ހިއްސާއަކަށް 11.91 ރުފިޔާ ބަހަން ދިރާގުން ފާސްކޮށްފި

މިރޭ ކުރުނބާ މޯލްޑިވެސްގައި ބޭއްވި ދިރާގުގެ އަހަރީ އާންމު ޖަލްސާގެ ތެރެއިން ---

ދިރާގުގެ ހިއްސާއަކަށް 11.91 ރުފިޔާ ބަހަން އެކުންފުނީގެ އަހަރީ އާންމު ޖަލްސާގައި ފާސްކޮށްފިއެވެ.

މިރޭ ކުރުނބާ މޯލްޑިވްސްގައި ބޭއްވި ދިރާގުގެ އަހަރީ އާންމު ޖަލްސާގައި، ކުންފުނީގެ ހިއްސާ އަކަށް 11.91 ރުފިޔާ ބަހަން ފާސްކުރިއިރު، އެކުންފުނީގެ ސާފު ފައިދާގެ ގޮތުގައި މިދިޔަ އަހަރު ލިބިފައިވަނީ 905 މިލިއަން ރުފިޔާ އެވެ. ހިއްސާގެ ގޮތުގައި ބަހަން ނިންމީ ދިރާގުގެ 2018 ވަނަ އަހަރުގެ ފައިދާގެ 100 ޕަސެންޓެވެ.

ފައިދާގެ ގޮތުގައި 11.91 ބަހަން ނިންމިއިރު އޭގެ ތެރޭގައި ހިމެނެނީ އިންޓެރިމް ޑިވިޑެންޑުގެ ގޮތުގައި ހިއްސާ އަކަށް 5.96 ރުފިޔާ އަދި ފައިނަން ޑިވިޑެންޑްގެ ގޮތުގައި ބަހަން ނިންމި 5.95 ރުފިޔާ އެވެ.

މިގޮތަށް ފާސްކުރީ މިރޭ ބޭއްވި ދިރާގު އަހަރީ އާންމު ޖަލްސާގައި ބައިވެރިވި 91 ޕަސެންޓް ހިއްސާދާރުންގެ ވޯޓުންނެވެ.

ހިއްސާގެ ފައިދާ ފާސްކުރުމުގެ އިތުރުން މިރޭ ވަނީ 2018 ވަނަ އަހަރުގެ މާލީ ރިޕޯޓް ތަކާއި އޮޑިޓް ރިޕޯޓު އަދި 2017 ވަނަ އަހަރުގެ އަހަރީ އާއްމު ޖަލްސާ ގެ ޔައުމިއްޔާ ވެސް ފާސްކޮށްފައެވެ.

މިރޭ ބޭއްވި އަހަރީ އާއްމު ޖަލްސާގައި، ކުރިއަށް އޮތް އަހަރަށް ކުންފުނި އޮޓިޑް ކުރުމަށް ނަގާފައިވަނީ ކުރީ އަހަރުވެސް އެކުންފުނީގެ އޮޑިޓް ފާމްގެ ގޮތުގައި މަސައްކަތް ކޮށްފައިވާ ކޭޕީއެމްޖީ އެވެ

ދިރާގުގެ ހިއްސާގެ ތެރޭގައި ހިމެނެނީ ބީޓީސީ އައިލެންޑްސް ލިމިޓެޑުގެ 52 ޕަސެންޓް ހިއްސާ އާއި ދިވެހި ސަރުކާރުގެ 41.8 ޕަސެންޓް ހިއްސާގެ އިތުރުން އާންމު ރައްޔިތުންގެ 6.2 ޕަސެންޓް ހިއްސާ އެވެ.

މިރޭ ބޭއްވި ދިރާގުގެ 30 ވަނަ އަހަރީ ޢާންމު ޖަލްސާގައިވާހަކަ ދައްކަވަމުން ދިރާގުގެ ޗެއާޕާސަން އިސްމާއީލް ވަޙީދު ވިދާޅުވީ 2018 ވަނަ އަހަރު ދިރާގުން އެންމެ ބޮޑުއިސްކަމެއް ދިނީ ޑިޖިޓަލް ރާއްޖެއަށް ބިނާކުރުމަށް ކަމަށެވެ.

comment ކޮމެންޓް