ފައްޅި ތެރޭ ބޮން ގޮއްވުން ހުއްޓުވި ލަންކާ މީހާއަށް ތައުރީފާއި ޝުކުރުގެ ބަސްތައް

ލަންކާގެ ޒިއޯން ފައްޅިއަށް ހަމަލާދޭން އުޅުނު މީހާ ފައްޅިއަށް ވަނުން ހުއްޓުވި ރަމޭޝް ރާޖޫ އާއި އޭނާގެ އާއިލާ -- ފޮޓޯ: ޓްވިޓާ

ކޮލަމްބޯ (އޭޕްރިލް 25): ސްރީލަންކާގައި މިދިޔަ އާދިއްތަ ދުވަހު ދިން ހަމަލާތަކުގެ ތެރެއިން ބަޓިކަލޯގައި ހުންނަ ޒިއޯން ފައްޅިއަށް ހަމަލާދޭން މަސައްކަތް ކުރި މީހާ ފައްޅިއަށް ވަނުން ހުއްޓުވި ރަމޭޝް ރާޖޫއަށް ގިނަ ބަޔެއްގެ ތައުރީފާއި ޝުކުރުގެ ބަސްތައް ދަނީ އޮހެމުންނެވެ.

ނަސާރާއިން އަހަރަކު އެއް ފަހަރު ފާހަގަ ކުރާ އީސްޓާ ސަންޑޭގައި ލަންކާއަށް ދިން ހަމަލާތަކުގެ ތެރެއިން ތިން ހަމަލާ އަމާޒު ކުރީ ގިނަ އަދަދެއްގެ މީހުން އެއްވެފައި ތިބި ފައްޅިތަކަށެވެ. އޭގެ ތެރެއިން އެއް ފައްޅިއަކީ ޒިއޯން ފައްޅި އެވެ.

އެދުވަހު 40 އަހަރުގެ ރަމޭޝް ރާޖޫ އާއި އޭނާގެ އަންހެނުން ކްރިޝަންތިނީ އާއި ދެ ކުދިން، 14 އަހަރުގެ ރުކްޝިކާ އަދި 12 އަހަރުގެ ނިރުބަންވެސް ހެނދުނު ގަޑީގައި ފައްޅިއަށް ދިޔަ އެވެ.

ކްރިޝަންތިނީއަކީ ޒިއޯން ފައްޅީގައި މަސައްކަތް ކުރާ ޓީޗަރެކެވެ. އަދި އެދުވަހު ހެނދުނު އޮތް ކްލާސްތައް ނިމި، ފައްޅީގައި އީސްޓާއަށް ހާއްސަ އަޅުކަން ފެށުމުގެ ކުރިން އެއާއިލާ ކުޑައިރުކޮޅަކަށް ފައްޅިން ބޭރަށް ނުކުތެވެ. އަދި ބޮޑު ދަބަހެއް އަޅައިގެން ފައްޅިއަށް ވަންނަން ދިޔަ މީހަކު ރަމޭޝްއަށް ފެނުނީ އެހާ ހިސާބުންނެވެ.

ކްރިޝަންތިނީ ބުނި ގޮތުގައި އެމީހާގެ ދަބަހުގައި އޮތީ ކޯއްޗެތޯ ރަމޭޝް ސުވާލު ކުރި އެވެ. އަދި އެމީހާ ބުނި ގޮތުގައި އެއީ ފައްޅީގެ ވީޑިއޯ ނަގަން ބޭނުން ކުރާނެ ކެމެރާއެކެވެ.

ލަންކާގައި އާދިއްތަ ދުވަހު ދިން ހަމަލާގައި މަރުވި ބައެއް މީހުންގެ ޖަނާޒާ. އެހަމަލާތަކުގައި ބަޓިކަލޯއިން އެކަނިވެސް 28 މީހުން މަރުވި -- ފޮޓޯ/އޭޕީ

"އަހަރެންގެ ފިރިމީހާއަށް އެނގުނު ކޮންމެވެސް ނުބައެއް އުޅޭކަން. އަދި އެމީހާ ފައްޅިއަށް ވަނުމުގެ ކުރިން ހުއްދަ ހޯދަން ޖެހޭނެ ކަމަށް (ރަމޭޝް) ބުނި. ދެން އޭނާ އެތަނުން ފޮނުވާލީ،" ކްރިޝަންތިނީ ބުންޏެވެ.

އެހާދިސާއަށް ފަހު ކްރިޝަންތިނީ އާއި ދެކުދިން ހިނގައިގަތީ ގާތްގަނޑަކަށް 450 މީހުން އެއްވެފައި ތިބި ފައްޅިއަށެވެ. އަދި ފައްޅިއަށް ވަނުމާއެކު އެމީހުންނަށް ގަދަފަދަ އަޑެއް އިވިގެންދިޔަ އެވެ. އެއީ ހަމަލާދޭން އުޅުނު މީހާއަށް ފައްޅިއަށް ނުވަދެމުން، ފައްޅީގެ ބޭރުގައި ބޮން ގޮއްވާލި އަޑެވެ.

އެއާއެކު ފައްޅިތެރޭގައި ތިބި އެންމެން އެކި ދިމަދިމާލަށް ދުވަން ފެށި އެވެ. އަދި ކްރިޝަންތިނީ އާއި ދެ ކުދިން ސަލާމަތްވުމާއެކު އެމީހުން ދިޔައީ ހޮސްޕިޓަލަށެވެ.

އެހާދިސާގައި ޒިއޯން ފައްޅީގެ ކައިރީގައި ތިބި 28 މީހުން މަރުވި އެވެ. އޭގެ ތެރޭގައި ރަމޭޝްވެސް ހިމެނުނެވެ. ކްރިޝަންތިނީ ބުނި ގޮތުގައި ރަމޭޝް މަރުވީ ހަމަލާ ދިނުމާއެކު ވަގުތުންނެވެ. އަދި އެއީ އޭނާއަށް ރަމޭޝް އެންމެ ފަހުން ފެނުނު ތަނުގައި ހުއްޓަ އެވެ.

ރަމޭޝްގެ ޖަނާޒާ ވަނީ މިދިޔަ ހޯމަ ދުވަހު ބާއްވާފަ އެވެ. އަދި އަމިއްލަ ފުރާނަ ސަލާމަތް ނުކުރެވުނު ނަމަވެސް، ފައްޅީގައި ތިބި އެތައް ސަތޭކަ މީހުން ސަލާމަތްކޮށްދިން "ހީރޯ"އަށް އިހުތިރާމު އަދާ ކުރަން އެއާއިލާގެ ގެޔަށް ގިނަ އަދަދެއްގެ މީހުން ދަނީ ޒިޔާރަތް ކުރަމުންނެވެ.

ނަަމަވެސް މިއީ ކްރިޝަންތިނީ މިފަދަ ހިތާމައެއް ތަހައްމަލު ކުރަން ޖެހުނު ފުރަތަމަ ފަހަރެއް ނޫނެވެ. އެގޮތުން ލަންކާގައި 26 އަހަރަށް ދެމިގެންދިޔަ ދާހިލީ ހަނގުރާމައިގައި ކްރިޝަންތިނީގެ މަންމަ އާއި ބައްޕަ ވަނީ މަރުވެފަ އެވެ.

"އަހަރެން ވަރަށް ކުޑައިރު އަހަރެންގެ މަންމަ ވަނީ މަރާލާފަ. އޭގެ އަހަރުތަކެއް ފަހުން ބައްޕަވެސް ޝައްކު ކުރެވޭ ގޮތަކަށް ވަނީ މަރާލާފަ،" ކްރިޝަންތިނީ ބުންޏެވެ.

އަދި 2004 ވަނަ އަހަރު އެރި ސުނާމީގައި ކްރިޝަންތިނީގެ ބޮޑުދައިތަ މަރުވެފައިވާ ކަމަށްވެސް އޭނާ ބުންޏެވެ. އެސުނާމީގައި ބަޓިކަލޯއިން 2،000އަށް ވުރެ ގިނަ މީހުން މަރުވި އެވެ.

އެހުރިހާ ހިތްދަތިކަމަކާއެކުވެސް، ރަމޭޝްގެ ހިތްވަރުގަދަ އަމަލުގެ ސަބަބުން އެތައް ސަތޭކަ މީހުންގެ ފުރާނަ ސަލާމަތްވެ، އެމީހުންގެ ހެޔޮ އެދުން ތާއަބަދަށް އެއާއިލާއަށް ލިބޭނެ ކަމަކީ ކްރިޝަންތިނީއަށް ކޮންމެވެސް ވަރެއްގެ ތަސައްލީއެއް ލިބޭނެ ކަމެއް ކަމަށް ބެލެވެ.

ލަންކާގެ ދާހިލީ ހަނގުރާމައަށް ފަހު އެގައުމުގެ ދިން ނުރައްކާތެރި ހަމަލާގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 359އަށް އަރާފަ އެވެ. އަދި އެހަމަލާތަކާ ގުޅުން ހުރި ކަމަށް ބެލެވޭ 60 މީހުން އެގައުމުން ވަނީ ހައްޔަރުކޮށްފަ އެވެ.

comment ކޮމެންޓް