މަޖިލީހަށް ކުރިމަތިނުލީ ފައިސާ ނެތީމާ: މުއިއްޒު

މުއިއްޒު 50 މިނެޓުގައި ބައިވެރިވެ ވަޑައިގަތުން --- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

ރައީސް ޔާމީންގެ ސަރުކާރުގައި އެންމެ ނަގާކިޔާ މިނިސްޓަރުންގެ ތެރޭގައި ހިމެނުނު އެއްބޭފުޅަކީ ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒެވެ. ޔާމީންގެ ސަރުކާރުގެ އެންމެ ފަހު ދުވަހުގެ އެންމެ ފަހުވަގުތާ ހަމައަށް މުއިއްޒު އުޅުއްވީ ސަރުކާރުގެ މަސައްކަތުގަ އެވެ.

ނަމަވެސް ސަރުކާރު ބަދަލުވުމަށް ފަހު މުއިއްޒުގެ އަޑުމަޑުވި އެވެ. ގަވައިދުން ކުރައްވާ ޓްވީޓުތައް ގެއްލުނެވެ. ދެން އިވިގެންދިޔައީ މަޖިލީހަށް ވާދަކުރަންވަން އުޅުއްވާ ހަބަރެވެ. ނަމަވެސް މުއިއްޒު ނިސްބަތްވާ ޕީޕީއެމްގެ ޓިކެޓްތައް ބަހައިލި އިރު މުއިއްޒަށް ޓިކެޓު ލިބުނު ތަނެއް ނުފެނުނެވެ. ގިނަ ބަޔަކަށް ހީކުރެވުނީ ފާޑުކިޔުންތަކާ އެކު ސިޔާސީ މައިދާނުން ފެޔަށް ޖެހިވަޑައިގެންނެވީ ކަމަށެވެ. ނަމަވެސް ކުރީގެ ރައީސް ޔާމީން އައިޖީއެމްއެޗަށް ގެންދިޔަ ދުވަހު ހޮސްޕިޓަލުތެރެއަށް އެއްވި މީހުންގެ ތެރެއިން މުއިއްޒު ފެނުނެވެ.

މަޖިލިސް އިންތިހާބުގައި ވާދަނުކުރެއްވި ސަބަބާ ގުޅޭ ގޮތުން ސަން އޮންލައިންގެ "50 މިނެޓް" ޕްރޮގްރަމުގައި މުއިއްޒު ވަނީ ވަހަކަ ދައްކަވައިފަ އެވެ.

"އަޅުގަނޑު އޭރު ދެންނެވިން އަޅުގަނޑުގެ ނިންމުމަކީ މަޖިލީހަށް ކުރިމަތިލުމޭ. އެހެންނަމަވެސް އަޅުގަނޑަށް އެކަމުގައި ރަނގަޅު މަގެއް ނުފެނުނީ. ކުރިއަށް ދިޔުމުގައި އެންމެ މުހިއްމު އެއްކަމަކީ ފައިސާ. ކެމްޕެއިނަކީ ވަރަށް އަގުބޮޑު ކަމެއް. ބައިވަރު ހަރަދުތައް ހިނގާ ކެމްޕެއިނަށް ވެސް. އެހެންވީމާ އެކަހަލަ ބައިވަރު އުނދަގޫތަކެއް އަޅުގަނޑަށް ދިމާވި،" މުއިއްޒު ވިދާޅުވީ މަޖިލީހަށް ކުރިމަތިނުލާ މަޑުކޮށްލުން ރަނގަޅު ކަމަށް ގަބޫލު ކުރެވުމަކީ ވެސް މަޖިލީހަށް ކުރިމަތިނުލެއްވި ސަބަބެއް ކަމަށެވެ.

ޕީޕީއެމް އަށް އިންތިހާބުތަކުގައި ލިބުނު ނާކާމިޔާބީއާ ގުޅިގެން މުއިއްޒު ވިދާޅުވީ އެކަމުގެ ޒިންމާ ވަކި މީހެއްގެ ބޮލުގައި އަޅުވަން ބޭނުންފުޅު ނުވާ ކަމަށެވެ. އެ ނާކާމިޔާބީ އަކީ އެ ޕާޓީ އަދި އޭރުގެ ސަރުކާރުގެ ނާގާބިލުކަމުން ލިބުނު ނާކާމިޔާބީއެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

ޕިޕީއެމްގެ ނައިބު ރައީސް ކަމަށް އައްޔަނު ކުރެއްވުމުން ދެން މަސައްކަތް ކުރައްވާނީ ޕާޓީ ސިޔާސީ ގޮތުން ކުރިއަށް ގެންދިޔުމަށް ކަމަށް މުއިއްޒު ވިދާޅުވި އެވެ.

"ޒިންމާދާރު އިދިކޮޅު ޕާޓީއެއްގެ ގޮތުގައި ކުރިއަށް ދިޔުމަށް މަސައްކަތް ކުރާނީ."

comment ކޮމެންޓް