ހުރި އަށް ޕެކެޓާއި 24،950 ރުފިޔާ ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

މީގެ އިތުރުން ފުލުހުން ބުނީ ރޭ މ. މުލަކުގައި ހިންގި އޮޕަރޭޝަނެއްގައި އެ ރަށު ފަޅު ތެރޭގައި އޮތް ދޯންޏެއް ބަލަައި ފާސްކުރުމުގެ ތެރޭގައި އެ ދޯނީގެ ފާހާނާގެ ތެރެއިން 10 ރަޕަރު ޕެކެޓް ފެނިފައިވާ ކަމަށެވެ. އެހެން ނަމަވެސް އަދި އެ މައްސަލައިގައި މީހަކު ހައްޔަރެއް ނުކުރެ އެވެ. އެހެން ނަމަވެސް މައްސަލައިގެ ތަހުގީގު ވަނީ މިހާރު ފަށައިފަ އެވެ.

comment ކޮމެންޓް