މިހާތަނަށް މާލީ ބަޔާން ހުށަހެޅީ ޖުމުލަ 22 ބޭފުޅުން: އީސީ

އޭޕްރިލް 11، 2019: އިލެކްޝަން ކޮމިޝަންގެ ވަގުތީ ނަތީޖާއާ ބެހޭ ގޮތުން ބޭއްވި ޕުރެސްގެ ތެރެއިން -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގައި ވާދަކުރި ކެންޑިޑޭޓުންގެ ތެރެއިން މިހާތަނަށް މާލީ ބަޔާން ހުށަހެޅީ 22 ބޭފުޅަކު ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

އެ ކޮމިޝަނުގެ މެންބަރު އަދި ތަރުޖަމާނު އަހުމަދު އަކްރަމް މިއަދު ސަން އަށް ވިދާޅުވީ މަޖިލިސް އިންތިހާބުގެ މާލީ ބަޔާން ހުށަހެޅުމުގެ ސުންގަޑިއަކީ މި މަހުގެ 27 ވަނަ ދުވަހުގެ 00:00 ކަމަށެވެ.

މިހާތަނަށް މާލީ ބަޔާން ހުށަހެޅީ އެންމެ 22 ބޭފުޅުން ކަމަށާއި ކަނޑައަޅާފައިވާ މުއްދަތުގައި މާލީ ބަޔާން ހުށަނޭޅުމަކީ އަހަރު ދުވަހުގެ ޖަލު ހުކުމެއް އައިިސްދާނެ ފަދަ ގާނޫނީ ކުށެއް ކަމަށް އަކްރަމް ވިދާޅުވި އެވެ.

އަކްރަމް ވިދާޅުވީ ކެންޑިޑޭޓުންގެ މާލީ ބަޔާން ބަލައިގަތުން އިލެކްޝަންސް ކޮމިޝަނުގެ ފަސް ވަނަ ފަންގިފިލާގައި ކުރިއަށްދާނެ ކަމަށެވެ.

މާލީ ބަޔާން ހުށަހެޅުމުގެ ޒިންމާ ނަގާނީ ކެންޑިޑޭޓާއި ކެންޑިޑޭޓުގެ ކެމްޕެއިން އެޖެންޓު ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުންޏެވެ.

އިންތިހާބުގައި 386 ކެންޑިޑޭޓުން ވާދަ ކުރި އެވެ.

އިންތިހާބުގައި ބަލިވި ނަމަވެސް މޮޅުވި ނަަމަވެސް މާލީ ބަޔާން ހުށަހަޅަން ޖެހެ އެވެ. އަދި މާލީ ބަޔާނުގައި އެ ކެންޑިޑޭޓަކު ކެމްޕެއިނަށް ކުރި ހަރަދުގެ ތަފްސީލު ބަޔާން ކުރަން ޖެހެ އެވެ.

comment ކޮމެންޓް