ދިހަ އަހަރަށް ފަހު ހިމަންދޫ އިން 16 ގޯތި ދޫކޮށްފި

އއ. ހިމަންދޫ: 10 އަހަރަށްފަހު އެ ރަށުން ވަނީ 16 ގޯތި ދޫކޮށްފައި ---

ބިމުގެ ދަތިކަން ކުރިމަތިވެފައިވާ އއ. ހިމަންދޫ އިން ދިހަ އަހަރަށް ފަހު 16 ގޯތި ދޫކޮށްފި އެވެ.

ހިމަންދޫ އިން އެންމެ ފަހުން ގޯތި ދޫކޮށްފައިވަނީ 2009 ވަނަ އަހަރު އެވެ.

ހިމަންދޫ ކައުންސިލްގެ ނައިބް ރައީސް ޒައިނަލްއިބާދު ވިދާޅުވީ، މިދިޔަ އަހަރުގެ ފަހުކޮޅު ގޯއްޗަށް އެދި ކުރިމަތިލުމަށް ހުޅުވާލުމުން 48 މީހުން ކުރިމަތިލި ކަމަށާއި އޭގެ ތެރެއިން ގޯތި ދޫކޮށްފައިވަނީ 16 މީހުނަށް ކަމަށެވެ.

ގޯއްޗަށް އެދި ކުރިމަތިލި މީހުންގެ ތެރެއިން 22 މީހުން ޝަރުތު ހަމަވި ނަމަވެސް ދޫކޮށްފައިވަނީ 16 ގޯތި ކަމަށް ޒައިނު ފާހަގަކުރެއްވި އެވެ،

"މިހާރު ވެސް އެބަތިބި ޝަރުތު ހަމަވާ މީހުން. ނަމަވެސް އަޅުގަނޑުމެނަށް ހުއްދަ ލިބުނީ އެ 16 ގޯތި ދޫކުރުމަށް. މިހާރު ވެސް ޕްލޭނިން މިނިސްޓްރީއާ އެކު މަޝްވަރާ ކުރަމުން މިދަނީ އިތުރަށް ގޯތި ދިނުމުގެ ހުއްދައަށް އެދި" ޒައިނު ވިދާޅުވި އެވެ.

ބިމުގެ ދަތިކަން ކުރިމަތިވެފައިވާ ހިމަންދޫ އިން ގޯތި ބޭނުންވާ އެ ރަށުގެ ގިނަ ރައްޔިތުންތަކެއް ތިބި ނަމަވެސް އިތުރަށް ގޯތި ދޫކުރުމަށް އެ ރަށުގެ ބިން ހިއްކަން ޖެހޭ ކަމަށް ކައުންސިލުން ބުނެއެވެ. ބޮޑު ފަޅެއް އޮތް އެ ރަށުގެ ބިން ހިއްކުމަށް ސަރުކާރުގައި އެދިފައިވާއިރު އެ މަޝްވަރާތައް ޕްލޭނިން މިނިސްޓްރީއާ އެކު ކުރަމުން އަންނަ ކަމަށް ކައުންސިލުން ބުނެއެވެ.

comment ކޮމެންޓް