އަލީ އާދޭސްކުރަނީ ކިޑްނީއަކަށް!

އަލީ އިބްރާހީމް---

އއ އުކުޅަހަށް އުފަން އުމުރުން 59 އަހަރުގެ އަލީ އިބްރާހީމަކީ ހިއްވަރުގަދަ ކަމުގެ ނަމޫނާއެކެވެ. އާންމު މީހުންނާ ހިލާފަށް އޭނާގެ ދިރިއުޅެން ޖެހިފައި ވަނީ ވޭނާ ކެކުޅުމުގެ ތެރޭގަ އެވެ. ރާއްޖޭގައި ވެސް އެންމެ އާންމު އަދި ފުރާނައަށް ނުރައްކާތެރި ބައްޔަކާ އަލީ އިބްރާހިމްއަށް ވަނީ ކުރިމަތިވެފަ އެވެ.

އަލީ އިބްރާހިމްގެ ހަޔާތް ހަމަ ކުއްލިއަކަށް ބަދަލުވީ ދެ ކިޑްނީ ވެސް ފެއިލްވިކަން އޭނާއަށް ޑޮކްޓަރުން ޔަގީންކަން ދިން ހިސާބުން އެވެ. އަރިކައްޓަށް އެރި ތަދެއް ނުފިލައިގެން އޭނާ އެކި ޑޮކްޓަރުން ކައިރިއަށް ހިނގި އެވެ. އެންމެ ފަހުން އޭގެ ސަބަބުން ހޯދުނީ އިންޑިއާގެ ޑޮކްޓަރުން އަށެވެ. އެކަމަކު އެއީ އަލީ އިބްރާހިމްއަށް ކުރިން ލަފާވެސް ކުރެވިފައި އޮތް ކަމެއް ނޫނެވެ.

"ބައްޕަގެ ދެ އަރިކަށްޓަށް ތަދުވާތީ އެންމެ ފުރަތަމަ ޑަކްޓަރަށް ދެއްކީ. އޭރު ހީވެފައިވެސް ނެތް މިއީ ކިޑްނީގެ ކަމެކޭ. ފުރަތަމަ މާލެއިން ދެއްކީމާ ބޭސް ދީފަ ފޮނުވާލީ. އިންޑިއާއަށް ދިޔައިމަ ޑޮކްޓަރުން ބަލާފައި ޔަގީންކޮށްދިނީ،" އިބްރާހިމްގެ ބަލި ހާލަތާ ގުޅޭގޮތުން އޭނާގެ ދަރިފުޅު އައިމިނަތު އަލީ ސަން ކުލުނަށް ކިޔައިދިނެވެ. "އެންމެ ފަހުން ދިޔައީ ބޭރަށް ދައްކަން. ގޮސް ޓެސްޓްތަކެއް ހެދިން. ހަދާފައި ރިޕޯޓް ލިބުނުއިރު އެނގުނީ ބައްޕަގެ ދެ ކިޑްނީވެސް ފެއިލްވެފައި ހުރިކަމަށް. އަސްލު ގަބޫލުވެސް ނުކުރެވުނު،"

ޑޮކްޓަރުން ލަފާދެނީ ވީހާވެސް އަވަހަކަށް ކިޑްނީ ޓްރާންސްޕްލާންޓް ހަދަން ކަމަށް ވެސް އޭނާ ބުންޏެވެ.

އައިޖީއެމްއެޗްއިން ގަވައިދުން ހަފްތާ އަކު ދެފަހަރު، ލޭބަދަލުކުރުން ނޫނީ ޑައިލަސިސް ހަދަމުން އަންނަ އަލީ އަށް އަދި ކިޑްނީ ޑޯނާ އެއް ނުލިބެ އެވެ. އެ އާއިލާއިން ތިބީ އެކަމުގެ މާޔޫސްކަމުގަ އެވެ.

"ދަރިންގެ ކިޑްނީ މެޗު ވޭތޯ މިހާރު ޓެސްޓް ހަދައިފިން. އެކަމަކު ދިމާވާގޮތެއް ނުވެ. ޑޮކްޓަރުން ބުނީ ވެދާނެއޯ އުމުރު މާ ބޮޑަށް ތަފާތުވީމަކަމަށް މެޗު ނުވަނީ،" އަލީގެ ދަރިފުޅު ބުންޏެވެ.

އަލީ އާއި އޭނާގެ އާއިލާއަށް ކުޑަ ނަމަވެސް އުންމީދެއް އޮތީ، ކިޑްނީ ބަދަލުކޮށްގެން އެވެ. އެކަމަކު އެކަން ކުރެވެން އޮތީ އަލީ އަށް ކިޑްނީއެއް ހަދިޔާ ކުރާނެ މީހަކު ލިބިގެން އެވެ.

"ވަރަށް ހޯދަން އެބަ ޑޯނާ އެއް. އެކަމަކު އަދި ލިބޭގޮތެއް ނުވެ،" އައިމިނަތު ބުންޏެވެ.

އަލީގެ ބަލި ހާލަތު އިތުރަށް ގޯސްވަނީ، ހިތުގެ ބަލި، ހަކުރު ބަލި އަދި ލޭމައްޗަށް ދިޔުމުގެ މައްސަލަތަކާ ވެސް ކުރިމަތިލާން ޖެހުނީމަ އެވެ. ދުވަހެއް ދުވަހަކަށް ހާލަތު ދަށްވަމުން ގޮސް، އަލީއަށް މިހާރު ހިނގެނީ ވެސް މީހެއްގެ އެހީގަ އެވެ. ދަރިފުޅު އައިމިނަތު ބުނި ގޮތުގައި އޭނާގެ ބައްޕައަށް ރަނގަޅަށް ކައިބޮއިވެސް މިހާރު ނުހެދެ އެވެ.

"މޭވާގެ ތެރެއިންވެސް ހަމައެކަނި ކެވެނީ އާފަލާ ފަޅޮލާ. ތެޔޮ އަދި ލޮނުގެ ބާވަތްތައް މަދުކުރުމަށް ޑަކްޓަރު އަންގާފައި އޮތީ. ތަންކޮޅަކަށް ހިނގާލާއިރަށް ވަރުބަލިވޭ،" ބަލި އެދުގައި އޮތް ބައްޕަގެ ހާލަތު ކިޔައިދެމުން އައިމިނަތު ބުންޏެވެ.

އައިމިނަތު ބުނީ ބައްޕައަށް ކިޑްނީއެއް ލިބިއްޖެ ނަމަވެސް ބޭރަށް ގޮސް ފަރުވާއަށް ގިނަ ހަރަދުތަކެއް ހިނގާނެ ކަމަށެވެ.

"ބައްޕަ އާ ގުޅެނީ އޭ ޕޮޒިޓިވް ލޭ ހުންނަ މީހެއްގެ ކިޑްނީ އެއް،" އައިމިނަތު ބުންޏެވެ.

ގިނަ ދުވަސްތަކެއް ވަންދެން ބޭރުގައި މަޑުކުރަން ޖެހުނު ނަމަވެސް މިއަދު އައިމިނަތު އަތުގައި އެވަރުގެ ތަނަވަސްކަމެއް ނެތެވެ. ބައްޕައަށް ފަރުވާ ކުރެވޭނީ އޭނާއަށް އިތުރު އެހީތެރިކަމެއް ދޭނެ ބަޔަކު ލިބެގެން އެވެ.

އައިމިނަތު އާދޭސް ކުރަނީ، އޭނާ ފުރާނައަށް ވުރެވެސް ބޮޑަށް ލޯބިވާ އެ ބައްޕައަށް ދީލައިތި އެހީދޭނެ ފަރާތްތަކެވެ.

---

އަލީ އިބްރާހިމަށް އެހީތެރިވުމަށް

ފޯނު ނަންބަރު: 7910857 (އަލީ އިބްރާހިމްގެ ނަންބަރު)

ބީއެމްއެލް އެކައުންޓް ނަންބަރު: 7770000029480 ( އަލީ އިބްރާހިމްގެ އެކައުންޓް އާއި ގުޅިފައިވާ ނަންބަރު)

---

އެޑިޓަރުގެ ނޯޓް: ސަންގެ މި ސެގްމެންޓްގެ ދަށުން ގެނެސްދޭ ފަރާތްތަކަށް އެހީތެރިވުމުގެ ކަންކަން އެ އާއިލާއާ ގުޅިގެން ކުރިއަށް ގެންދިއުން އެދެމެވެ. ފައިސާގެ އެއްވެސް ކަމެއްގައި ސަން އިން ބައިވެރިއެއް ނުވާނެއެވެ. ސީދާ އާއިލާއަށް އެހީތެރިވެ ދެއްވާށެވެ.

އެހީތެރިކަމަށް އެދޭ ފަރާތްތަކުން ސަން ކުލުނުގައި ބައިވެރިވުމަށް ‎9992747 އަށް ގުޅައިގެން ކުރިއަށް ގެންދެވުން އެދެމެވެ.

comment ކޮމެންޓް