ބޭނުންކުރާ މީހުންނަށް ފައިސާ ލިބޭ ސޯޝަލް ނެޓްވޯކެއް!

ސޯޝަލް ނެޓްވޯކްތަކުގެ ތެރެއިން އެންމެ ނަން މަޝްހޫރު ފޭސްބުކް އަށް އަހަރަކު 1.1 ބިލިޔަން ޑޮލަރު ލިބެއެވެ. ނަމަވެސް އެބައެއްގެ ޕޭޖްގެ އަރިމަތީގައި ފޭސްބުކް އަށް ފައިސާ ލިބޭ އިޝްތިހާރުތައް ހުންނަ މީހުންނަށް ލިބެނީ ހަމައެކަނި " ލައިކް" އެއް ނުވަތަ ކޮމެންޓެކެވެ.

އައު ސޯޝަލް ނެޓްވޯކެއް ކަމަށްވާ " ޗިމް އިން" އިން ދެކޭ ގޮތުގައި އެމީހުން ކަންތައް ކުރާނީ އެއަށް ވުރެ އިންސާފުވެރި ގޮތަކަށެވެ.

އެގޮތުން އެއްވެސް މީހެއްގެ ޕޭޖެއްގެ ތެރޭގައި އިޝްތިހާރެއް ޖަހާ ނަމަ އެ އިޝްތިހާރަކަށް ލިބޭ އާމްދަނީގެ ދެބައިކުޅަ އެއްބައި ޕޭޖްގެ ވެރިފަރާތަށް ޗިމް އިން ދޭނެއެވެ. އަދި އެއްވެސް މީހަކު އެމީހެއްގެޕޭޖްގައި އިޝްތިހާރު ކުރުމަށް ސީދާ ކުންފުންޏަކަށް ވިއްކާލައިފި ނަމަ އިޝްތިހާރަށް ލިބޭ ހުރިހާ ފައިސާއެއް ވެސް ލިބޭނީ ޕޭޖްގެ ވެރި ފަރާތަށެވެ.

" މި އިންތިޒާމަކީ ސޯޝަލް ނެޓްވޯކްތަކަށް މުޅިން އާ ކަމެއް، އަދި މިއީ އިންޑަސްޓްރީއަށް އިންގިލާބެއް ގެނުވާނެ ކަމެއް،" ޗިމްއިން އުފެއްދި ބިލް ގްރޮސް ބުންޏެވެ.

ގްރޮސް ބުނާ ގޮތުގައި ޕަބްލިޝް ކުރާ ފަރާތާއި ކޮންޓެންޓް އުފެއްދި ފަރާތުގެ މަސްލަހަތު އެންމެ ފަހުން ޗިމް އިން މިވަނީ އެކުލަވާލާފައެވެ.
ޗިމްއިންގައި ވެސް ފޭސްބުކް އެކޭ އެއްގޮތަށް ނިއުސްފީޑަކާއި އޮންލައިންގައި ތިބި މީހުން ފެންނަ ޕެނަލެއް ހުރެއެވެ. އަދި މެސެޖްއާއި އަޕްޑޭޓްސް ވެސް ފެންނަން ހުރެއެވެ.

ގްރޮސް ވަނީ އޭނާގެ ނެޓްވޯކަށް ސޯޝަލް ނެޓްވޯކެއްގެ ބަދަލުގައި އިންޓަރެސްޓް ނެޓްވޯކެއްގެ ނަން ދީފައެވެ.

އާމްދަނީ ލިބޭ ފަދަ ގޮތަކަށް ބައްޓަން ކޮށްފައިވާ ބައެއް މީޑިޔާތައް މިހާރު ވެސް އެބަހުއްޓެވެ. އެގޮތުން ޔޫޓިއުބްއަށް އަޕްލޯޑްކުރާ ވީޑިއޯތަކުގެ ތެރެއިން މަގުބޫލުވާ ވީޑިއޯތަކަށް އިޝްތިހާރުން ލިބޭ އާމްދަނީގެ ޕަސެންޓެއް ޔޫޓިއުބުން ދެއެވެ. ނަމަވެސް އެއީ ވަރަށް ކުޑަ މިންވަރެކެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު