އުސޫލަށް ބަދަލު ގެނެސް، ނިހާނަށް ޕީއެންސީގެ ލީޑާޝިޕަށް ވާދަކުރުމުގެ ފުރުސަތުދީފި

ނިހާން: އުސޫލުތަކަށް ބަދަލު ގެނެެސް ޕީއެންސީގެ ނައިބު ރައީސް ކަމަށް ކުރިމަތިލުމުގެ ފުރުސަތު ނިހާން އަށް ވަނީ ދީފައި -- ސަން ފައިލް ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

އިދިކޮޅު ޕީޕަލްސް ނޭޝަލް ކޮންގްރެސް ޕާޓީ [ޕީއެންސީ]ގެ ލީޑާޝިޕް ހޮވުމަށް ބާއްވާ ކޮންގްރެސްގެ އުސޫލަށް ބަދަލު ގެނެސް، ދާދިފަހުން އެ ޕާޓީ ގުޅިވަޑައިގެންނެވި ޕީޕީއެމް ޕާލިމަންޓަރީ ގްރޫޕުގެ ކުރީގެ ލީޑަރު އަދި ވިލިމާލޭ ދާއިރާ މެމްބަރު އަހްމަދު ނިހާން ހުސައިން މަނިކަށް ކޮންގްރެސްގެ މަގާމުތަކަށް ކުރިމަތި ލުމުގެ ފުރުސަތު ދީފި އެވެ.

މިއަންނަ ހުކުރު ދުވަހު ބާއްވާ ޕާޓީގެ މަގާމުތަކަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތު ހަމަވެފައި ވަނީ، މިދިޔަ ހޯމަ ދުވަހު 6:00 އަށެވެ.

"ސަން" އަށް އެނގިފައިވާ ގޮތުގައި އެޕާޓީއާ މިދިޔަ އާދިއްތަ ދުވަހު ގުޅިވަޑައިގެންވި ނިހާން ވަނީ އެޕާޓިގެ ނައިބު ރައީސް ކަމަށް ކުރިމަތި ލައްވައިފަ އެވެ. ނިހާން އާ އެކު އިތުރު ހަތަރު ބޭފުޅަކު އެ މަގާމަށް ވާދަކުރައްވަ އެވެ.

ޕާޓީގެ މަގާމުތަކަށް ހުޅުވާލައި މިދިޔަ ހޮނިހިރު ދުވަހު އެ ޕާޓީގެ ނެރުނު އިއުލާނުގައި ބުނެފައި ވަނީ ޕާޓީގެ މާގާމުތަކަށް ކުރިމަތިލެވޭނީ، މި މަހުގެ 15 ގެ ނިޔަލަށް އެޕާޓީގެ ރަޖިސްޓްރީގައި ތިއްބެވި ފަރާތްތަކަށެވެ.

https://sun.mv/118361

ޕާޓީގެ ވަގުތީ ހިންގާ ކޮމެޓީގެ މެމްބަރަކު މިއަދު "ސަން" އަށް ވިދާޅުވީ، މިދިޔަ އާދިއްތަ ދުވަހު އެ ޕާޓީގެ ކައުންސިލް ބައްދަލުވުމުގައި އެ ތާރީހަށް ބަދަލު ގެނެސްފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ، ފަހުން ޕާޓީގެ ކައުންސިލުން ވަނީ ކޮންގްރެސްގެ މަގާމުތަކަށް ކުރިމަތި ލެވޭނީ މި މަހު 22 ވަނަ ދުވަހުގެ މެންދުރު 12:00 އަށް ޕާޓީގެ ރަޖިސްޓްރީގައި ތިއްބެވި ފަރާތްތަކަށް ކަމަށެވެ.

އޭނާ ވިދާޅުވީ، އެގޮތަށް ނިންމެވީ، އެ ޕާޓީގެ މަގާމުތަކަށް ކުރިމަތިލުމަށާއި ޑެލިގޭޓުންގެ ގޮތުގައި ހަރަކާތްތެރިވުމަށް ޝައުގުވެރިވާ ގިނަ ބަޔަކު ތިބުމުން، އެފަރާތްތަކަށް ފުރުސަތު ދިނުމަށް ކަމަށެވެ.

ނިހާންގެ އިތުރުން ނައިބު ރައީސުންނަށް ކުރިމަތިލެއްވި ބޭފުޅުން:

  • ޕީއެންސީގެ ވަގުތީ ނައިބު ރައީސް އަދި މާވަށު ދާއިރާގެ އިންތިހާބީ މެމްބަރު މުހައްމަދު ސައީދު
  • ބާރަށު ދާއިރާ މެމްބަރު އިބްރާހިމް ޝުޖާއު
  • ލަންކާގައި ކުރީގެ އެމްބަސަޑަރު މުހައްމަދު ހުސައިން ޝަރީފް (މުންދު)
  • ކުރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު ނިމާލް

https://sun.mv/118303

ކޮންގްރެސް ޕާޓީގެ ނައިބު ރައިސް ކަމަށް ކުރިމަތިލެއްވި ފަސް ބޭފުޅުން: ކޮންގްރެސް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ހުކުރު ދުވަހު -- ސަން ފޮޓޯ

ނައިބު ރައީސް ކަމަށް ފަސް ބޭފުޅަކު ކުރިމަތިލާފައިވާ އިރު، އިންތިހާބު ކުރަން ޖެހޭނީ ދެ ނައިބު ރައީސެކެވެ. އެހެން ކަމުން މި މަގާމުގެ ވާދަވެރިކަން މިވަނީ ބޮޑުވެ އެވެ.

"ސަން" އަށް އެނގިފައިވާ ގޮތުގައި އެ މުއްދަތުގައި އެ ޕާޓީގެ ރައީސް ކަމަށް ކުރިމަތިލާފައި ވަނީ، މިހާރު އެ ޕާޓީގެ ވަގުތީ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާ މެމްބަރު އަބްދުއްރަހީމް އަބްދުﷲ އެވެ. އިތުރު ބޭފުޅަކު އެ މަގާމަށް ކުރިމަތިލައްވާފައި ނުވެ އެވެ.

ޕާޓީގެ ކޮންސިލަށް 31 ބޭފުލަކު ވަނީ ކުރިމަތިލައިފަ އެވެ. ކައުންސިލަށް ހޮވުމަށް ހަމަޖެހިފައި ވަނީ 20 ބޭފުޅެކެވެ.

އެޕާޓީން މީގެ ކުރިން ބުނި ގޮތުގައި ކައުންސިލަށް އަންހެން ފަސް މެމްބަރުންނާއި 35 އަހަރުން ދަށުގެ ޒުވާން ފަސް މެމްބަރުން އިންތިހާބު ކުރަން ޖެހޭ ކަމަށެވެ.

ޕީއެންސީގައި މިހާރު އޮތީ އެ ޕާޓީ އުފެއްދުމަށް މިދިޔަ ޖެނުއަރީ މަހު ފަހުކޮޅު ބޭއްވި އާންމު ޖަލްސާ އިން އިންތިހާބު ކުރި ވަގުތީ ލީޑާޝިޕެކެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބުނާ ގޮތުން ޕާޓީއެއް ރަޖިސްޓްރީ ވުމާ ގުޅިގެން ތިން މަސް ދުވަސްތެރޭ ޕާޓީގެ މަގާމުތަކަށް ދާއިމީ މެމްބަރުން އިންތިހާބު ކުރަން ޖެހޭނެ އެވެ. އެ މުއްދަތު ހަމަވާނީ އަންނަ ހޮނިހިރު ދުވަހަށެވެ.

ކޮންގްރެސް ޕާޓީގެ އިންތިހާބުގެ ހުރިހާ ކަމެއް އިންތިޒާމް ކުރުމަށް ހަމަޖެހިފައި ވަނީ އެ ޕާޓީ ނިސްބަތްވާ އިދިކޮޅު ކޯލިޝަންގެ މައި ޕާޓީ، ޕީޕީއެމް އިންނެވެ.

comment ކޮމެންޓް