ބީއެމްއެލްގެ 2018ގެ އެންމެ ރަނގަޅު މުވައްޒަފަކަށް މާއިޒް

ބީއެމްއެލްގެ 2018 ވަނަ އަހަރުގެ އެންމެ ރަނގަޅު މުވައްޒަފު މާއިޒްއަށް އެ ބޭންކްގެ ޑެޕިއުޓީ ސީއީއޯ އައިޝަތު ނޫރައްދީން އެވޯޑް ހަވާލުކޮށްދެއްވަނީ. -- ފޮޓޯ | ބީއެމްއެލް

ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލްގެ މިދިޔަ އަހަރުގެ އެންމެ ރަނގަޅު މުވައްޒަފަކަށް އެ ބޭންކުގެ ޕީޕަލް އެންޑް ޗޭންޖް ޑިވިޝަންގެ މުހައްމަދު މާއިޒް ހޮވިއްޖެ އެވެ.

ރޭ ޣާޒީ ސްކޫލްގައި ބޭއްވި، ބީއެމްއެލްގެ މުވައްޒަފުންގެ އެވޯޑް ދިނުމުގެ ހަފްލާގައި ބީއެމްއެލްގައި 15 އަހަރު ހިދުމަތްކޮށްފައިވާ މާއިޒްއަށް އެވޯޑް ހަވާލުކޮށްދެއްވީ އެ ބޭންކް ހިންގެވުމާ ހަވާލުވެ ހުންނެވި، ޑެޕިއުޓީ ސީއީއޯ އައިޝަތު ނޫރައްދީން އެވެ.

ސްޓާފް އޮފް ދަ އިޔާ މާއިޒް އަކީ ހެޑް އޮފް ކޮމްޕެންސޭޝަން އެންޑް ބެނެފިޓްސް އެވެ.

މީގެ އިތުރުން ބީއެމްއެލްގައި މިދިޔަ އަހަރު އެންމެ ރަނގަޅަށް މަސައްކަތް ކުރި އެހެން މުވައްޒަފުންނަަށް ވެސް ވަނީ އެކި އެވޯޑްތައް ދީފަ އެވެ.

ފާހަގަކޮށްލެވޭ އެވޯޑްތައް:

- ބެސްޓް ލީޑާ އެވޯޑް: މަރިޔަމް ހަމީދު، ސެންޓްރަލައިޒްޑް ސާވިސް ޑިވިޝަން

- ސީއީއޯ އެވޯޑް ފޯ އައުޓްސްޓޭންޑިން އެޗީވްމަންޓް އެވޯޑް: ޕޭމަންޓް އެންޑް ސެޓްލްމަންޓް ޔުނިޓް / ސޯޝަލްމީޑިއާ ޓީމް /ހެޑް އޮފް ލީގަލް އެންޑް ކޯޕްރޭޓް އެފެއާޒް އައިޝަތު ސަމާހް

ބީއެމްއެލް ސްޓާފް އެވޯޑްސް އާ ގުޅޭ ގޮތުން ބީއެމްއެލް ހިންގެވުމާ ހަވާލުވެހުންނެވި ޑެޕިއުޓީ ސީއީއޯ އައިޝަތު ނޫރައްދީން ވިދާޅުވީ، ބީއެމްއެލްގެ އެންމެ މުހިންމު ރައުސްމާލަކީ މުވައްޒަފުން ކަމަށާއި މުވައްޒަފުންގެ އަގު ވަޒަން ކުރުމަކީ ބީއެމްއެލްއަށް ލިބޭ ވަރަށް ވެސް ބޮޑު އުފަލަކާއި ފަހުރެއް ކަމަށެވެ.

"އެއީ ބޭންކުން ހޯދަމުންދާ ކާމިޔާބީގެ ފަހަތުގައި ތިބީ އެ މުވައްޒަފުން. މިރޭ އެވޯޑްތައް ހާސިލް ކުރި މުވައްޒަފުންނަށާއި އެވޯޑްތަކަށް ނޮމިނޭޓްވި މުވައްޒަފުންނަށް އަޅުގަނޑު މަރުހަބާކިޔަން. އަދި ބޭންކްގެ ހުރިހާ މުވަޒަފުން ކުރަމުންގެންދާ މިންނަތް މަސައްކަތަށާއި، މަސައްކަތަށް ބަހައްޓާ ފަރުވާތެރިކަމަށްޓަކައި ހުރިހާ މުވައްޒަފުންނަށްވެސް ޝުކުރު އަދާކުރަން،" އައިޝަތު ނޫރައްދީން ވިދާޅުވި އެވެ.

މުވައްޒަފުންގެ ތެރެއިން ފާހަގަކޮށްލެވޭ ހިދުމަތްކޮށްފައިވާ ފަރާތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން އެމްޕްލޯއީ އޮފް ދަ އިޔާ އެވޯޑްގެ އިތުރުން މިއަހަރު ވެސް ވަނީ ބެސްޓް ލީޑާ، ބެސްޓް މެނޭޖަރ، ބެސްޓް ޑިވިޝަނަލް ސްޓާފް، ވޮލަންޓިއާ ސާވިސް، ސްޕޯޓްސް ސްޕިރިޓް، ރެކަގްނިޝަން ފޯ އެޗީވްމަންޓް، އިނޮވޭޝަން، އަންސަންގް ޗެމްޕިއަން، ޔަމާ ޗެމްޕިއަން، ސާބަސް އެވޯޑް، ކަސްޓަމާ ސާވިސް ސްޓާ، ރައިޒިން ސްޓާ، ބެސްޓް އެޓޯލް އެމްޕްލޯއީ، ބެސްޓް ދޯނި ސްޓާފް، ބެސްޓް މާލޭ ބްރާންޗް، ބެސްޓް އެޓޯލް ބްރާންޗް، ބެސްޓް ޓީމް އެވޯޑް ދީފަ އެވެ.

ސްޓާފް އެވޯޑް ހަފްލާއަކީ ބޭންކުގެ ހިއުމަން ރިސޯސަސް ސްޓްރެޓެޖީގެ ދަށުން ބާއްވާ މުހިންމު އެއް ހަރަކާތެވެ. މަސައްކަތް ކުރަން އެންމެ ރަގަޅު އޭޝިޔާގެ ކުންފުނިތަކުގެ ތެރޭގައި ހިމެނި ވޯލްޑް އެޗްއާރުޑީ ކޮންގްރެސް އާއި އެމްޕްލޯޔާ ބްރޭންޑިން އިންސްޓިޓިއުޓް އިން ދޭ ޝަރުފުވެރި އެވޯޑް "އޭޝިޔާސް ބެސްޓް އެމްޕްލޯޔަރ ބްރޭންޑް އެވޯޑް" ޖެހިޖެހިގެން ދެއަހަރު ބީއެމްއެލް އިން ވަނީ ހޯދާފަ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު