ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު 19 ދިވެހިން ހައްޔަރުކޮށްފި

ފުލުހުން ނައްތާލި މަސްތުވާތަކެތި-- ފޮޓޯ: ޕޮލިސް

ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު މާލެއިން 19 ދިވެހިން ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ މިއަދު ފުލުހުން ހިންގި ދެ އޮޕަރޭޝަނުގައި ހައްޔަރުކޮށްފައި ވަނީ 17 އަހަރާއި 38 އަހަރާއި ދެމެދުގެ ފިރިހެނުން ކަމަށެވެ.

19 މީހަކު ހައްޔަރު ކޮށްފައިވަނީ ފުލުހުން ވަކިވަކިން ހިންގި ދެ އޮޕަރޭޝަނެއްގެ ތެރެއިންނެވެ.

ފުރަތަމަ އޮޕަރޭޝަނުގައި ގަލޮޅު ގެ ގެއެއް ކޯޓު އަމުރެއްގެ ދަށުން ބަލައިފާސްކުރި އިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 1211 ރަބަރު ޕެކެޓާއި މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 10 ސެލޯފިންކޮޅާއި މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ފިލްމު ހުސްކުރި ދަޅަކާއި މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ބުލެޓް ސައިޒުގެ ތިން ރަބަރު ޕެކެޓު އެގެއިން ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެގެއިން ހައްޔަރުކޮށްފައިވަނީ 18 އަހަރުން ދަށުގެ ކުއްޖަކާއި އިތުރު 13 ފިރިހެނުން ކަމަށް ފުލުހުން ބުންޏެވެ.

މިއަދު ހިންގި ދެވަނަ އޮޕަރޭޝަންގައި ގަލޮޅުގެ އިތުރު ގެއެއް ކޯޓު އަމުރެއްގެ ދަށުން ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 62 ރަބަރު ޕެކެޓު އެގެއިން ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެ މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ފަސް ފިރިހެނުން ކަމަށްވެސް ފުލުހުން ބުންޏެވެ.

އެ ދެ މައްސަލަވެސް ޑްރަގް އެންފޯސްމަންޓް ޑިޕާރޓްމަންޓުން ތަޙުޤީޤު ކުރަމުން ދާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

comment ކޮމެންޓް