ބ. ކެންދޫގެ ކަނބަލުންނަށް ރަށުގައި ތިބެގެން އާމްދަނީ ހޯދޭނެގޮތްތަކެއް ހޯދައިދިނުމަށް އެދި އެރަށުގެ ކައުންސިލްގެ މެމްބަރުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކިބައިން އެދިއްޖެއެވެ.
ކެންދޫ ކައުންސިލްގެ މެމްބަރުން މިއަދު މެންދުރުފަހު ވަނީ ރައީސް އޮފީހުގައި ރައީސް ސޯލިހްއާ ބައްދަލުކުރައްވައިފައެވެ. އެ ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިންވެސް ބައިވެރިވެވަޑައިގަތެވެ.
އެ ބައްދަލުކުރެއްވުމުގައި، ރަށުގެ މިހާރުގެ ހާލަތާއި، ކެންދޫ ރައްޔިތުންނަށް އެންމެ ބޮޑަށް ދަތިވެފައިވާ ކަންކަމާ ބެހޭ މައުލޫމާތު ކައުންސިލްގެ ފަރާތުން ރައީސް ސޯލިހްއަށް ވަނި އަރުވައިފައެވެ.
ކެންދޫގެ ކައުންސިލްގެ ރައީސް އަހުމަދު ސަލީމް "ސަން" އަށް ވިދާޅުވީ އެރަށުގެ އަންހެނުންނަކީ މިހާރު ރަނގަޅު އާމްދަނިއެއް ހޯދަމުންދާ ބައެއް ކަަމަށެވެ.
" މިރަށުގެ އަންހެނުން ފަންވިދެގެން ރަނގަޅު އާމްދަނީއެއް ހޯދާ. އެހެން ނަމަވެސް ރަށް ކައިރީގައި ހުރި ރަށްތައް ރިސޯޓް ހަދަން ނެގީމަ ފަންވިނުމަށް ހުރަަސް އެޅޭނެ. އަލުގަނޑުމެން އެދުނީ އޭގެ ބަދަލުގައި އެހެން ވަސީލަތްތައް ބޭނުންކޮށްގެން އާމްދާނީ ހޯދޭނެ ގޮތްތައް އަންހެނުންނަށް ހޯދައިދިނުމަށް،" ސަލީމް ވިދާޅުވިއެވެ.
މިއަދުގެ ބައްދަލުވުމުގައި ކައުންސިލްގެ މެމްބަރުން ވިދާޅުވީ އެ ރަށުގެ ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ކެންދޫގައި ފެނާއި ނަރުދަމާގެ ނިޒާމް ގާއިމުވެފައި ނެތުން ކަމަށެވެ. އަދި ރަށް ގިރުމުގެ ސަބަބުން ދިމާވާ މައްސަލަތަކާއި، ރަށަށް ކުރިމަތިވެފައިވާ ބިމުގެ ދަތިކަން ކައުންސިލުން ވަނީ ރައީސްއާ ވަނީ ހިއްސާ ކުރައްވާފައެވެ.
އޭގެ އިތުރުން ރަށުގެ ސްކޫލަށް ކުރިމަތިވެފައިވާ ޖާގައިގެ ދަތިކަމާއި، މަސްވެރިން ބާނާ މަސް ވިއްކޭނެ އެކަށީގެންވާ ނިޒާމެއް ނެތުމުން މަސްވެރިންނަށް ކުރިމަތިވާ ގޮންޖެހުންތައްވެސް ރައީސްއާ ވަނީ ހިއްސާކޮށްފައެެވެ.
ޒުވާނުންނަށް ހާއްސަކޮށް، ރަށުގައި ޒަމާނީ ފުޓްބޯޅަ ދަނޑެއް ތަރައްގީ ކޮށްދިނުމަށްވެސް ކައުންސިލުން ވަނީ ރައީސްގެ އަރިހުގައި އެދިފައެވެ.