ޕާކިން ސިސްޓަމްތައް ފެއިލްވުމުން މުއިޒުއަށް ގޯސްވީ ކޮންޓްރެކްޓަރު

ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު --- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި މާލެ އާއި ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ހަރުކުރި މެކޭނިކަލް ޕާކިން ސިސްޓަމްތައް ފެއިލްވީ ކޮންޓްރެކްޓަރު އެ މަސައްކަތް ކުރި ގޮތުން ކަމަށް ކުރީގެ ހައުސިން މިނިސްޓަރު މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ސަން އޮންލައިންގެ "50 މިނެޓް" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ ޕާކިން ސިސްޓަމްތައް ހަރުކުރުމުގެ މަސައްކަތް ހައުސިން މިނިސްޓްރީ އިން ހަވާލުކުރީ ސަރުކާރުގެ ކުންފުންޏަކާ ކަމަށެވެ. މުއިއްޒު ވިދާޅުވީ އެ ފަރާތުން އެ މަސައްކަތް ކުރި ގޮތާ މެދު ހުދު އޭނާ ހުންނެވީ ހިތްޕުޅު ހަމަޖެހިގެނެއް ނޫނެވެ.

"އެބޭފުޅުން އަޅުގަނޑުމެންނަށް އެ މަސައްކަތް ކްރެޑިޓް އުސޫލުން ކޮށްދޭގޮތަށް. އެ ބޭފުޅުންގެ ހަރަދުގައި ގެނެސް، އިންސްޓޯލްކޮށްދީ، ހަވާލުކުރާގޮތަށް. ޕޭމަންޑް ޝެޑިއުލަކުން ފައިސާ ދައްކާގޮތަށް،" މުއިއްޒު ވިދާޅުވީ ތަކުރާރުކޮށް ކުރެވުނު މަސައްކަތާއެކު ވެސް މަސައްކަތް ހަވާލުކުރި ކުންފުނީގެ ފަރާތުން މަސައްކަތް ޑެލިވާކޮށްނުދިން ކަމަށެވެ.

"ޕްރޮޖެކްޓުގައި އެއްގޮތަކަށް ވެސް އަޅުގަނޑުމެންގެ ޑިމާންޑުތަކާ އެއްގޮތަށް މަަސައްކަތް ކޮށްދެވިފައެއް ނުވޭ. ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވިފައި ހުންނާނެ. ފިނޭންސް މިނިސްޓްރީ އިން ފައިސާއެއް ވެސް ނުދޭ [އެއްކޮށް]. އެ ބޭފުޅުން ބޭނުންވި ވަރަށް ބޮޑު އަދަދަކުން ފައިސާ ހޯދަން. އެހެންނަމަވެސް އަޅުގަނޑުމެން، މި މަސައްކަތް ގޮސްފައި އޮތް ހިސާބަށް ބަލާފައި އެވަރަށް އެކަނި ފައިސާ ދިނީ،"

މާލެއަށް ދިމާވެފައިވާ ޕާކިންގެ މައްސަލަ ހައްލު ކުރުމަށް މެކޭނިކަލް ޕާކިން ސިސްޓަމް ރާއްޖެ ގެނެސް އިންސްޓޯލް ކުރުމަށް ހަވާލުކުރީ ސަރުކާރާއި ރައްޔިތުން ހިއްސާވާ ކުންފުނި އެސްޓީއޯ އާ އެވެ. އެ މަސައްކަތް އެސްޓީއޯ އާ ހަވާލުކޮށްފައި ވަނީ 2016 ވަނަ އަހަރުގެ މާޗު މަހު އެވެ.

https://sun.mv/71212

ނަމަވެސް އެ މަސައްކަތް ހަވާލުކުރި ކުންފުނީގެ ނަން ޕްރޮގްރާމުގެ ތެރޭގައި ފާހަގަ ކުރައްވަން މުއިއްޒު ދެކޮޅު ހެއްދެވި އެވެ.

"އެއީ ސަރުކާރުގެ ބޮޑު ކުންފުންޏެއް. އަޅުގަނޑު ބޭނުމެއް ނުވޭ އެއްގޮތަކަށް ވެސް އަޅުގަނޑުމެން ސަރުކާރުގައި ހިމެނުނު އެއްވެސް ކުންފުންޏެއްގެ ނަމެއްވެސް ނޫނީ މީހެއްގެ ނަން ވެސް އަޅުގަނޑު ދަންނަވާކަށް. އެހެން ނަމަވެސް ލިޔެކިޔުންތަކުން ފެންނަން ހުންނާނެ،"

މާލޭގައި ޕާކިން ސިސްޓަމް ހަރުކުރުމުގެ މަސައްކަތުގެ ދަށުން ވެލާނާގެ އާއި ހީނާމާގޭ ސަރަހައްދު އަދި ގާކޮށީގައި ޕާކިން ސިސްޓަމް ބެހެއްޓުމުގެ އިތުރަށް ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުގައި އެ ސިސްޓަމްތައް ބެހެއްޓުމުގެ މަސައްކަތް ކުރި އެވެ. އެ ސަރަހައްދުތަކުގައި ބެހެއްޓި ސިސްޓަމްތައް ބޭނުން ނުކުރެވި ހުއްޓާ މިހާރު ވަނީ ދަބަރަށް ވެފަ އެވެ. މީގެ އިތުރުން ވެސް އެހެން ސަރަހައްދުތަކުގައި ވެސް ޕާކިން ސިސްޓަމް ބަހައްޓަން ނިންމި އެވެ. އެކަމަކު އެ މަސައްކަތްތައް ނުފަށައެވެ.

ޕާކިން ސިސްޓަމް ބެހެއްޓުމުގެ މަސައްކަތް ހަވާލުކުރި އެސްޓީއޯ އަށް އެ މަޝްރޫއުގެ ސަބަބުން ގެއްލުން ވެފައިވާކަމަށް ވަނީ އެނގިފަ އެވެ.

comment ކޮމެންޓް